ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ސިއްރުކޮށްފި އެވެ. އަޑުއެހުން ސިއްރުކުރީ އެމަނިކުފާނުގެ ވަކީލުން އެގޮތަށް އެދިވަޑައިގަތުމުންނެވެ.
ޓެރަރިޒަމްގެ މައްސަލާގެ މިއަދުގެ އިބްތިދާއީ އަޑުއެހުމަށްފަހު އެންމެފުރަތަމަ ރައީސް މައުމޫންގެ ބަންދު މަޖިލިސް ކުރިއަށް ގެންދިޔައީ ހުޅުވާލައިގެންނެވެ. އެ އަޑުއެހުމުގައި ރައީސް މައުމޫންއަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ކޮންމެ ވެސް ވަރަކަށް ހިއްސާކުރެއްވި އެވެ.
ނަމަވެސް ވަކީލުން ވިދާޅުވީ، ބޮޑަށް ތަފްސީލްކުރާއިރު އެ އަޑުއެހުން ސިއްރުކުރަން ބޭނުންވާ ކަމަށެވެ. އެއީ ރައީސް މައުމޫންގެ ވަރަށް ޒާތީ ވާހަކަތަކެއްކަމުން މީޑިއާ ހާޒިރުވެ ތިބި އަޑުއެހުމެއްގައި އެ ވާހަކަތައް ހިއްސާކުރެއްވުމަށް ރައީސް މައުމޫން ވެސް ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންވެ އަޑުއެހުމަށް ވަދެ ތިބި މީހުން ވަނީ ޝަރީއަތުގެ މަޖިލީހުން ނެރެފަ އެވެ.
އެއަށްފަހު ސިއްރުން ބަންދު މަޖިލިސް ކުރިއަށް ގެންދިޔުމަށްފަހު ގޮތެއް ނިންމުމަށް މިއަދު ހަވީރު ވަކި އަޑުއެހުމެއް ބޭއްވުމަށް ނިންމެވި އެވެ. ގޮތެއް ނިންމާ އަޑުއެހުން ވެސް ބާއްވަން ނިންމެވީ ސިއްރުންނެވެ.