ޒުވާނުންނަށް ވީހާވެސް ފަސޭހައިން ލައިސަންސް ނެގުމަށް މަގުފަހި ކުރުމަށް ބާއްވާ "އެއްލަކިން" ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރަން ޖެހޭ ފޯމުގައި ބައިވެރިވާ މީހާގެ ސޯޝަލް މީޑީއާ ޕްރޮފައިލްތަކުގެ މައުލޫމާތު ދޭން ޖެހޭތީ ޓްރާންސްޕޯޓް އޮތޯރިޓީއަށް ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.
އެއް ދުވަހުން ޑްރައިވިން ލައިސެންސް ލިބޭ އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރަން ޖެހޭ ފޯމުގައިވާ ގޮތުން ލައިސެންސް ހޯދަން ބޭނުންވާ މީހުންގެ ޓްވިޓާއާ، ވައިބާއާ، އިންސްޓަގްރާމްއާ، ވަޓްސްއެޕް އަދި ފޭސްބުކްގެ މައުލޫމާތުތައް ދޭން ޖެހެ އެވެ. ޑްރައިވިން ލައިސެންސް ހޯދަން ފުރާ ފޯމެއްގައި ސޯޝަލް މީޑިއަގެ މަައުލޫމާތުތައް ނަގަން ޖެހެނީ ކީއްވެކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދާ އެކަމަށް ފާޑު ކިޔަމުންނެވެ. އެއް ބަޔަކު ތުހުމަތު ކުރާ ގޮތުގައި، މިއީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭނަށް އެއްކުރާ މައުލޫމާތެވެ.
"އެއްލަކިން" ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިންގެ މި ފަހަރުގެ ޝިއާރެވެ. އެ ޝިއާރުގެ ދަށުން ލައިސެންސް ނަގަން ދޫކުރާ ފޯމުގައި ސޯޝަލް މީޑިއާގެ މައުލޫމާތުތައް ހޯދަނީ ރައީސް ޔާމީންގެ ކެމްޕެއިންގެ މައުލޫމާތުތައް ފެތުރުމަށް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.
ލައިސެންސް ނަގަން ރޭ ފުރުސަތު ހުޅުވާލުމުން ހުރަވީ ބިލްޑިން އިން ފެށިގެން ދިގު ކިއޫއެއް ވަަނީ ހަދާލައިފަ އެވެ. 100 އަށް ވުރެ ގިނަ މީހުން ލަައިސެންސް ނަގަން ދިޔަ އިރު އެ ތަނުގެ އިންތިޒާމްތައް ހުރި ގޮތުން ރޭ 1:00 ޖަހައި ބޮޑުވީ ފަހުން ވެސް ގިނަ ބަޔަކަށް ލައިސެންސް ނުލިބިފައި ތިބެން ޖެހުނެވެ.
ލައިސެންސް ނެގުމުގެ އެ ޕްރޮގްރާމް މިރެ އާއި މާދަމާ ރޭ ވެސް ހަމަ އެ ސަރަހައްދުގައި ކުރިޔަށް ދާނެ އެވެ.