ވިޔަފާރި

ކޮޕިއާ ޕްލަސް އިން ކުލަ ޕްރިންޓަރުތަކުގެ އަގު ބޮޑުތަން ހެޔޮކޮށްފި

May 28, 2018

ކުލަ ޕްރިންޓަރުތަކުގެ އަގު ވަރަށް ބޮޑުތަން ހެޔޮކޮށް "ކޮޕިއާ ޕްލަސް" އިން ރޯދަ މަަހަށް ހާއްސަކޮށް ބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.

މަޝްހޫރު ބްރަދާ ޕްރިންޓަރު ވިއްކައި ސާވިސް ދޭ ކޮޕިއާ ޕްލަސް އިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 10 ޕަސެންޓުން ފެށިގެން 40 ޕަސެންޓަށްވުރެ މައްޗަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

"މި ޕްރޮމޯޝަންގައި އެންމެ އާއްމުކޮށް ވިކޭ ޕްރިންޓަރުތަކުގެ އަގު ވެސް މިވަނީ ވަރަށް ބޮޑުތަން ހެޔޮކޮށްލާފަ،" އޮފިޝަލް ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގައި އެންމެ ހާއްސަ ވަނީ ކުލަ ޕްރިންޓަރު ގަންނަން ބޭނުންވާ މީހުންނަށެވެ. "ބްރަދާ" ކުންފުންޏާ ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އޯލް އިން ކަލަ ލޭޒާ ޕްރިންޓަރުގެ އަގު ވެސް ވަނީ ބޮޑުތަން ހެޔޮކޮށްފަ އެވެ. އަދި ކޮޕިއާ ޕްލަސްގެ ކަސްޓަމަރުންގެ މެދުގައި މަގުބޫލު އޯލް އިން ވަން އޭތްރީ އިންކްޖެޓް ޕްރިންޓަރުގެ އަގުވެސް ވަރަށް ހެޔޮވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ޕްރޮމޯޝަންގެ ބައެއްގެ ގޮތުން ފޭސްބުކްގައި ޝެއާ ކޮށްގެން އިނާމު ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފަ އެވެ. "ލައިކް ޝެއާ އެންޑް ވިން" ގެ ގޮތުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެންމެ ގިނައިން ޝެއާ ކުރާ މީހުންގެ މެދުގައި ގުރުއަތެއް ނަގައި ސްކޭން އެންޑް ކަޓް މެޝިއެއް ދޭނެ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެ ވޭނީ ފޭސްބުކްގައި "ސީޕީރޯދަ ޕްރޮމޯ 2018" ހޭޝްޓެގް ކޮށްގެންނެވެ.

ކޮޕިއާ ޕްލަސްއަކީ ބްރަދާ ޕްރިންޓަރުގެ ރާއްޖޭގެ އޮތޮރައިޒް ޑިސްރިބިއުޓަރެވެ. އެ ކުންފުނިން ދަނީ ގިނަ ޕްރޮޑަކްޓް ތަކެއް ވިއްކުމުގެ އިތުރުން މި ތަކެތި މަރާމާތު ކޮށްދިނުމުގެ ހިދުމަތް ވެސް ފުޅާ ދާއިރާއެއްގައި ދެމުންނެވެ.