ހަބަރު

ގާޒީ ބަދަލުކުރަން އެދުނު ލިޔުން އާންމު ކުރުމުން މަހުލޫފް މާފަށް އެދެން ޖެހިއްޖެ

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ، ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދޭން އެދި ކުރިމިނަލް ކޯޓުގެ އިސް ގާޒީއަށް ފޮނުވި ސިޓީ މީޑިއާއާ ހިއްސާ ކުރުމުން އެކަމަށް މިއަދުގެ ޝަރީއަތުުގައި މަހުލޫފް މާފަށް އެދިވަޑައިގަންނަވަން ޖެހިއްޖެ އެވެ.

މިއަދުގެ ޝަރީއަތަކީ މަހުލޫފްގެ މައްޗަށް އުފުލާފައިވާ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކިތައް ހުށަހެޅުމަށް ބޭއްވި އަޑުއެހުމެކެވެ.

މިއަދުގެ ޝަރީއަތަށް މަހުލޫފް ހާޒިރުވެފައިވަނީ އެކަންޏެވެ. އޭނާގެ ވަކީލް މި މައްސަލައާ ގުޅިގެން ކުރެއްވި ޓްވީޓަކާއި ގުޅިގެން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެގޮތުން މިއަދުގެ ޝަރީއަތުގައި މަހުލޫފްގެ ފަރާތުން ތިން ކަމެއް ހުށަހަޅާފައި ވެއެވެ. އެއީ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ބަދަލުކޮށްދިނުމަށް އެދިފައިވާ މައްސަލައިގައި އަދިވެސް ޖަވާބެއް ލިބިފައިނުވާތީ އާއި އޭނާގެ ވަކީލު އަހުމަދު ނާޒިމު އަބުދުއް ސައްތާރު ސަސްޕެންޑްކޮށްފައިވާތީވެ މިއަދުގެ ޝަރީއަތާއި ގުޅުންހުރި އެއްވެސް ލިޔެ ކިިޔުމެއް ނެތުމުން ޝަރީއަތް ފަސްކޮށްދިނުމަށާއި ޝަރީއަތް ފެށުމަށް އަންގާފައި އޮންނަ ވަގުތަށްވުރެ ލަހުން ޝަރީއަތްތައް ފައްޓަވާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

އެގޮތުން ގާޒީ ވަނީ މިއަދުގެ ޝަރީއަތުގައި ގާޒީ ބަދަލުކޮށް ދިނުމަށް ފޮނުވި ސިޓީ ކޯޓަށް ލިބިފައިވާ ކަމަށާއި ނަމަވެސް އެ ސިޓީ ގާޒީ އަށް ލިބިފައިނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ގާޒީ ވަނީ ދެ އޮންލައިން މީޑިއާއެއް ކަމަށްވާ އަވަސް އޮންލައިނާއި މިހާރު ނިއުސްގައި ޝާއިއު ކޮށްފައިވާ އެ ސިޓީގެ ހަބަރުތައް މަޖިލީހުގައި ވިދާޅުވެފަ އެވެ. އަދި ހަބަރުގައި ހިމެނޭ ކަންކަމަކީ ސިޓީގައި ހިމެނޭ ކަންކަންތޯ ސުވާލު ކުރައްވާފަ އެވެ.

މަހުލޫފް ވަނީ އެއީ ސިޓީގައި ހިމެނޭ ކަންކަން ކަމަށް ވިދާޅުވެފަ އެވެ. ސިޓީގައިވާ ބައެއް ކަންކަމަށް ރިއާޔަތްކޮށް ގާޒީ ވިދާޅުވީ، ލިޔެކިޔުންތައް ހުށަހެޅުމަށް ހަތް ދުވަސް ދެވިފައިވާ ކަމަށާއި ލިޔެކިޔުންތައް ހުށަހަޅާފައިވަނީ ވަގުތު ހަމަވުމުން ކަމަށް ފާޙަގަ ކުރައްވާފަ އެވެ. އަދި ވަކީލު ސަސްޕެންޝަންގައި ހުރިކަން އެންގީ ލިޔެކިޔުންތައް ހުށަހަޅަން ދިން މުއްދަތު ހަމަވިފަހުން ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ، މި ސިޓީ މީޑިއާއަށް ހިއްސާ ކުރުމަކީ އާންމު ރައްޔިތުންގެ މެދުގައި ޝަރީއަތްތަކާމެދު ސުވާލު އުފެދި ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށެވެ. އަދި އެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ކަމަށާއި އެކަމަށް ކޯޓުގައި މައާފަށް އެދި ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް މަހުލޫފްގެ ކިބައިން އެދޭ ކަމަށެވެ.

މަހުލޫފް ވިދާޅުވީ، ސިޓީ ހިއްސާ ކުރީ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ކަމަށާއި އިންސާފުވެރި ކަމާއެކު އަވަހަށް އެކަން ކޮށްދިނުމަށް ކަމަށެވެ. މަހުލޫފް ވަނީ މިއަދުގެ ޝަރީއަތުގައި އެކަމަށް މައާފަށްއެދި ދެވަނަ ފަހަރަށް އެފަދަ ކުށެއް ތަކުރާރު ނުކުރާނެ ކަމަށް ޝަރީއަތުގައި ވިދާޅުވެފަ އެވެ.

މިއަދުގެ ޝަރީއަތުގައި މަހުލޫފް ހުށަހެޅީ އޭނާގެ ވަކީލް ސަސްޕެންޑްކޮށްފައިވާތީ މިއަދުގެ ޝަރީއަތް ފަސްކޮށްދިނުމަށެވެ. ދައުލަތުންވެސް އެކަމަށް އިއުތިރާޒެއް ނެތުމުން ގާޒީ ވަނީ ޝަރީއަތް ފަސްކޮށްދިނުމަށްއެދި ހުށަހެޅި ހުށަހެޅުން ބަލައިގަނެ ދެން ޝަރީއަތެއް މިމަހުގެ 31 ވަނަ ދުވަހު ބާއްވާނެކަން އިއުލާންކޮށް ޝަރީއަތް ނިންމާލައްވާފަ އެވެ.