ހަބަރު

ސިއްހީ މައްސަލަތައް ކިޔައިދިނުމުން ވެސް މައުމޫން ގޭބަންދަށް ބަދަލު ނުކުރި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަލާސްކަންފުޅާ ގުޅޭ ހުރިހާ މައުލޫމާތެއް ޝަރީއަތަށް މިއަދު ހިއްސާކުރުމުން ވެސް އެމަނިކުފާނު ގޭބަންދަށް ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކުރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. އެ ނިންމުން ނިންމެވީ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމެވެ.

ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން މިއަދު އެމަނިކުފާނުގެ ވަކީލް ފައިސަލް ވަނީ ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އެމަނިކުފާނު ޑޮކްޓަރަށް ދެއްކެވި ދުވަސްތަކާއި ޑޮކްޓަރުން ދެއްވާފައިވާ ލަފާތައް ޝަރީއަތައް އިއްވެވި އެވެ.

މައުމޫންގެ އާއިލާއިން ކުރިން ބުނެފައި ވަނީ، ބޮލަށް އެނބުރުން އެރުމުގެ ބަލި، ބެނިން ޕެރޮގްޒީމަލް ޕޮޒިޝަނަލް ވާޓިގޯ (ބީޕީޕީވީ) ގެ ސަބަބުން އެމަނިކުފާނުގެ ބޯ އަނބުރައި ގަނެގެން ވެއްޓުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޒަރޫރީ ބައެއް ކަންކަން މައުމޫން އަމިއްލައަށް ނުކުރެވޭ ކަމަށެވެ.

ފައިސަލް ވިދާޅުވީ، އެމަނިކުފާނު ބަންދުކުރެއްވި ފަހުން ފަސް ފަހަރަށް މިހާރު ވެއްޓިވަޑައިގެންފައިވާ ކަމަށާއި ޑޮކްޓަރުން ވަނީ އެމަނިކުފާނު އެކަނި ނުހުންނެވުމަށް އިރުޝާދު ދެއްވާފަ ކަމަށެވެ. އަދި އިސްތަށިފުޅުގެ ހަރަކާތްތައް މަދުކުރައްވާ އަވަހާރަޕުޅު ލައްޕަވަން ވެސް ވަކި ގޮތަކަށް އޮންނެވުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާކަން ފައިސަލް ފާހަގަކުރެއްވި އެވެ. ފައިސަލް ވިދާޅުވީ، ރައީސް މައުމޫން ކަސްރަތު ކުރެއްވުމަށް ވެސް އަންގަވާފައިވާ ކަމަށެވެ.

ބަންދަށް ލުޔެއް ދޭން ދައުލަތުން ބޭނުމެއް ނޫން

އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ފަޒުނާ ވިދާޅުވީ، ރައީސް މައުމޫންއާމެދު ހާއްސަ އުސޫލަކުން ލުއި ގޮތްތަކެއް މިހާރު ވެސް ހަމަޖައްސާފައިވާ ކަމަށެވެ. އެމަނިކުފާނުގެ ބަންދަށް ލުޔެއް ދިނުމަށް ފަޒުނާ އިއުތިރާޒު ކުރެއްވި އެވެ. ފަޒުނާ ވިދާޅުވީ ރައީސް މައުމޫންގެ ހާލަތު ތިން މިނެޓުން ތިން މިނެޓުން ލިޔުމަށް ތިރިކޮށް ނަގަމުންދާ ކަމަށެވެ.

އެކަމާ ގުޅޭ ލިޔުންތައް ވެސް ފަޒުނާ ޝަރީއަތަށް ހުށަހެޅުއްވި އެވެ. އޭގައިވާ ގޮތުން ރައީސް މައުމޫންނަށް ފިޒިއޮތެރަޕީ ވެސް ދެމުންދާކަން އެނގޭކަން ފަޒުނާ ފާހަގަކުރެއްވި އެވެ. އަދި އަބަދުވެސް ރައީސް މައުމޫން ފެންނަ ހިސާބުގައި ފުލުހެއް ހުންނަކަން ފާހަގަކުރެއްވި އެވެ.

ފައިސަލް ވިދާޅުވީ، ރައީސް މައުމޫން ފެންނަ ހިސާބުގައި ހުންނެވި ނަމަވެސް އެމަނިކުފާނުގެ އަލާސްކަންފުޅާމެދު ފުލުހުންނަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އެމަނިކުފާނު ވެއްޓިވަޑައިގެން ހޭނެތިފައި އޮންނެވި ނަމަވެސް ފުލުހުންނަށް ނޭނގިދާނެ ކަމަށާއި އެމަނިކުފާނަށް އެޓޭކެއް އައިސް ވެއްޓިވަޑައިގެންފިނަމަ ބޮޑެތި އަނިޔާތަކެއް ލިބުމުގެ ބިރުވެސް އެބަ އޮތް ކަމަށެވެ. އޭގެއިތުރުން ވެސް ގިނަ ނުރައްކާތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެއީ ވަރަށް ޒާތީ ކަންތައްތަކެއްކަން ފައިސަލް ވިދާޅުވި އެވެ. އެހެންވެ، އަޑުއެހުން އެ ހިސާބުން ސިއްރުކޮށްގެން ކުރިއަށް ގެންދަން އެދިވަޑައިގަތެވެ. އެހާ ހިސާބުން އަޑުއެހުން ސިއްރުކުރި އެވެ.

އޭގެކުރިން ވަކީލް މައުމޫން ހަމީދު ވަނީ ގާނޫނީ ގޮތުން ވެސް ރައީސް މައުމޫން ބަންދުގައި ބަހައްޓަންޖެހޭ ހަމައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. ސަބަބެއްގެ ގޮތުގައި މައުމޫން ހަމީދު ފާހަގަކުރެއްވީ މަރުގެ މައްސަލައެއްގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ތިން މީހަކު ދާދިފަހުން ކުރިމިނަލް ކޯޓުން ގޭބަންދަށް ބަދަލުކޮށްފައިވުމާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުން ބަންދު ވެސް ނުކޮށް ތިބޭތީ އެވެ.

ފަޒުނާ ވިދާޅުވީ، އެ މައްސަލަތައް އަޅާނުކިޔޭނެ ކަމަށާއި މީހުންގެ ބަންދާމެދު ލުޔެއް ދިނުމުގައި ހޭދަވާ މުއްދަތަށް ދައުލަތުން ރިޔާއަތްކުރާ ކަމަށެވެ. އެގޮތުން މަރުގެ މައްސަލާގައި ގޭބަންދަށް ބަދަލުކުރި މީހުން ބަންދުގައި ހޭދަކުރި މުއްދަތަށް ބަލަންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ޓެރަރިޒަމްގެ ދައުވާ އުފުލިޔަސް ކޮންމެ މައްސަލައެއް ވެސް ބިނާވެފައިވަނީ ވަކި ހެކިތަކެއްގެ މައްޗަށް ކަމަށާއި މީހުން ބަންދުގައި ބައިތިއްބަނީ ހެކިތަކަށް ރިޔާއަތްކޮށްކަން ވެސް ފާހަގަކުރެއްވި އެވެ.

ފަޒުނާގެ ވާހަކަތައް ބުރަވެވަޑައިގެން ގާޒީ ނިންމެވީ، ރައީސް މައުމޫންގެ ބަންދުގައި ބެހެއްޓުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

ރައީސް މައުމޫންގެ ބަންދާމެދު ސިއްރު އަޑުއެހުމެއް ގޮތް ނިންމާފައިވާއިރު، އެމަނިކުފާނުގެ އާލާސްކަންފުޅާ ގުޅޭ ގޮތުން އާއިލާއިން ގެންދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެތައް ފަހަރަކު އެމަނިކުފާނުގެ ޝަރީއަތުގެ އަޑުއެހުންތައް ކެންސަލް ކުރަން ވެސް ޖެހުނެވެ.