ހަބަރު

ނަޖީބުގެ ރަށްޓެއްސެއްގެ ގެއިން ދިވެހި ފައިސާތަކެއް ހޯދައިފި

May 24, 2018
10

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ގާތްގުޅުމެއް އޮންނަ ފަރާތެއްގެ އެޕާޓްމަންޓް ފާސް ކުރިއިރު ފެނުނު ފައިސާތަކުގެ ތެރޭގައި ދިވެހި ރުފިޔާތަކެއް ހުރި ކަމަށް މެލޭޝިޔާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.

މެލޭޝިޔާގެ ބޮޑު ވަޒީރާއި އޭނާގެ އާއިލާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ހިންގާ ތަހުގީގުގެ ތެރެއިން، މެލޭޝިޔާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ، ނަޖީބުއްރައްޒާގާ ގާތްގުޅުމެއް އޮންނަ، އުމްނޯ ޕާޓީގެ ސުޕްރީމް ކައުންސިލްގެ މެންބަރު އަބްދުލް އަޒީޒް އަބްދުއްރާހިމްގެ ގެކޮޅު ފާސްކޮށްފަ އެވެ.

މެލޭޝިޔާގެ އެންޓި ކޮރަޕްޝަން ކޮމިޝަނާ ހަވާލާދީ މެލޭޝިޔާގެ ނޫސްތަކުން ބުނީ، އެ ގެ ފާސްކޮށް ހޯދި ފައިސާގެ ތެރޭގައި ހިމެނޭ 400،000 މެލޭޝިޔާ ރިންގިޓް (100،416 ޑޮލަރަށްވާ) ފައިސާ ފެނިފައި ވަނީ ޑޮލަރާއި، އިނގިރޭސި ޕައުންޑާއި ޔޫރޯ އާއި އިންޑޮނޭޝިޔާ ރުޕިއާ، ދިވެހި ރުފިޔާ އަދި ސައުދީ ރިއާލްއިން އެވެ. އަދި މެލޭޝިޔާ ރިންގިޓުން ހުރި 500،000 ރިންގިޓް އަބްދުލް އަޒީޒްއާ ގުޅުން ހުރި ދެ އެޕާޓްމަންޓަކުން ފެނިފައިވާ ކަމަށް ވެސް އެ ގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ. މީގެ އިތުރަށް، ރޮލެކްސް ބްރޭންޑް ފަދަ އަގު ބޮޑެތި ގަޑި އާއި ގަހަނާ ވެސް އޭނާގެ އެޕާޓްމަންޓްތައް ފާސްކޮށް އެ ކޮމިޝަނުން ވަނީ ގެންގޮސްފަ އެވެ.

އެކަމާ ގުޅިގެން މީޑިއާތަކާ ވާހަކަ ދައްކަމުން އަބްދުލްއަޒީޒް ވިދާޅުވެފައި ވަނީ އޭނާގެ އެޕާޓްމަންޓްތަކުން ގެންދިޔަ ބޭރު ފައިސާ އަކީ އޭނާ ބޭރުގެ އެކި ގައުމުތަކަށް ދަތުރު ކުރެއްވި އިރު ލިބިފައިވާ ފައިސާ ކަމަށެވެ. އަދި އޭގެ ގިނަ ދަތުރުތަކަކީ އިންސާނިއްޔަތަށް އެހީވުމަށް ޓަކައި އޭނާ ކުރި ދަތުރުތައް ކަމަށް ވެސް އަބްދުލްއަޒީޒް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން އޭނާގެ ގެއިން ފެނުނު އަގުބޮޑެތި ގަނޑިތަކާ ބެހޭގޮތުން ބުނެފައި ވަނީ އޭގެ ތެރެއިން ގިނަ ގަނޑިތަކަކީ އޭނާ މެލޭޝިޔާގެ މަގުމަތީ ބާޒާރަކުން ގަނެފައިވާ ފޭކް ގަޑިތަކެއް ކަމަށެވެ. އަދި އެގެއިން ހޯދި އަގުބޮޑެތި ގަހަނާތަކަކީ އަންހެނުން ތުރު ކުރައްވަން ބޭނުންކުރައްވާ ތަކެތި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަބްދުލްއަޒީޒް އަކީ މެލޭޝިޔާގެ ހައްޖުގެ ކަންކަމާ ގުޅޭ ކުންފުނީގެ އިސްވެރިޔާ ވެސްމެ އެވެ. އެހެން ނަމަވެސް މަހާތީރު ބޮޑު ވަޒީރަކަށް ވަޑައިގަތުމާ އެކު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބުއްރައްޒާގަކީ ރައީސް އަބްދުﷲ ޔާމީންއާ ގާތްގުޅުންތަކެއް ބޭއްވި ބޭފުޅެކެވެ. އަދި ނަޖީބު ބޮޑު ވަޒީރަކަށް ހުންނެވި އިރު، އޭނާ ވަނީ މިދިޔަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެ ދަތުރުފުޅުގައި ނަޖީބުގެ ވަރަށް ގާތް ބޭފުޅުން ހިމެނޭ ބޮޑު ވަފުދެއް ރާއްޖެ ވަޑައިގަތެވެ. އެކަމަކު އެ ވަފުދުގެ ތަފްސީލްތަކެއް ހާމަކޮށްފައެއް ނުވެ އެވެ.