ވިޔަފާރި

ހޯރަފުށީ އެއާޕޯޓު ބިން ހިއްކަން 64 މިލިއަން ރުފިޔާއަށް އެމްޓީސީސީ އަށް

May 28, 2018
6

ހޯރަފުށީ އެއާޕޯޓު ބިން ހިއްކުމާއި ތޮށިލުމުގެ މަސައްކަތް 64 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުން ބަދަލު ކުރެއްވުމަށްފަހު، ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ ހޯރަފުށްޓާއި އިން ވެގެން އޮންނަ މާފިނޮޅާއެކު ހަދާ އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ނިމެންވާއިރަށް ރީޖަނަލް އެއާޕޯޓު ތަކެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ. މި މަސައްކަތުގެ ދަށުން ސާވޭ ކޮށް، ތިމާވެށީގެ ގޮތުން ކުރިމަތިވެދާނެ ބަަދަލުތައް ބަލަން ހަދާ އީއައިއޭ ވެސް ހަދަން ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އުތުރުގެ މޫސުން ތަންކޮޅެއް ގޯސްވީމަ އެ [އީއައިއޭ] ގެ މަސައްކަތް ލަސް ވަނީ. އެކަމަކު މޫސުން ރަނގަޅުވުމާއެކު މަސައްކަތް ފަށައިގަނެވި ރިޕޯޓްތައް ތައްޔާރު ކުރެވޭނެ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރީޖަނަލް އެއާޕޯޓު ތަކެއް ތަރައްގީ ކުރުމުގެ މައިގަނޑު އެއް ބޭނުމަކީ މުޅިރާއްޖެ އަށް ޓޫރިޒަމް ފުޅާކޮށް ދަތުރުފަތުރު އަވަސް ކުރުން ކަމަށެވެ.

"މިހާރު ގޮތަށް ސީޕްލޭނުން ޓޫރިސްޓުން ގޮވައިގެން ދުރު ސަރަހައްދުތަކަށް ދަތުރުކުރުމަކީ ދަތިކަމެއް. ހާއްސޮށް އުތުރާއި ގއ. އަދި ގދ. ހިސާބަށް. އެހެންވެ ރައީސް ނިންމަވާފައި އޮތީ މީހުން ދިރިއުޅޭ ކޮންމެ ރަށަކާ ވެސް ސްޕީޑް ބޯޓުގައި ބައި ގަޑިއިރުން ދެވޭ ހިސާބުތަކުގައި އެއާޕޯޓެއް ހެދުން. މިހާރު ވެސް ގިނަ ޕްރޮޖެކްޓް ތަކެއް ކުރި އަށް އެބަދޭ. މީގެތެރޭގައި ކުޅުދުއްފުށްޓާއި ފޮނަދޫ ވެސް ހިމެނޭ. އަދި އަމިއްލަ ފަރާތްތަކާއެކު ވެސް އެ މަސައްކަތް ކުރިއަށް ދޭ،" ޒަމީރު ވިދާޅުވި އެވެ.

މިހާރު ގޮތަށް ސީޕްލޭނުން ޓޫރިސްޓުން ގޮވައިގެން ދުރު ސަރަހައްދުތަކަށް ދަތުރުކުރުމަކީ ދަތިކަމެއް. ހާއްސޮށް އުތުރާއި ގއ. އަދި ގދ. ހިސާބަށް. އެހެންވެ ރައީސް ނިންމަވާފައި އޮތީ މީހުން ދިރިއުޅޭ ކޮންމެ ރަށަކާ ވެސް ސްޕީޑް ބޯޓުގައި ބައި ގަޑިއިރުން ދެވޭ ހިސާބުތަކުގައި އެއާޕޯޓެއް ހެދުން.
މޫސާ ޒަމީރު | ޓޫރިޒަމް މިނިސްޓަރު

އެމްޓީސީސީ އަށް ހަވާލުކުރި މި މަސައްކަތް ނިންމަން ހަމަޖެހިފައިވަނީ ހަ މަސް ދުވަހުންނެވެ. އެމްޓީސީސީ އިން ގެނެސްފައިވާ މަހާޖައްރާފުން ހޯރަފުށްޓާއި މާފިނޮޅުގެ ބިމުން ގާތްގަނޑަކަށް 16 ހެކްޓަރު ހިއްކާނެ އެވެ. މި މަސައްކަތުގެ ދަށުން 1.2 ކިލޯމީޓަރުގެ ރަންވޭއެއް އަޅާނެ އެވެ. ނަމަވެސް އެ މަސައްކަތް އަދި ހަވާލެއް ނުކުރެ އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިއަތު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާއެކު މިހާރު ވެސް ދެ އެއާޕޯޓެއްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާރު ހާބަރުގެ ގިނަ މަސައްކަތްތައް ދަނީ ނިމެމުން. އެހެންވެ މެޝިނަރީޒްއާ އެއްޗިހި ވަރަށް ބޮޑަށް އެވޭލަބަލް ވަމުންދަނީ. އެހެންވެ މަސައްކަތް ހަލުވިވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ހޯރަފުށީގައި އެއާޕޯޓެއް އެޅުމަކީ ގައްލަންދޫ އެތެރެވަރީގައި ހިމެނޭ ހުރިހާ ރަށެއްގެ ރައްޔިތުންގެ އެދުމެއް ކަމަށެވެ.

"ގައްލަންދޫ އެތެރެވަރީގެ [އުލިގަމް، މުޅަދޫ، އިހަަވަންދޫ، މާރެންދޫ] މި ހުރިހާ ރަށްތަކުގެ ރައްޔިތުން އުފާވާނެ ކަމެއް މިއީ. ވަރަށް ބޮޑު އުންމީދެއް މިއީ. މާތްﷲ އިރާދަފުޅުން ރައީސްގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ނިމިގެން މިދަނީ،" މުހައްމަދު ވިދާޅުވި އެވެ.

ގައްލަންދޫ އެތެރެވަރީގެ [އުލިގަމް، މުޅަދޫ، އިހަަވަންދޫ، މާރެންދޫ] މި ހުރިހާ ރަށްތަކުގެ ރައްޔިތުން އުފާވާނެ ކަމެއް މިއީ. ވަރަށް ބޮޑު އުންމީދެއް މިއީ. މާތްﷲ އިރާދަފުޅުން ރައީސްގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ނިމިގެން މިދަނީ
މުހައްމަދު އިސްމާއިލް | ހޯރަފުށީ ދާއިރާގެ މެންބަރު

ރީޖަނަލް އެއާޕޯޓުތައް ތަރައްގީ ކުރުމުގެ ގޮތުން ފަސް އެއާޕޯޓެއް ހަދަން ސަރުކާރުން ވަނީ ނިންމާފަ އެވެ. މިހާރުވެސް ހދ. ކުޅުދުއްފުޓާއި މާވަރުލު އަދި ފޮނަދޫގައި ދަނީ އެއާޕޯޓް ތަރައްގީ ކުރަމުންނެވެ.