މިއުޒިކް

"ޑެސްޕަސީޓޯ" ހެކުކުރި ދެމީހުނަށް ދައުވާ ކުރަނީ

ޔޫޓިއުބުގައި ފަސް ބިލިއަން ވިއުސް ހޯދި ފުރަތަމަ ލަވަ "ޑެސްޕަސީޓޯ" ހެކުކުރި މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ނިންމައިފި އެވެ. މި މައްސަލާގައި ދައުވާ ކުރަނީ ފްރާންސުގެ 18 އަހަރުގެ ދެ ފިރިހެން ކުއްޖެއްގެ މައްޗަށެވެ.

އެ ލަވަ ހެކުކުރި ކަމަށް ތުހުމަތުކުރެވޭ މި ދެ މީހުން ވަނީ ޔޫޓިއުބުން އެ ލަވަ ދުއްވާލާފަ އެވެ. ލަވަ ދުއްވާލުމަށްފަހު އެ ލަވައިގެ ކަވާ ފޮޓޯއަކަށް މޫނު ފޮރުވައިގެން ތިބި ބައެއްގެ ފޮޓޯއެއް ލަވާފައިވެ އެވެ. އެމީހުން ތިބީ ބަޑިތަކެއް ވެސް ހިފައިގެންނެވެ.

ހެކްކުރި ލަވަތަކުގައި އެމީހުން އަމިއްލަ މެސެޖުތައް ލިޔެފައި ހުއްޓެވެ. އެ މެސެޖުތަކުގައި ފަލަސްތީނު މިނިވަން ކުރުމަށްވެސް ގޮވާލާފައިވެ އެވެ.

ޕެރިހުގެ ޕްރޮސެކިއުޓާ އޮފީހުން އެ ދެ މީހުންގެ ނަމުގެ ގޮތުގައި އާންމުކޮށްފައި ވަނީ ނަސީމް ބީ އާއި ކެބްރިއެލް ކެބް އެވެ.

މި ދެމީހުން ހޯދުމަށް ފްރާންސްގެ ފުލުހުން ބޭނުންކުރީ އެ މީހުން ޓުވިޓާގައި ބޭނުންކުރި "ޕްރޯސޯކް" އަދި "ކުރޯއިޝް" ކިޔާ ފޭކު އެކައުންޓުތަކެވެ. އެ އެކައުންޓުތައް ބޭނުން ކޮށްގެން ފުލުހުން އެމީހުން ތިބި ސަރަހައްދެއް ހޯދާއި ހައްޔަރުކުރި އެވެ.

ކޯސްޓާ ރިކާގެ ލަވަކިޔުންތެރިޔާ ލުއިސް ފޮންސީ އާއި ޕުއޭޓޯ ރިކޯގެ ރެޕަރު ޑެޑީ ޔަންކީ ކިޔާފައިވާ އެ ލަވަ ހެކުކޮށްގެން ޔޫޓިއުބުން ދުއްވާލިތާ މާ ގިނައިރުތަކެއް ނުވެ އަލުން ވަނީ އެ ވީޑިއޯ ބެލޭނެ ގޮތް ހަދާފަ އެވެ.

މި ލަވައިގެން އިތުރުން މިއުޒިކު ހޮސްޓުކުރުމުގެ ހިދުމަތްދޭ "ވީވޯ" ގެ ދަށުން ހިންގާ ގިނަ ލަވަކިޔުންތެރިންގެ ލަވަތައްވެސް ވަނީ ހެކުކޮށްފަ އެވެ. އޭގެ ތެރޭގައި ޝަކީރާ، ސެލީނާ ގޯމޭޒް، ޑްރޭކް އަދި ޓެއިލާ ސުވިފްޓުފަދަ ލަވަކިޔުންތެރިންގެ ލަވަތައް ހިމެނެ އެވެ.