ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު އަދީބަށް ނުދޭތީ އެޗްއާރްސީއެމަށް

May 24, 2018

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވަކީލުންގެ ބައްދަލުވުންތައް ނުދޭ ކަމަށް ވިދާޅުވެ އޭނާގެ ވަކީލުން އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހަޅައިފި އެވެ.

އަދީބުގެ ވަކީލުން މިއަދު އެޗްއާރްސީއެމަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އަދީބާމެދު ކަރެކްޝަނަލް ސާވިސް އިން އަމަލު ކުރަމުން ދަނީ އެހެން ގައިދީންނާ ވަރަށް ތަފާތުކޮށް ކަމަށެވެ. އަދި ވަކީލުންގެ ބައްދަލުވުން އަދީބަށް ހޯދައިދިނުމަށް އަމަލު ކުރަންޖެހެނީ ވެސް ތަފާތު އިޖުރާއަތުތަކަކަށް ކަމަށެވެ.

މީގެ އިތުރުން ވެސް މާފުށީ ޖަލުން ދޫނިދޫއަށް އަދީބު އަނެއްކާވެސް ބަދަލުކޮށް އެކަހެރިކޮށް ބަންދުކޮށްފައި ބަހައްޓާފައިވާ މައްސަލައެއް އެ ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ. ހުކުމް ތަންފީޒުކުރާ އެހެން ގައިދީންނާ ހިލާފަށް ދޫނިދޫ ކަސްޓޯޑިއަލް އަށް އަދީބު ބަދަލުކޮށްފައިވަނީ އެންޓި ޓޯޗާގެ ގާނޫނާ ހިލާފަށް، ޖަލުތަކާ ޕެރޯލް އާ ބެހޭ ގާނޫނާވެސް ހިލާފަށް ކަމަށް ބުނެ އެ ސިޓީގައި ވަކީލުން ވަނީ ކަރެކްޝަންސް އިން އަދީބާމެދު ގާނޫނާ ހިލާފަށް އަޅާފައިވާ މިފަދަ ފިޔަވަޅުތައް ބަލައިދިނުމަށް އެދިފަ އެވެ.

އަދި ގާނޫނާ ހިލާފަށް ކަމެއް ކޮށްފައިވާނަމަ ކަރެކްޝަންސް އަށް ފިޔަވަޅު އަޅައިދިނުމަށް ވެސް ސިޓީގައި ވަނީކުން ވަނީ އެދިފަ އެވެ.

އަދީބު މިހާރު ވެސް ޖަލުގައި ހުންނެވީ 33 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އަދިވެސް އޭނާގެ ބައެއް މައްސަލަތައް ކުރިމިނަލް ކޯޓުގައި ކުރިއަށްދާއިރު ހައިކޯޓަށް ވެސް މައްސަލަތަކެއް ވަނީ ވައްދާފަ އެވެ.