ހަބަރު

ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް މުހުތާޒަށް ފަރުވާއެއް ނުދޭ: އާއިލާ

ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް މުހުތާޒް މުހުސިންއަށް ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ފަރުވާދެމުން ނުދާ ކަމަށް އޭނާގެ އާއިލާއިން ބުނެ، ކަންބޮޑުވުން ފާޅުކޮށްފި އެވެ. މުހުތާޒު ހޮސްޕިޓަލުން ޖަލަށް ބަދަލުކޮށްފައިވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ.

މުހުތާޒްގެ މައިބަދައިގެ މައްސަލައެއްގައި އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު ޖަލަށް ގެންދިޔައީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ހޮސްޕިޓަލްގައި ބާއްވައިގެން އޭނާގެ ގަޔަށް ބާރުގަދަ އިންޖެކްޝަނެއް ދިން ކަމަށް އާއިލާއިން ބުނެ އެވެ. މީގެކުރިން ވެސް މައިބަދައިގެ މައްސަލައެއްގައި ދެ ހަފުތާއެއްހާ ދުވަހަށް ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. އެ ފަހަރު ވެސް އޭނާ ގަޔަށް އިންޖެކްޝަން ޖަހާފައިވެ އެވެ. ނަމަވެސް ކުރިން ޖެހި ދެ އިންޖެކްޝަނުން ވެސް ފަރުވާއެއް ނުލިބުނީ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް އަމަލު ނުކުރުމުން ކަމަށް އާއިލާއިން ބުނެ އެވެ.

މުހުތާޒުގެ އަނބިކަނބަލުން އަދި ވަކީލް ޝާދިޔާ އާދަމް ވިދާޅުވީ، ލިޔުމުންނާއި އަނގަބަހުން ޑޮކްޓަރުން ދިން އިރުޝާދާ އެއްގޮތަށް ޖަލުގައި މުހުތާޒަށް އެއްވެސް ފަރުވާއެއް ދެމުންނުދާ ކަމަށެވެ. އެހެން ފަރުވާ ނުދެވޭނަމަ އޭނާ އާއިލާއާ ހަވާލުކޮށްދިނުމަށް އެދޭ ކަމަށް ވެސް ޝާދިޔާ ވިދާޅުވި އެވެ.

"މުހުތާޒު ޖަލަށް އަނބުރާ ގެންގޮސް ވެސް ވެއްދީ ހަމަ ކުރީގަ ވެސް އޮތް ގޮޅިއަށް، ކުރިން އެއް ގަޑިއިރު ހިނގަން ކޮންމެ ދުވަހަކު ނެރޭ، މިހާރު ނުނެރޭ، ޑޮކްޓަރުން ސްޓްރިކްލީ އެޑްވައިސްކުރި ގިނަ ވަގުތު ހިނގަން، ފަތަން، ގުދު ނުވާން، ބަރު އެއްޗެހި ނުއުފުލަން، ރެގިއުލާ ފިޒިއޯ ނަގަން،" ޝާދިޔާ ވިދާޅުވި އެވެ.

އެކަމަކު ޖަލަށް ގެންދިޔަތާ ތިން ދުވަސްވީއިރު ފިޒިއޮތެރަޕީ އެއްވެސް ވަރަކަށް ހަދާފައިނުވާ ކަމަށް ޝާދިޔާ ވިދާޅުވި އެވެ. ޖެހި އިންޖެކްޝަންގެ އަސަރުކުރަން 14 ދުވަސް ނަގާނެ ކަމަށް ވެސް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވިދާޅުވި އެވެ. ޝާދިޔާ ވިދާޅުވި ގޮތުގައި އެކަން މިހާރު ވާނީ އެޗްއާރްސީއެމްގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

"ޒާތީވުމާ ތަފާތުކުރުން ދޫކޮށްލުމަށްފަހު މުހުތާޒަށް ޑޮކްޓަރުގެ ލަފާ އެއްގޮތާ ބޭސްފަރުވާކޮށް ދިނުމަށް އަޅުގަނޑު އެދެން، ބޭސްފަރުވާ ސިޔާސީ ނުކުރުމަށް އެދެން، އެއީ އިންސާނީ ހައްގެއް، މިއީ ބަރަކާތްތެރި މަހެއް،" ޝާދިޔާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރެގެން ގާނޫނާ ހިލާފު އަމަލެއް ހިންގަން އުޅުނު ކަމުގެ ކުށް ސާބިތުވެ މުހުތާޒު ވަނީ 17 އަހަރަށް ޖަލަށްލާފަ އެވެ. އޭނާގެ ޖަލު ހުކުމް ވަނީ އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ އަދި ކުރިއަކަށް ނުދެ އެވެ.