ފަރެސްމާތޮޑާގެ އެއާޕޯޓުގެ ބިން ހިއްކުމާއި ތޮށި ލުމުގެ މަސައްކަތް 2.5 މިލިއަން ޑޮލަރަށް ގަލްފް ކޮބްލާ ކުންފުންޏަށް މިއަދު ހަވާލުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މި މަޝްރޫއުގެ އެއްބަސްވުން ބަދަލުކުރީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ. އަދި ގަލްފް ކޮބްލާ ކުންފުނީގެ ފަރާތުން އެއްބަސްވުމާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މައިކަލް އެވެ. މި ރަސްމިއްޔާތުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފުވެސް ބައިވެރިވެވަޑައިގަތެވެ.
އެއްބަސްވުން ބަދަލު ކުރެއްވުމަށްފަހު، މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ގދ. ފަރެންސްމާތޮޑާގައި ތަރައްގީ ކުރާ މި އެއާޕޯޓުގެ ސަބަބުން މުޅި ސަރަހައްދުގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މާލެއާ އެންމެ ދުރުގައި އޮންނަ ގއ. އަދި ގދ. އަށް ދަތުރުފަތުރު ފަސޭހަ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ގަލްފް ކޮބްލާގެ މެނޭޖިން ޑިރެކްޓަރު މައިކަލް ވިދާޅުވީ މި މަސައްކަތް ނިންމަން ކަންޑައަޅާފައިވާ މުއްދަތަށް ނިންމައި ހަވާލު ކުރެވޭނެ ކަމަށެވެ.
"މާދަމާ އަޅުގަނޑުމެން ސާވޭ ކުރަން ފެށޭނެ. ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މުއްދަތަށް ހަވާލު ކުރެވޭނެ ކަމުގެ،" މައިކަލް ވިދާޅުވި އެވެ.
ފަރެސްމާތޮޑާގައި ވެސް އަޅަނީ 1.2 ކިލޯ މީޓަރުގެ ދިގުރަންވޭ އަކާއި އޭޕްރަންއެއް އަދި ޕެސެންޖަރު ޓާމިނަލް އެކެވެ. މި މަސައްކަތް ވަރަށް އަވަހަށް ކުންފުންޏަކާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ޒަމީރު މިއަދު ވިދާޅުވި އެވެ.
"ބިން ހިއްކުމުގެ މަަސައްކަތް ނިންމަން ކަނޑައަޅާފައި އޮތީ 90 ދުވަހުން. ނަމަވެސް އެ ބޭފުޅުން [ގަލްފް ކޮބްލާ] އިން ޔަގީންކަން ދެއްވާ 2 މަހާއި ބައިގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ. މި އެއާޕޯޓު ވެސް މި އަޅަނީ މި އަހަރު ނިންމާ ގޮތަށް،" ޒަމީރު ވިދާޅުވި އެވެ.
"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ގަލްފް ކޮބްލާ ކުންފުންޏާ ހަވާލުކުރީ މި ކުންފުނީގެ ތަޖުރިބާއާއި މަސައްކަތް ގަޑިއަށް ނިންމުން ފަދަ ކަންކަމަށް ބެލުމަށްފަހު ކަމަށެވެ.
"އެމްޓީސީސީއިން މިހާތަނަށް ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ދަނީ ކުރަމުން. އެހެންވެ ކަނޑައެޅިފައިވާ މުއްދަތަށް ނިންމަން ބަލާފައި މި މަސައްކަތް ގަލްފް ކޮބްލާ ކުންފުންޏާ ހަވާލުކުރީ،" ޒަމީރު ވިދާޅުވި އެވެ.
ފަރެސްމާތޮޑާގެ އެއާޕޯޓް އަޅަން ހަވާލުކުރި، ގަލްފް ކޮބްލާއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގިނަ ރިސޯޓުތަކެއް އަދި ތ. ތިމަރަފުށީ އެއާޕޯޓު އަޅަން ވެސް ބިން ހިއްކި ކުންފުންޏެވެ.
ސަރުކާރުން ދަނީ ސަރަހައްދީ ގިނަ އެއާޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އަށް އެއާޕޯޓެއްގެ މަސައްކަތް ފަށާފައިވެ އެވެ.