ހަބަރު

ރޯގާއާ ހުން ފެތުރޭތީ ހުޅުމާލޭގައި ފްލޫ ކްލިނިކެއް ހުޅުވައިފި

މިދުވަސްވަރު ރާއްޖޭގައި ރޯގާ ހުމާއި އިންފްލްއެންޒާ ގަދައަށް ފެތުރޭތީ ހުޅުމާލޭ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.

އިންފްލްއެންޒާ އާއި ރޯގާ ހުން ރާއްޖޭގައި ފެތުރެމުންދާއިރު ބަލި ވެގެން ރިޕޯޓުކުރާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިފަދަ ދުވަސްވަރެއްގައި ހުމާއި ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކަން ދާ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ ގޮތް ހެދުމަށް ހުޅުމާލޭގައި ގާއިމްކުރި ފްލޫ ކްލިނިކާ ބެހޭ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އެ ކްލިނިކުން ދުވާލަކު 16 ގަޑިއިރު ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ދޭނެ ކަމަށެވެ.

މި ކްލިނިކް ވެގެންދާނީ ބަލިވެގެން ޑޮކްޓަރައް ދައްކަންދާ މީހުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ކަމަށާއި ހޮސްޕިޓަލަށް އެހެން ހިދުމަތް ހޯދަންދާ ބަލިމީހުންނަށް ސެކިއުރިޓީއަކަށް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ފްލޫ ކްލިނިކުގައި ހިދުމަތްދޭން ފަށާނީ މާދަމާ އެވެ. އެގޮތުން ކްލިނިކްގެ ހިދުމަތް މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް ލިބޭނެ އެވެ.

ހުމާއި ރޯގާ ފެތުރޭތީ މި ފަހުން އޭޑީކޭ ހޮސްޕިޓަލުގައި ވަނީ ފީވާ ކްލިނިކެއް ވެސް ހުޅުވާފަ އެވެ.