ޖުމްލަ 2200 މީހުން ގެ އާބާދީއެއް އޮންނަ ނ.ހޮޅުދޫ ގެ ރައްޔިތުންނަށް ރެޔަކީ ފުންހިތާމައާއި ހިތްދަތިކަން ގެނުވި ރެޔެކެވެ. ޒުވާން ދެކުއްޖެއްގެ ކުއްލި މަރުގެ ހަބަރާއެކު ގިނަ ބަޔަކަށް ސިހުން ލިބިފައިވާއިރު އެމީހުން ތިބީ އެސިހުމުން އަރައި ނުގަނެވިފަ އެވެ. ކޮންމެ ދެމީހަކު ބައްދަލުވާ އިރަށް ދައްކަނީ އެވާހަކަ އެވެ.
އުމުރުން 27 އަހަރުގެ ހުސްނާ މުހައްމަދު އާއި އުމުރުން 26 އަހަރުގެ އަހުމަދު އަދީލް ރޭ ދަންވަރު ސައިކަލް ދުއްވަން ނިކުތް އިރު އެދެމީހުންގެ ނިމުން އެފަދަ ގޮތަކަށް އަތުވެދާނެކަމަށް ކުޑަކޮށްވެސް ހިޔެއް ނުކުރާނެ އެވެ. ރެޔަކީ ޗެމްޕިއަންސް ލީގުގެ ވަރުގަދަ މެޗެއް ކުޅެމުން ދިޔަ ރެޔަކަށްވުމުން ގިނަ ބަޔަކު ތިބީ އެ މެޗްގެ ފޯރީގައި ގޭގެއަށް ވަދެ އެވެ ގިނަ ބަޔަކަށް އެހަބަރު ލިބުނީވެސް މެޗްގެ ފޯރި ނިމުނު ފަހުން އެވެ. އެއާއެކު ރަށު އެންމެން ކަހަލަ ގޮތަކަށް މިސްރާބު ޖެހީ ބަނދަރާ ދިމާއަށެވެ. އޭރު ދެމީހުން ނެގުމުގެ މަސައްކަތް ކުރަމުންދަނީ އެވެ. ހޮޅުދޫން ވާހަކަ ދެއްކި ގިނަ މީހުން ބުނި ގޮތުގައި ދެމީހުން މޫދުން ނެގިއިރުވެސް ހަރަކާތެއް ނެތެވެ. އަދި ހުސްނާ ނެގިއިރު އޭނާގެ މޫނު ވަނީ ކާކުކަން ނޭނގޭ ވަރަށް ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. އެހެންކަމުން އެއީ ކާކުކަން ދެނެގަތުމަށް ކުޑަވަގުތުކޮޅެއް ނެގި ކަމަށް ބައެއް މީހުން ބުނެ އެވެ.
"އަވަސް" އާ ވާހަކަދައްކަމުން ހޮޅުދޫ ކައުންސިލްގެ މެމްބަރު އަހުމަދު އިރްފާން އިބްރާހީމް ވިދާޅުވީ، ދެމީހުން ސައިކަލް ދުއްވާފައި އޭރު ދިޔައީ އިރުމަތިން ހުޅަނގަށްކަމަށެވެ. އެހަބަރު ލިބުނީ ރޭ މެންދަމު 1:45 ހާއިރު ކަމުގައި އިރުފާން ބުންޏެވެ. އިރުފާން ބުނީ ހަބަރު ލިބުމާއެކު ބަނދަރު ސަރަހައްދަށް ދިޔައިރު ހުސްނާގެ ހަށިގަނޑު އެމްބިޔުލަންސަށް އަރުވައިގެން ގެންދަނީ އެވެ. އަދި އަދީލްގެ ހަށިގަނޑު އޭރުވެސް އޮތީ އަޑީގައިކަމަށާއި އޭރު ހަށިގަނޑު ނެގުމުގެ މަސައްކަތް ކުރަމުން ދިޔަކަމަށް ކައުންސިލް މެންބަރު ވިދާޅުވި އެވެ.
"ބަނދަރު ކަނުން އަނބުރާލަން އިންނަތަނުން އޭނީ އަސްލު ސްޕީޑް ބާރު ކޮށްފައި، ދެން އަނބުރާ ނުލެވުނީމާ ދެން ދާނީ މޫދަށްތާ. އަނބުރާ ނުލެވުނީމާ، ދެން ދިޔައިރު އޭނީ ވާޓަރުގައި ޖެހިފައި. ސައިކަލްވެސް މީހާވެސް ވާޓަރުގައި ޖެހިފައި އިންކަމަށް ބެލެވެނީ. ސައިކަލް ޖެހިފައި އިންތަން އިން އިނގެން ވާޓަރުން. އަންހެންކުއްޖާއަށް އެވަރުވެފައި ހުރީމާ ބެލެވެނީ އެހެރީ ކޮންކްރީޓްގަނޑުގައި އޭނާގެ މޫނު ޖެހިފައިކަމަށް ބޮޑަށް،" މިހާދިސާ ހިނގާދިޔަގޮތް ކަމަށް ބެލެވޭ ގޮތް ކިޔައިދެމުން އިރްފާން ބުންޏެވެ.
މިހާދިސާ ހިނގިތަން ފެނުނީ އޭރު ސިއްހީ މަރުކަޒުގައި ބަލި މީހަކު ބާއްވައިގެން އުޅުނު މީހެއްގެ އެހީތެރިިއަކަށް ކަމަށް އިރުފާން ބުންޏެވެ.
"މަންޒަރު ފެނުނު މީހާ ބުނީ ތިންވަނަ ބުރޭ އެއީ އެމީހުން ދިޔަ އެދިމާލުން، އޭނާ މަރުކަޒު ކައިރީގައި ހުއްޓާ. އެމީހުން ދިޔަތަން އޭނާއަށް ފެނުނޭ. ދެން އިރުކޮޅެއް ފަހުން އިވުނީ ބާރުގަދަ އަޑެކޭ. ދެން އިވުނީ ސައިކަލެއް ޖެހުނު އަޑޭ. ދެން އޭނާ ދިޔައީ ބަލަން. ދިޔައިރު އަންހެންކުއްޖާގެ ހަށިގަނޑު އޮތީ ބަންޑުން ފަޅުތެރޭގައި. ދެން އޭނާއަށް އަންހެންކުއްޖާ އެކަނި ނުނެގޭނެތީ އަނބުރާ މަރުކަޒަށް އައިސް ދެމީހަކު ކައިރީ ބުނެގެން ފުންމާލައިގެން އަންހެންކުއްޖާ ނެގިކަމަށްވަނީ،" އިރުފާން ބުންޏެވެ.
ދެ ޒުވާނުން ވެސް ރޭ ވަރަށް ބާރަށް ސައިކަލް ދުއްވިތަން ރަށުގެ ބައެއް މީހުންނަށް ފެނިފައިވެ އެވެ. އެކްސިޑެންޓްގައި ނިޔާވި ދެ ޒުވާނުންނަކީ ދެރަހުމަތްތެރިން އެވެ. އަދި މިގޮތަށް ދެމީހުން ސައިކަލް ދުއްވުމަކީ އެ މީހުން އާންމުކޮށް ކުރާ ކަމެއް ކަމަށްވެ އެވެ. ދެމީހުން ސައިކަލް ދުއްވަން ދިޔުމުގެ ކުރިން ދެމީހުންވެސް އުޅުނީ ހޮޅުދޫ ޔޫތް ސެންޓަރގައި ކުޅިވަރު ކުޅެންކަމަށް ހޮޅުދޫން ވާހަކަދެއްކި މީހުން ބުނެ އެވެ. އެގޮތުން ހުސްނާ އުޅުނީ މިރޯދަ މަހު ހޮޅުދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޭސް ބެޑްމިންޓަން ޗެމްޕިއަން ޗެލެންޖަށް ޕްރެކްޓިސް ކުރުމުގަ އެެވެ.
ހުސްނާއެކު ޕްރެކްޓިސްގައި ރޭ ބައިވެރިވި، އަހުމަދު ހަމްދާން ބުނީ ޕްރެކްޓިސްކުރަން ހުރެފައި ހުސްނާ ދިޔައީ 12 ޖަހަން އުޅެނިކޮށްކަމަށެވެ. ޕްރެކްޓިސްގައި ވެސް ހުސްނާ ހަމަ ވަރަށް މަޖާކޮށް އުޅުނުކަމަށް އޭނާ ބުންޏެވެ.
"ހަމަވަރަށް ހީ ސަކަރާތްޖަހާފައި އުޅުނީ. މުބާރާތުގެ ވާހަކަދެއްކީވެސް ޕްރެކްޓިސްގައިވެސް. މިގޮތަށް ކުޅުނީމާ މޮޅުވާނެއޭ. އެކަހަލަ ވާހަކަދެއްކީ މުޅިންވެސް. ދެން ހުސްނާއަކީ ވަރަށް ހޭ ކުއްޖެއްވިއްޔާ. އެހެންވީމާ އެކަހަލަ މަޖާގޮތަކަށް ޕްރެކްޓިސް ދިޔައީ،" ހުސްނާއާ އެންމެ ފަހުން ބައްދަލުވި ވަގުތުތައް ހަނދާކުރަމުން އޭނާ ބުންޏެވެ. "ދެން އަހަރެންވެސް މެޗްބަލަން ދިޔައީ. މެޗްބަލާ ނިމުމުނުތަނުން އިނގުނީ ބަޔަކު ފަޅުތެރެއަށް ވެއްޓިގެން އުޅޭކަން. އޭރުވެސް ނޭންގޭ ހުސްނާކަމެއް. ފަހުން އިނގުނީ."
ޒުވާން ދެކުދިންގެ ކުއްލި މަރާއެކު މުޅި ހޮޅުދުއަށް ސިހުން ލިބިފައިވާއިރު ރޭ ގިނަބަޔަކު އުޅުނީ މިޚަބަރާއެކު ނުނިދަ އެވެ. ހުސްނާއަކީ ކޮންމެ މީހަކާ ދިމާވިއަސް ހީ ސަމާސާ ކުރާ ހިތްހެޔޮ ކުއްޖަކަށްވާއިރު ކުރިޔަށް އޮތް ބެޑްމިންޓަން މުބާރާތުންވެސް ދެން ހުސްނާއެއް ނުފެންނާނެ އެވެ. ހުސްނާގެ ފަސް އަހަރަށް ދާ ކުޑަކުއްޖެއް ހުންނައިރު އަދީލް އުޅެނީ ކައިވެންޏެއް ނުކޮށެވެ.
ހޮޅުދޫގައި ކުޅޭ ކުޅިވަރުތަކުގައި ފާހަގަކޮށްލެވޭ މޫނަކަށް ހުސްނާ ވާއިރު އަދީލްއަކީ ހޮޅުދޫ ކައިރީ އޮންނަ އިރުފުށީ ރިސޯޓްގެ ދޯންޏެއްގައި މަސައްކަތްކުރަމުން އަންނަ ޒުވާނެކެވެ. އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ވެފައިވަނީ ހުސްނާއަށެވެ. ހުސްނާގެ މޫނު ޒަހަމްވެފައިވާލެއް ބޮޑުކަމުން ލޭ މަނާކުރުމަށް ގިނަވަތުތުތަކެއް ހޭދަވެގެން ދިޔަކަމަށް ހޮޅުދޫން ވާހަކަދެއްކި މީހުން ބުނެ އެވެ.
ހުސްނާގެ މޫނު ދެކެން ދިޔަ އެކުވެރިއަކު އަވަސް އަށް، ބުނީ ހުސްނާގެ މޫނު ޒަހަމްވެފައި އޮތްލެއް ބޮޑު ކަމުން ވަރަށް ބޮޑަށް ފުންއަސަރު ކުރި ކަމަަށާއި އެ ހާދިސާ ގަބޫލުކުރަން ވެސް އުނދަގޫވެފައި ހުރި ކަމަށެވެ.
"ވަރަށް ބޮޑަށް ޒަޚަމްވެފައިކަން އޮތީ އެނގޭ މޫނަށް ބަލާލާފައި. ލޯ ހުރީ އަރާފައި އޭރުވެސް. ވަރަށް އެހެން ކަހަލަ ބުންނަން ނޭންގޭ އިހުސާސެއް ފުން އަސަރުތަކެއް ކުރުވައިފި. ހަމަ ޝޮކެއް ލިބިގެންދިޔައީ،" ރޮވިފައި ހުރެގެން ހުސްނާގެ ރަށްޓެއްސަކު ބުންޏެވެ.
ދެ ޒުވާނުންގެ ކުއްލި މަރާއެކު ހޮޅުދޫއަށް ހިތާމަވެރިވެފައިވާ އިރު، ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިޔާގައި އެމީހުންގެ ޝުއޫރުތައް ބަންޑުން ކުރަމުން އެވެ. ހާދިސާގެ ހަބަރާ އެކު ހޮޅުދޫގެ ގިނަ ބައެއްގެ ފޭސްބުކް ޕްރޮފައިލްތައް ވަނީ ކަޅުކުލައިން އަނދިރިވެފަ އެވެ. ބާރު ސްޕީޑްގައި ސައިކަލް ދުއްވުމުގެ ނަތީޖާ އަދީލް އާއި ހުސްނާއާ މި ބައްދަލު ކުރީ ހިތި ގޮތަކަށެވެ.