ދުނިޔެ

އިންޑިއާގެ އަވަށްތަކަކަށް ބަޑި ހިފައިގެން އަރައި އެތައް ބަޔަކު މަރާލައިފި

އިންޑިއާގެ އާސާމްގައި ވަކިވެގަތުމަށް މަސައްކަތްކުރާ ނެޝަނަލް ޑިމޮކްރަޓިކް ފްރަންޓް އޮފް ބޯޑޯލޭންޑް (އެންއެންޑީއެފްބީ) ގެ ހަނގުރާމަވެރިން އިއްޔެ އަވަށްތަކަކަށް ހަތިޔާރާ އެކު އަރައި މަދުވެގެން 52 މީހަކު މަރާލައިފި އެވެ.

އޭކޭ47 ބަޑި ހިފައިގެން ގޮސް، ދިމާވި ކޮންމެ މީހަކަށް ހަމަލާދީ މަރާފައި ވާއިރު އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.

ފަގީރުން އުޅޭ އެކަހެރި އަވަށްތަކަށް ހަމަލާ ދިން ޖަމާއަތުގެ މީހުންނަކީ އެ ދަރިކޮޅުގެ މީހުންނަށް އާސާމް ސްޓޭޓުން ވަކި ސަރަހައްދެއް ހާއްސަކޮށް ދޭންޖެހޭނެ ކަމަށް ބުނަމުންދާ ބައެކެވެ.

ހަމަލާގައި ސަލާމަތްވި ބައެއް މީހުންނާ ހަވާލާދީ ފުުލުހުން ބުނެފައި ވަނީ ހަނގުރާމަވެރިން އައީ ފައިމަގުގައި ކަަމަށާއި ބައެއް ގޭގޭގެ ދޮރު ހުޅުުމަށް މަޖުބޫރުކޮށް އެ ގޭގެއަށް ވަދެ ގޭތެރެއަށް ވެސް ހަމަލާ ދިން ކަމަށެވެ. އަދި ބައެއް މީހުން ގޭތެރެއިން ނެރެ ބަޑިން ހަމަލާދީ މަރާފައިވެ އެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ސައިފަތް ހައްދާ ދަނޑުވެރިންނެވެ.

މީގެ ކުރިން ވެސް ބޯޑޯގެ ހަނގުރާމަވެރިން މިފަދަ ހަމަލާތައް ދީފައިވެ އެވެ. އެގޮތުން މެއި މަހު ވަނީ މުސްލިމުންގެ އަވަށްތަކަަކަށް އަރައި 32 މީހަކު މަރާލައިފަ އެވެ. އަދި 1993 ވަނަ އަހަރު ވަނީ އާސާމް އަށް އެހެން ހިސާބުތަކުން ހިޖުރަކުރި މުސްލިމުންގެ 100 އަށް ވުރެ ގިނަ މީހުން ވެސް މަރާލައިފަ އެވެ.