ބޮލީވުޑް

އެންމެ ބިޒީ ބަތަލާއަކީ ތާޕްސީ

ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް ބަތަލާ ދިޕިކާ ޕަދުކޯން އަތުގައި ކުޅޭނެ ފިލްމެއް ނެތް ކަމުގެ ވާހަކަ މިދިޔަ ހަފްތާގެ ތެރޭގައި ދެކެވެން ފެށުމުން އޭނާގެ ފޭނުންނަށް ލިބުނީ ބޮޑު ޝޮކެކެވެ. ޖެނުއަރީ މަހު ނިކުތް "ޕަދްމާވަތް" ގެ ކާމިޔާބާއެކު ދިޕިކާ ވަނީ ބޮލީވުޑްގެ އެންމެ އަގުބޮޑު ބަތަލާ އަށް ވެގެން ގޮސްފަ އެވެ. އެ ފިލްމުގެ ފަހުން "ސަޕްނާ ދީދީ" ކިޔާ ފިލްމެއް އިރްފާން ޚާނާ އެކު ޝޫޓް ކުރަން ތައްޔާރު ވަމުން އަންނަނިކޮށް އިރްފާން ކުއްލިއަކަށް ވަރަށް ބަލިވެ، ފަރުވާ އަށް އިންޑިއާއިން ބޭރަށް ފުރަން ޖެހުމުގެ ސަބަބުން އެ ފިލްމުގެ ޝޫޓިން ވަނީ ފަސްކޮށްފަ އެވެ.

ދިޕިކާއަށް އިތުރު މާޔޫސްކަމެއް ކުރިމަތިވީ އަތުގައި ކުޅޭނެ އިތުރު ފިލްމެއް ނެތީސް އެ ފިލްމު މަޑުޖައްސާލަން ޖެހުމުންނެވެ.

މިދިޔަ އަހަރު ހޮލީވުޑްގެ ފުރަތަމަ ފިލްމާއި "ޕަދްމާވަތް" ގެ ޝޫޓިންގައި އުޅެން ޖެހުމުގެ ސަބަބުން ދިޕިކާ އަށް އިތުރު ފިލްމަކަށް ވަގުތު ނުދެވުން ވީ އޭނާއާ ވާދަވެރި އެހެން ބަތަލާއިން ކުރިއަރައި ދާން ލިބުނު ރަނުގެ ފުރުސަތަކަށެވެ. އަދި "ޕަދްމާވަތް" ގެ ނަމުގެ މައްސަލަގައި ފިލްމު ރިލީޒް ކުރުން ލަސްކުރަން ޖެހުމާ ގުޅިގެން ވެސް ދިޕިކާއަށް އިތުރު ފިލްމެއް ކުޅެން ސޮއިކުރެވޭ ގޮތް ނުވީ އެވެ.

ނަތީޖާއެއްގެ ގޮތުން ވާދަވެރި އެހެން ބަތަލާއިންނަށް ފިލްމުތަކުން ލިބެމުން އައި ހުރިހާ ފުރުސަތެއްގެ ބޭނުން ހިފީ އެވެ. މިހާރު ދިޕިކާ އަތުގައި ފިލްމެއް ނެތް ނަމަވެސް އޭނާގެ ވާދަވެރި ބަތަލާއިންގެ އަތުގައި ކުޅެން ހުރި ފިލްމުތައް ބައިވަރެވެ.

އެގޮތުން އެންމެ ގިނަ ފިލްމުތައް ހުރެ، މިހާރު އެންމެ ބިޒީ ބަތަލާއަކީ "ޕިންކް" އިން ވިދާލި ތާޕްސީ ފަންނޫ އެވެ. އޭނާ އަތުގައި ހަތް ފިލްމެއް އޮތްއިރު، އޭގެ ތެރެއިން ފަސް ފިލްމަކީ ހިންދީ ފިލްމެވެ. ތާޕްސީ އަތުގައި ހުރި ފިލްމުތަކަށް ބާލާއިރު އޭނާ އަތުގައި ހުރީ މުޅިން ވެސް ތަފާތު ވާހަކަތަކުގެ މޮޅު ސްކްރިޕްޓްގެ ފިލްމުތަކެވެ. އޭގެތެރެއިން ހަތަރު ފިލްމެއް މި އަހަރު ރިލީޒް ކުރާނެ އެވެ. އެއީ ޖުލައި މަހު ނިކުންނަ "ސޫރްމާ" އާއި "މުލްކް" އާއި ސެޕްޓެމްބަރުގައި ރިލީޒް ކުރާ "މަންމަރްޒިޔާ" ގެ އިތުރުން މި އަހަރު ފަހުކޮޅު ނިކުންނަ ތެލުގު ފިލްމު "ނީވެވަރޫ" އެވެ.

މީގެއިތުރުން ވެސް އަންނަ އަހަރު ތާޕްސީ ސުޖޯއި ޖޯޝް ޑައިރެކްޓްކުރާ ފިލްމެއް އަމީތާބް ބައްޗަންއާއެކު ކުޅޭނެ އެވެ. އެ ދެތަރިން ވަނީ "ޕިންކް" ގައި ވެސް އެކުގައި ފެނިގެން ގޮސްފަ އެވެ. އަދި ތެލުގޫ އާއި ތަމަޅަ ބަހުން އުފައްދާ ފިލްމެއްގެ އިތުރުން ބަތަލާ ކްރީތީ ސަނޮން އާއެކު ކުޅޭ "ވުމަނިޔާ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް އަންނަ އަހަރު ކުރާނެ އެވެ.

ތާޕްސީ އަށް ފަހު ދެން އެންމެ ގިނަ ފިލްމު ކުޅެމުން އަންނަނީ ބަތަލާ އަކީ އާލިއާ ބަޓް، އަނުޝްކާ ޝަރްމާ އަދި ކެޓްރީނާ ކައިފް ފަދަ ބަތަލާއިން ކަމަށް ހީވެދާނެ އެވެ. ނަމަވެސް އެ ބަތަލާއިންނަށް ވުރެން ގިނަ ފިލްމު އަތުގައި ހުރި ދެވަނަ ބަތަލާ އަކީ ކްރީތީ ސަނޮން އެވެ.

"ހީރޯޕަންތީ" އިން ބޮލީވުޑަށް ނިކުތް ކްރީތީގެ އަތުގައި މިހާރު ވެސް ކުޅެން ސޮއިކޮށްފައި އޮތް ހަތަރު ފިލްމު އެބަ އޮތެވެ. އެއީ "ވުމަނިޔާ" އާއި "އަރްޖުން ޕަޓިއާލާ" "ޕާނީޕަޓް" އަދި "ހައުސްފުލް 4" އެވެ. "ބާޢީ 3" ވެސް ކްރީތީ އަށް ހުށަހަޅާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ތިން ވަނަ އަށް އެންމެ ބިޒީ ބަތަލާ އަކީ އަނުޝްކާ ޝަރްމާ އެވެ. ޝާހްރުކް ޚާން އާއެކު "ޒީރޯ" ޝޫޓް ކުރަމުން އަންނަ އަނުޝްކާގެ އަތުގައި އެ ފިލްމު ފިޔަވައި އޮތީ "ސުއިދާގާ" އާއި އަންނަ މަހު ރިލީޒްކުރާ "ސަންޖޫ" ގެ އިތުރުން ކުރިއަށް ކުޅެން ހަމަޖެހިފައި އޮތް "ކަނޭޑާ" އެވެ. ސަންޖޫގައި އަނުޝްކާ ކުޅެފައިވަނީ ވަރަށް ކުޑަ ރޯލެކެވެ.

މި މަހު ކައިވެނި ކުރި ބަތަލާ ސޯނަމް ކަޕޫރަކީ ވެސް އެންމެ ބިޒީ ބަތަލާއިންގެ ލިސްޓުން ޖާގަ ހޯދާ ތަރިއެކެވެ. އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "ވީރޭ ދި ވެޑިން" އާއި އަންނަ މަހު ރިލީޒްކުރާ "ސަންޖޫ" ގައި މުހިންމު ރޯލަކުން ފެނިގެންދާ ސޯނަމް ވަރަށް އަވަހަށް އިތުރު ދެ ފިލްމެއްގެ ޝޫޓިން ފަށާނެ އެވެ. އެއީ އޭނާގެ ބައްޕަ އަނިލް ކަޕޫރުއެކު ކުޅޭ "އެކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ" އާއި "ޒޯޔާ ފެކްޓާ" އެވެ. މުޅި އެކު ސޯނަމް އަތުގައި މިހާރު އޮތީ ހަތަރު ފިލްމެވެ.

ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ބުރަކޮށް އުޅޭހެން ހީވާ ތަރިއަކީ އާލިއާ އެވެ. އެެއް ފިލްމަށްފަހު އަނެއް ފިލްމުގެ ޝޫޓިން އާލިއާ އަންނަނީ ފަށަމުންނެވެ. މި މަހު ނިކުތް "ރާޒީ" ގެ ކާމިޔާބާއެކު އާލިއާގެ ވިދުން ގަދަވެފައިވާއިރު، އޭނާ މިހާރު އަންނަނީ ބޮޑު ކާސްޓުން ހިމެނޭ ފިލްމު "ކަލަންކް" ޝޫޓް ކުރަމުންނެވެ. އަދި ރަންބީރު ކަޕޫރާއެކު ކުޅޭ "ބްރަހަމަޝްތުރަ" ވެސް އަންނަނީ ޝޫޓްކުރަމުންނެވެ. މިފަހުން އާލިއާ ވަނީ ރަންވީރު ސިންގާއެކު ކުޅުނު "ގަލީ ބޯއި" ގެ ޝޫޓިން ނިންމާލާފަ އެވެ. ކުރިއަށް އާލިއާގެ ތިން ފިލްމެއް ރިލީޒްވާން އޮތްއިރު، "އާޝިގީ 3" ގެ މަޝްވަރާތައް ވެސް އަންނަނީ ކުރެވެމުންނެވެ.

އާލިއާ އަށް ފަހު ދެން އެންމެ ބިޒީ ދެ ބަތަލާއިންނަކީ ޝްރަދާ ކަޕޫރާއި ޕަރިނީތީ ޗޯޕްރާ އެވެ. ޝްރަދާ މިހާރު އަންނަނީ "ބައްޓީ ގުލް މީޓަރު ޗަލޫ" އާއި "ސްޓްރީ" އަދި "ސާހޯ" ވެސް ޝޫޓްކުރަމުންނެވެ. ކުރިއަށް ދެން ކުޅެން އޭނާގެ އަތުގައި އޮތް ފިލްމަކީ ސާއިނާ ނެހްވާލްގެ ބައޮޕިކެވެ.

ފިލްމު ކުޅުމުން ދެ އަހަރު ދުވަހު ބްރޭކެއް ނަގައިގެން ހުރުމަށްފަހު ޕަރިނީތީ އެނބުރި އައީ މިދިޔަ އަހަރު ނިކުތް "ގޯލްމާލް އެގެއިން" އިންނެވެ. އެ ފިލްމުގެ ކާމިޔާބާ އެކު ޕަރިނީތީގެ ވިދުން ގަދަވެފައިވާއިރު އޭނާ ވަނީ މިފަހުން "ސަންދީޕް އޯރް ޕިންކީ ފަރާރް" ގެ ޝޫޓިން ނިންމައި "ނަމަސްތޭ އިންގްލޭންޑް" ގެ ޝޫޓިން ވެސް ފަށާފަ އެވެ. އަދި ވަރަށް އަވަހަށް އަކްޝޭ އާއެކު ކުޅޭ "ކޭސަރީ" ގެ ޝޫޓިން ވެސް ފަށާނެ އެވެ. "ތަކަޑުމް" ކިޔާ ފިލްމެއްގެ ބަތަލާގެ ރޯލު ވެސް ޕަރިނީތީ އަށް ވަނީ ލިބިފަ އެވެ. ނަމަވެސް އެ ފިލްމުގެ ޝޫޓިން ފެށުން ވަނީ މުއްދަތެއްނެތް ގޮތަށް ފަސްކޮށްފަ އެވެ.

ތިން ފިލްމާއެކު ބަތަލާ ކެޓްރީނާ ކައިފް ވެސް އުޅެނީ ވަރަށް ބުރަކޮށެވެ. އޭނާ އަންނަނީ "ތަގްސް އޮފް ހިންދުސްތާން" އާއި "ޒީރޯ" ޝޫޓްކުރަމުންނެވެ. އަދި ވަރަށް އަވަހަށް ވަރުން ދަވަން އާއެކު ކުޅޭ ރެމޯ ޑިސޫޒާގެ ޑާންސް ފިލްމުގެ މަސައްކަތް ފަށާނެ އެވެ.

ކެޓްރީނާގެ އިތުރުން ކަންގަނާ ރަނާވަތު އަތުގައި ވެސް މިހާރު އޮތީ ތިން ފިލްމެވެ. އެއީ އަމިއްލަ އަށް ޕްރޮޑިއުސްކުރާ "މަނިކާރްނިކާ" އާއި ކުރިއަށް އޮތް އާރް ބަލްކީގެ ސްޕޯޓްސް ޑްރާމާ އާއި އަޝްވިނީ އައްޔަރް ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެއިތރުން ކަންގަނާ އަންނަނީ ރާޖް ކުމާރު ރާއޯ އާއެކު ވެބް ސީރީޒްއެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

ދެން ތިބި މަޝްހޫރު ބަތަލާއިންގެ ތެރެއިން ސޮނާކްޝީ ސިންހާ އާއި ޖެކުއަލީނާ ފާނެންޑޭޒްގެ އަތުގައި މިހާރު އޮތީ ދެ ފިލްމެވެ. ސޮނާކްޝީ އަންނަނީ "ކަލަންކް" އާއި "ހެޕީ ފިރް ބާގް ޖާއެގީ" ޝޫޓްކުރަމުންނެވެ. އަދި ޖެކުއަލީންގެ "ރޭސް 3" މި އީދުގައި ރިލީޒްކުރާއިރު ކުރިއަތް "ޑްރައިވް" ވެސް އެބައޮތެވެ.

އަހަރުތަކެއް ވަންދެން ފިލްމު ކުޅުމާ ދުރުގައި ހުރި މާދުރީ ވެސް އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ "ޑަބަލް ދަމާލް" އާއި "ކަލަންކް" އެވެ. އަދި މަރާޓީ ފިލްމު "ބަކެޓް ލިސްޓް" ވަނީ ހުކުރު ދުވަހު ރިލީޒްކޮށްފަ އެވެ.

މި ބަތަލާއިންގެ އިތުރުން ކުޅަދާނަ ތަރިންގެ ތެރެއިން އައިޝްވާރިޔާ އާއި ކާޖޮލް އަދި ޕްރިޔަންކާ މަސައްކަތް ކުރަމުން އަންނަނީ އެންމެ ފިލްމެއްގެ އެވެ. އެއީ "ފަންނޭ ޚާން" އާއި "އެލާ" އަދި "ބާރަތް" އެވެ.