ބޮލީވުޑް

އަރްޖުން ރާމްޕަލް އާއި އަންހެނުން 20 އަހަރަށްފަހު ވަރިވަނީ

އެކްޓަރު އަރްޖުން ރާމްޕަލް އާއި އަންހެނުން މެހެރް ޖެސިއާ، 20 އަހަރުވީ އެ ދެމަފިރިންގެ ކައިވެނި ނިމުމަކަށް ގެންނަން ނިންމައިފި އެވެ. ވަރިވާން ނިންމައި އެ ދެމީހުން އެކުގައި ނެރުނު ބަޔާނެއްގައި ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

އެ ބަޔާނުގައި އަރްޖުން އާއި މެހެރް ވަނީ އެމީހުންގެ 20 އަހަރުވީ ކައިވެނީގެ ވަރަށް ގިނަ ފޮނި ހަނދާންތަކެއް ވާކަމަށާއި ނަމަވެސް ހަޔާތުގެ ކޮންމެ ދަތުރެއްގައި ވަކި ހިސާބަކުން މިސްރާބު ބަދަލުކުރަން ޖެހޭ ފަދަ ކަންތަކާ ދިމާވާ ކަމަށެވެ. އެގޮތުން އެ ދެމަފިރިން ވެސް ވަކިވެ، އެމީހުންގެ މަންޒިލަށް ދަތުރު ކުރަންވީ ވަގުތު ޖެހުނީކަން ޔަގީންވުމުން ވަރިވާން ނިންމީ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ވަރިވިޔަސް ކުރިއަށް އޮތް ތަނުގައި އެކަކު އަނެކަކަށް ސަޕޯޓް ދޭނެކަމަށްވެސް އެ ބަޔާނުގައި ލިޔެފައިވެ އެވެ.

އެކުގައި މޮޑެލް ކުރަން އުޅުމުގެ ތެރޭގައި އަރްޖުން، 45 އަދި މެހެރް، 47 ދިމާވެ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނިކުރީ 1998 ގަ އެވެ. އެ ދެމީހުންނަށް ވަނީ ދެ އަންހެން ކުދިން ވެސް ލިބިފަ އެވެ. އޭގެ ތެރެއިން ދޮށީ ދަރިފުޅުގެ އުމުރުން މިހާރު ސޯޅަ އަހަރު ވެއްޖެ އެވެ. އަދި ހަނގު ދަރިފުޅަށް 13 އަހަރެވެ.

މި ދަނޑިވަޅުގައި އެ އާއިލާ އަށް ބޭނުންވާ ޕްރައިވެސީ ދިނުމަށް އެދިފައިވާއިރު، އަރްޖުން އާއި މެހެރް ވަނީ އެދެމީހުން ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އެމީހުންގެ ދެ ކުދިންނަށް ކަމަށް ވުމުން މި ވަގުތު ވެސް އެކަކު އަނެކަކަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ބުނެފަ އެވެ.

އަރްޖުން އާއި މެހެރް ވަކިވެފައިވާ ކަމަށް ބުނި ނަމަވެސް އެ ދެމީހުން ކޯޓު މެދުވެރިކޮށް ވަރީގެ ކަންކަން ނިންމާފައިވާކަމެއް އަދި ހާމައެއް ނުކުރެ އެވެ.

މީގެކުރިން 2015 ވަނަ އަހަރުގެ ތެރޭގައި ވެސް ވަނީ މި ދެމީހުންގެ ދެމެދުގައި މައްސަލަޖެހި ވަރިވާން ކޯޓަށް ދިޔަކަމުގެ އަޑުތަކެއް ފެތުރިފަ އެވެ.

ނުވަދިހައިގެ ފަހުކޮޅާއި ދެހާހުގެ ކުރީކޮޅު ކައިވެނި ކުރި ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް އަންނަނީ ވަރިވަމުންނެވެ. އެގޮތުން ރިތިކް ރޯޝަން އާއި ސުޒާން ޚާން ވެސް ވަރިވެފައިވާއިރު، ފަރްހާން އަހްތަރު އާއި އަދޫނާ ބަބާނީ ވެސް ވަނީ ވަރިވެފަ އެވެ. އަދި މަލައިކާ އަރޯރާ ޚާން އާއި އަރްބާޒް ޚާން ވެސް ވަނީ މިފަހުން ވަރިވެފަ އެވެ.

މޮޑަލެއްގެ ގޮތުގައި ބޮލީވުޑަށް ނިކުތް އަރްޖުން ވަނީ މިހާތަނަށް ކާމިޔާބު ފިލްމުތަކެއް ކުޅެފަ އެވެ. މިފަހަކަށް އައިސް އޭނާ ފިލްމު ކުޅޭލެއް މަދުވިޔަސް ދޭތެރެ ދޭތެރެއިން ފިލްމެއް ރިލީޒްވެ އެވެ. މިދިޔަ އަހަރު ނިކުތް "ޑެޑީ" އިން އެންމެފަހުން ފެނިގެންދިޔަ އަރްޖުންގެ "ޕަލްޓަން" މި އަހަރު ރިލީޒްކުރާނެ އެވެ.