ލައިފްސްޓައިލް

މި ނަރުސް ބޭނުމީ ދާއިރާއިން ޕީއެޗްޑީ!

އެނގޭހެއްޔެވެ؟ ރާއްޖޭގައި އެތައް ސަތޭކަ ނަރުހުން ތިބި އިރު އޭގެތެރެއިން ފިރިހެނުންގެ އަދަދަކީ ހައެކެވެ. އަދި އޭގެ ތެރެއިން އެއް ނަމަކީ އަހުމަދު އަލީ އެވެ. ނަރުހެއްގެ ގޮތުގައި އަހުމަދު އަލީ ހިދުމަތްކުރާތާ 11 އަހަރު ވެއްޖެ އެވެ. ބަލިމީހުންނަށް އެހީވެ އަޅައިލުމަކީ އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމާއި އުފަލެވެ. އަބަދުވެސް ކުރި އުންމީދަކީ ވެސް އެއީ ކަމަށްވާތީ އޭނާގެ އެންމެ ބޮޑު ލޯތްބަކީ ވެސް އެއީ އެވެ. އޭނާއަކީ ރާއްޖޭގައި ރަޖިސްޓާޑް ފިރިހެން ނަރުހުންގެ ދަފުތަރުގެ ކުރީގައި އޮތް ނަންވެސް މެއެވެ. ފ. ނިލަންދޫއަށް އުފަން އަހުމަދު އަލީ 33، އެއީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ސީނިއާ ރަޖިސްޓާޑް ނަރުހެކެވެ.

ނަރުސްކަމުގެ ދާއިރާއިން އެމްއެންޔޫގައި މިހާރު މާސްޓާސްއަށް ކިޔަވައިދެމުން ޕާޓްޓައިމް ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ އަހުމަދުގެ ނަޒަރުގައި ނަރުހުންގެ ދާއިރާގައި ފިރިހެނުންގެ ދައުރު އަދި ފުޅާވާނެ އެވެ. ޖިންސުގެ ހަމަހަމަކަން ހޯދަން ކުރާ މަސައްކަތުގެ ހެޔޮ ބަދަލު ނަރުހުންގެ ދާއިރާއިން ވެސް ދުރު ނޫން މުސްތަގުބަލެއްގައި ފެންނާނެ އެވެ.

އަހުމަދު ފަދަ ފިރިހެން ނަރުހުންގެ ތަޖުރިބާއިން ބައެއް މައްސަލަތަކަށް ޖަވާބު ހޯދަން އެހީތެރި ވެދޭނެ އެވެ. މީހުން ތަމްރީނު ކުރަން މިފަދަ ނަރުހުންގެ ތަޖުރިބާ ވަރަށް ބޮޑު ހިއްވަރަކަށް ވާނެ އެވެ.

އަނިޔާއެއް ނުވަތަ ބައްޔެއް ވެގެން ހޮސްޕިޓަލަށްދާ މީހާއަށް އޯގާތެރިކަމާއެކު އަޅައިލުމާއި ނަރުހެއްގެ ގޮތުގައި ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަކީ ހަމައެކަނި އަންހެނުންގެ ކަމެއް ނޫންކަން އަހުމަދުފަދަ ހިދުމަތްތެރިންގެ މަސައްކަތުން އެނގެ އެވެ.

"އެންމެ ފުރަތަމަ މަންމަ ގާތު ނަރުހަކަށް ވާން ބޭނުމޭ ބުނީމަ މަންމަގެ ޖަވާބު އައީ ވަރަށް ހައިރާންވި ގޮތަކަށް. މަންމަ ހިއްވަރުދިނީ އަހަރެން ބޭނުންވި ގޮތަށް ނަރުހަކަށް ވާން. ދުވަހަކުވެސް މީހެއްގެ ފަރާތުން ނަރުހަކަށް ވާތީ ނުވަތަ ވާން ބޭނުންވާތީ މަލާމާތެއް، އެއްޗެއް ކީ އަޑެއް ނާހަން،" އަހުމަދު ބުންޏެވެ.

"ދާން ބޭނުންވާ ހިސާބަކަށް އަދި ނުދެވޭ އަދި. ބޭނުންވާ ހިސާބާ ގާތަށް ވެސް ނުދެވޭ އަދި. ނަރުހެއްގެ ގޮތުގައި އެރެން އޮތް އެންމެ އުހަކަށް އަރަން ބޭނުންވަނީ. މިހާރު މި ހަދަނީ މާސްޓާސް. މިއަށްފަހު ޕީއެޗްޑީ ވެސް ފުރިހަމަކުރަން ބޭނުން. އެއާއެކު އަދިވެސް ބޭނުމީ ފީލްޑްގަ މަސައްކަތް ކުރަން،" އޭނާ ބުންޏެވެ.

އޭނާގެ ނަޒަރުގައި ވަކި ޖިންސެއް ރަމްޒުކޮށްދޭ ވަޒީފާއެއް ނޯންނާނެ އެވެ. އެ ވިސްނުން ބަދަލުކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރަކީ ބޮޑު ދައުރެކެވެ.

"ފިރިހެން ދަރިން ހިސާބަށް ނޫނީ ސައިންސަށް މޮޅުވީމަ ބުނާނެ ޑޮކްޓަރަކަށް ވާށޭ، ހަމަ އެގޮތަށް ބުނެވިދާނެ ދަރިފުޅު ބޭނުމިއްޔާ ނަރުހަކަށް ވެސް ވެވިދާނޭ،

އުމުރުން 18 އަހަރުގައި ރަށު ސިއްހީ މަރުކަޒުގައި ނަރުހުންގެ ތަމްރީނު ހޯދަން އުޅުނު ދުވަހުން ފެށިގެން މިހާތަނަށް ނަރުހެއްގެ ގޮތުގައި އަހުމަދު ނުކުރާ ކަމެއް ނެތެވެ. ބެޑްސައިޑް ކެއާއިން ފެށިގެން އޮޕަރޭޝަން ތިއޭޓަރުގައި ވެސް އެސިސްޓުކުރެ އެވެ. ޑެލިވަރީތަކުގައި އެސިސްޓު ކޮށްދިނެވެ. އަދި މިހާރު މަސައްކަތްކުރަމުންދަނީ އައިޖީއެމްއެޗްގެ ޑަޔަލީސިސް ޔުނިޓްގެ ނަރުހެއްގެ ގޮތުގަ އެވެ.

ނަރުހުންގެ ވަޒީފާއަކީ މީހުން އިހުތިރާމްކުރާ ބޭނުންތެރި ވަޒީފާއެކެވެ. ރަނގަޅު މުސާރަ ލިބެއެވެ. ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހެނީ ވަކި ޖިންސަކަށް އުފަންވެގެނެއް ނޫނެވެ. ނަރުހަކަށް ވާންވީ ހިދުމަތް ކުރާށެވެ. ބަލި އެނދުގައި ވޭނުގައި އޮންނަ މީހާއަށް އޯގާތެރިކަންދީ އަޅައިލުމަށެވެ.