ހަބަރު

ދައުލަތުން ބަލަހައްޓާ 7 ކުއްޖެއްގެ ގާނޫނީ ބެލެނިވެރިންކަން ބަޔަކާ ހަވާލުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދީންގެ ތެރެއިން މިދިޔަ އަހަރު ހަތް ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން، ފޮސްޓާ ކެއާ އެހެން އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް ޖެންޓާ މިނިސްޓްރީ އިން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީ އިން އާންމު ކުރި، ފޮސްޓަ ޕެނަލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ވަނީ، މިދިޔަ އަހަރު ފޮސްޓަ ކުރުމަށް އާއިލާތަކާއި ހަވާލުކުރެވުނު ކުދިންގެ ތެރޭގައި ހިމެނެނީ ތިން އަހަރުން ދަށުގެ ދެ އަންހެން ކުދިންނާއި ފަސް ފިރިހެން ކުދީން ކަމަށެވެ. އަދި އެ ކުދިން ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އެޕްލިކޭޝަން ފޯމު ހުށަހެޅި ހަތް ފަރާތުގެ ތެރެއިން ތިން ފަރާތަކަށާއި އޭގެ ކުރީ އަހަރު ތަކުގައި އެޕްލިކޭޝަން ފޯމު ހުށަހެޅި ހަތަރު ފަރާތަކަަށް ކަމަށް ރިޕޯޓްގައި ވެއެވެ.

ރިޕޯޓުގައި ވަނީ، މިދިޔަ އަހަރުގެ ތެރޭގައި ފޮސްޓަ ކުރުމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހެޅި ހަތް ފަރާތްތުގެ ތެރެއިން އެއް ފަރާތަކަށް ހުއްދަ ދޭން ނުފެންނަކަމަށް ޕެނަލުން ނިންމާފައިވާ ކަމަށާއި އެއް ފަރާތެއްގެ އެދުމުގެ މަތިން އެ ފަރާތުގެ އެޕްލިކޭޝަން ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އިތުރު ދެ ފަރާތެއްގެ އެޕްލިކޭޝަން ދިރާސާކުރެވެމުންދާކަމަށް ވެސް ރިޕޯޓުގައިވެއެވެ.

ފޮސްޓަ ޕެނަލްގެ ރިޕޯޓްގައި ވަނީ، މިދިޔަ އަހަރު 20 ކުއްޖަކު އެ ކުދިންގެ އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށާއި އެ ކުދިންގެ ތެރޭގައި 18 އަހަރުން ދަށުގެ ހަތް އަންހެން ކުދިންނާއި 13 ފިރިހެން ކުދިން ހިމެނޭ ކަމަށެވެ. އަދި އެ ކުދިން އާއިލާތަކާއި ހަވާލުކޮށްފައިވަނީ އެ ކުދިން ހަވާލުކުރަން އެދުނު އާއިލާތަކުގެ މެންބަރުންގެ ގާބިލުކަމާއި ކެރިފޯރުންތެރިކަން ހުރި މިންވަރު ބެލުމަށްޓަކައި ހާއްސަ އެސެސްމަންޓެއް ހެދުމަށް ފަހުގަ ކަމަށްވެސް ރިޕޯޓްގައި ވެއެވެ.

ޕޮސްޓަ ޕެނަލަކީ މިނިސްޓްރީ އާއި ކަމާބެހޭ ދާއިރާތަކާއި މަދަނީ ޖަމިއްޔާތައް ތަމްސީލުކުރާ މަންދޫބުން ހިމެނޭގޮތަށް ޖެންޑާ މިނިސްޓްރީގެ އިރުޝާދުގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީއެކެވެ.