ވިޔަފާރި

އެއާޕޯޓް ހަދަން ބަދަލެއް: ނަތީޖާވެސް ބަދަލުވާނެބާ؟

ސަރުކާރުން އެ ދަނީ ފުލުފުލުގައި ސަރަހައްދީ އެއާޕޯޓްތައް ހަދަން ހަވާލު ކުރަމުންނެވެ. އެއް ދުވަހު ބިން ހިއްކަން "މަހާ ޖައްރާފު" އާ ހަވާލު ކުރާއިރު ޖެހިގެން އަންނަ ދުވަހު އެއާޕޯޓްގެ މަސައްކަތް ބަޔަކާ ހަވާލު ކުރެ އެވެ. ސުވާލަކީ މިހާރު ރީޖަނަލް އެއާޕޯޓެއް ހެދުން މިހާ ފަސޭހަ ކަމަކަށް ބުނަކީ، މި މަސައްކަތް ކުރާ ގޮތަށް ކޮން ބަދަލެއް ގެނެސްގެން ހެއްޔެވެ؟ އެއާޕޯޓް ހަދަން ގެނައި މި ބަދަލުގެ ނަތީޖާ ކިހިނެއް ވާނެބާ އެވެ؟

"ކުރިން [ޑޮމެސްޓިކް އެއާޕޯޓެއް އެޅުން] މިއީ ވަރަށް ބޮޑު މަސައްކަތެއް ގޮތުގައި ބެލެވެނީ. އެކަމަކު މިހާރު ގެނެސްފައިވާ ބަދަލާއެކު ރީޖަނަލް އެއާޕޯޓް އެޅުން މިވަނީ ހަލުވިވެ، މަސައްކަތް ވެސް ފަސޭހަވެފައި،" ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.

ޑޮމެސްޓިކް އެއާޕޯޓު ހެދުމުގައި މީގެ ކުރިން ރާއްޖޭގައި ތަފާތު ތަޖުރިބާތަކެއް ކޮށްފައިވެ އެވެ. މިގޮތުން ބައެއް އެއާޕޯޓްތަކުގެ މަސައްކަތް މަސައްކަތް ފަށާތާ ތިން ހަތަރު އަހަރުން ވެސް ނިމިފައި އެބަހުއްޓެވެ. އަދި މިފަދަ އެއާޕޯޓެއްގެ އަގު 20 ނޫނީ 30 މިލިއަން ޑޮލަރަށް އަރައިގެން ގޮސްފައިވެ އެވެ. ސުވާލަކީ ރީޖަނަލް އެއާޕޯޓު ހެދުމުގެ މަސައްކަތް މިހާރު ފަސޭހަވާނެ ކަމަަށް ސަރުކާރުން ބުނަނީ ކޮން ބަދަލެއް ގެނެސްގެން ހެއްޔެވެ؟ މި ބަދަލުގެ ނަތީޖާއަކީ ފެނޭ ހެއްޔެވެ؟

ގިނަ އެއާޕޯޓުތަކެއްގެ މަސައްކަތް ކުރި އަށް

ރާއްޖޭގެ އެކި ސަަރަހައްދުތަކުގައި ރީޖަނަލް އެއާޕޯޓުތައް އަޅަން މިހާރު ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ގދ. މާވާރުލާއި ރ. ފައިނު އަދި ހދ. ކުޅުދުއްފުޓާއި ހއ. މާފިނޮޅުގައި (ހޯރަފުށި) އަދި ޅ. މަޑިވަރުގެ އިތުރުން ގދ، ފަރެސްމާތޮޑާގައި ވެސް އެއާޕޯޓެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކުރިން އާއްމު ގޮތެއްގައި އެއާޕޯޓު ހަދަނީ އެއް ކުންފުންޏެއް ނުވަތަ އެއް ބަޔަކާ ހަވާލުކޮށްގެންނެވެ. މިގޮތުން މުޅި މަޝްރޫއު އެއް ކުންފުންޏަކާ ހަވާލު ކުރުމުން ގިނަ ފަހަރު މަސައްކަތް ލަސްވެގެންދެ އެވެ. ސަބަބަކީ އެއާޕޯޓެއް ހަދަން ކުރަން ޖެހޭ ގިނަ މަސައްކަތްތަކާއި އެކަމުގެ ބުރަކަމެވެ.

މަސައްކަތްތައް ބަހާލައިގެން

އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތައް ހިންގާ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ރީޖަނަލް އެއާޕޯޓަކީ މާފުރިހަމަ އިމާރާތްތަކެއް ހަދަން ޖެހޭ ތަންތަނެއް ނޫނެވެ. މީގެ ބަދަލުގައި ރީޖަނަލް އެއާޕޯޓުތައް ހުންނަން ޖެހޭނީ "ސިމްޕަލްކޮށް" ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށެވެ.

"ކުރިން ވާގޮތަކީ ބޮޑެތި އިމާރާތްތައް ރާނައިގެން އެތަށް މަސައްކަތްތަކެއް އެބަކުރަން ޖެހޭ. ހަގީގަތުގައި ރީޖަނަލް އެއާޕޯޓެއްގައި މި ހުންނަން ޖެހޭނީ ރަންވޭ އަކާއި ކުޑަ ޓާމިނަލްއެއް އެކަނި. އެތަނަށް ބޯޓު ޖައްސާފަ އަވަހަށް ނިކުމެގެން ފަސިންޖަރުން ޖެހޭނީ އެމީހުންގެ މަންޒިލަށް ދާން. މިހާރު މި ފެންނަނީ އެ މޮޑެލް އިމްޕްލިމެންޓް ކުރެވޭތޯ އުޅޭތަން،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

މި ފަހުން، ރީޖަނަލް އެއާޕޯޓް ހަދަން ހަވާލު ކޮށްފައިވަނީ މި މޮޑެލް އަށެވެ. އެކި ބައިތައް ހަވާލު ކުރަނީ އެކި ކުންފުނިތަކާ އެވެ.

"އަވަސްވެފައި ހަރަދު ކުޑަވާނެ"

މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި އެކި ކުންފުނިތަކާ އެކިބައިތައް ހަވާލު ކުރުމުން ހަރަދު ކުޑަކޮށް އަވަހަށް މަސައްކަތް ނިންމާލެވެ އެވެ. އެއާޕޯޓު ހަދާ މޮޑެލް ބަދަލު ކުރީ އެހެން ވެގެނެވެ.

"ރީޖަނަލް އެއާޕޯޓުގައި މި އޮންނަނީ ރަންވޭ އާއި ޓާމިނަލް ބޮޑު މަސައްކަތަކަށް. މިހާރު ޓާމިނަލް މި ގެންނަނީ ޕްރީ-ފެބް ބިލްޑިންގް. އެހެންވެ މަސައްކަތް ހަލުވި ކުރެވޭނެ މިހާރު،" ޒަމީރު ވިދާޅުވި އެވެ.

ސަރަހައްދީ ގިނަ އެއާޕޯޓުތަކެއްގެ މަސައްކަތް ކުރާއިރު، މިހާރު ބޭނުންކުރަނީ ކުރީގެ "މުސްކުޅި" މޮޑެލް ނޫން ކަމަށް ސަރުކާރުން ބުނެ އެވެ. ސުވާލަކީ މީގެ ނަތީޖާ ކިހިނެއްވާނެ ބާއެވެ؟