ކުރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމަށް އެ ކޯޓުގެ ގާޒީ އަހުމަދު ހައިލަމް އައްޔަން ކުރައްވައިފި އެވެ. ގާޒީ ހައިލަމްއަކީ ސިޔާސީ ގިނަ ބޭފުޅުންތަކެއްގެ މައްސަލަ ބައްލަވާ ގާޒީއެކެވެ.
ގާޒީ ހައިލަމް ކުރިމިނަލް ކޯޓަށް އައްޔަން ކުރެއްވީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭގެފަހުން ބޮޑެތި މައްސަލަތައް އެ ގާޒީ ބައްލަވަ އެވެ. ކުރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވީ އަބްދުލް ބާރީ ޔޫސުފް ކުއްލި ގޮތަކަށް ކުޑަކުދިންގެ ކޯޓަށް ބަދަލުކުރުމާ ގުޅިގެންނެވެ.
ގާޒީ ބާރީ ކުރިމިނަލް ކޯޓުން ބަދަލުކުރި ފަހުން ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވީ ގާޒީ އާދަމް އާރިފެވެ. ކުރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް އައްޔަންކުރުމަށް ގާޒީ އާރިފާއި ގާޒީ ހައިލަމްއާ އިންޓަވިއުކުރި ކަމަށް މައުލޫމާތު ލިބެ އެވެ.
ކުރިމިނަލް ކޯޓުގެ އިތުރުން ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓަށް ވެސް ވަނީ އިސް ގާޒީން އައްޔަންކުރައްވާފަ އެވެ. ޑްރަގް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަންކުރައްވާފައިވަނީ ގާޒީ އަބްދުލް ސައްތާރު އަބްދުލް ހަމީދެވެ. ޖުވެނައިލް ކޯޓުގެ އިސް ގާޒީއަކަށް އައްޔަން ކުރެއްވީ ސައީދު އިބްރާހިމެވެ.