ހަބަރު

"ޗައިނާއާ-ރާއްޖެ ގުޅުމަކީ އިންޑިއާއަށް އޮތް ގޮންޖެހުމެއް"

ޗައިނާއާއެކު ރާއްޖޭގެ ގުޅުން ބަދަހިވުމަކީ އިންޑިއާއަށް ކުރިމަތިވެފައި އޮތް ގޮންޖެހުމެއް ކަމަށް އިންޑިއާގެ ކަނޑުމަތީ ސިފައިންގެ ވެރިޔާ ސުނިލް ލާންބާ ވިދާޅުވެއްޖެ އެވެ. ސުނިލް ވިދާޅުވީ ދެގައުމުގެ ހާރިޖީ ގުޅުން އަދިވެސް މުޅިން ހަމައަކަށް ނޭޅޭ ކަމަށެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހުގައި ބުނެފައިވާ ގޮތުން، ނިއުދިއްލީގައި ހުންނަ ވިވެކަނަންދަ އިންޓަނޭޝަނަލް ފައުންޑޭޝަންގައި ވާހަކަ ދައްކަވަމުން ޗީފް ސުނިލް ވަނީ ދިވެހި ސަރުކާރާއެކު އިންޑިއާއިން ގާތުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމުގެ މަސައްކަތް އިންޑިއާގެ ކަނޑުމަތީ ސިފައިން ކުރަމުން އަންނަ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އިންޑިއާގެ އެހީތެރިކަން ދޭނެ ކަމަށެވެ.

ލާންބާ ވަނީ އިންޑިއާ ކަނޑުން ޗައިނާގެ ނުފޫޒު ނައްތާލުމަށް ގުޅިފައިވާ އަސްކަރީ ހަރަކާތްތަކެއް ހިންގާފައި ނުވާކަމަށް ވެސް ވިދާޅުވެފަ އެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުން ޗައިނާގެ ނުފޫޒު ކުޑަކޮށް، ސަރަހައްދުގެ ސުލްހަ ގާއިމްކުރުމަށް، އެގައުމުން އޮސްޓްރޭލިއާ، އެމެރިކާ އަދި ޖަޕާނާ އެކު އުފައްދާފައިވާ ގުޅުމަށް އިޝާރާތް ކުރައްވަމުންނެވެ.

ރާއްޖެއާ ޗައިނާގެ ގުޅުން ބަދަހިވަމުގެ ސަބަބުން އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވެދާނެ ކަމަށް އިންޑިއާއިން ކަނބޮޑުވުން ފާޅުކުރަމުންދާއިރު އެކެއް ފެބްރުއަރީގައި ސުޕްރީމްކޯޓުން ނެރުނު އަމުރާއި އެއާ ވިދިގެން ސިޔާސީ ގޮތުން ރާއްޖޭގައި އުފެދުނު ހަމަނުޖެހުންތަކާ ވިދިގެން ރާއްޖެއާ އިންޑިއާގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.