ބޮލީވުޑް

"ރައުޑީ ރާތޯރް 2" ގެ ސްކްރިޕްޓް އޮތީ ނިމިފައި: އަކްޝޭ

ސުޕަސްޓާ އަކްޝޭ ކުމާރާއި ސޮނާކްޝީ ސިންހާ ލީޑްރޯލުން ފެނިގެންދިޔަ "ރައުޑީ ރާތޯރް" އަށް ލިބުނު ބޮޑު ކާމިޔާބާ އެކު އެ ސިލްސިލާގެ ދެވަނަ ފިލްމެއް އުފައްދާނެ ކަމުގެ ވާހަކަތައް އައީ ދެކެވެމުންނެވެ. ދެހާސް ބާރަ ވަނަ އަހަރު ނިކުތް އެ ފިލްމުގެ ދެވަނަ ފިލްމު އުފެއްދުމަށް ސްކްރިޕްޓް ނިމި، ފިލްމުގެ ޕްރޮޑިއުސަރުން ވެސް ހަމަޖެހިފައިވާ ކަމަށް އަކްޝޭ ވަނީ އާދިއްތަ ދުވަހު ބުނެފަ އެވެ.

އަކްޝޭ ވަނީ މި ސިލްސިލާގެ ދެވަނަ ފިލްމު ޕްރޮޑިއުސްކުރާނީ ސަންޖޭ ލީލާ ބަންސާލީ އާއި ސަބީނާ ޚާން ގުޅިގެން ކަމަށެވެ. އަދި ސްކްރިޕްޓް އެއްކޮށް ލިޔެފައިވާއިރު، މިހާރު ސްކްރިޕްޓް އޮތީ ޕްރޮޑިއުސަރުން ފައިނަލް ކުރުމަށް ހުށަހަޅާފައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި ސިލްސިލާގެ ފުރަތަމަ ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ބަންސާލީ އާއި ރޮނީ ސްކްރޫވާލާ ގުޅިގެންނެވެ.

މި ފިލްމުގެ ސްކްރިޕްޓް ނިމުމަށް އެހާ ގިނަ ވަގުތު ނެގީ ސްކްރިޕްޓް ލިޔުމަށް ވިޖަޔެންދަރް ޕްރަސާދް ގިނަ ދުވަސް ނެގުމުން ކަމަށް ވެސް އަކްޝޭ ބުންޏެވެ.

ބަންސާލީ އާއެކު މި ފިލްމު ޕްރޮޑިއުސްކުރާ ސަބީނާ ވެސް ވަނީ ފިލްމުގެ ސްކްރިޕްޓް ނިމި، ބަންސާލީގެ އަތަށް ސްކްރިޕްޓް ފައިނަލް ކުރަން ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ. އަދި ސްކްރިޕްޓް ފައިނަލް ވިހާ އަވަހަކަށް ފިލްމުގެ އެހެނިހެން ރޯލުތަކަށް ތަރިން ހަމަޖެއްސުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ދެވަނަ ފިލްމުގައި އަކްޝޭ އާއެކު ބަތަލާގެ ރޯލުން ސޮނާކްޝީ ފެނިގެންދާނެކަން އަދި ޔަގީނެއް ނޫނެވެ. އދި

"ރައުޑީ ރާތޯރް" ޑައިރެކްޓްކޮށްފައިވަނީ މަޝްހޫރު ކޮރިއޮގްރާފާ ޕްރަބޫ ދޭވާ އެވެ. އޭނާ ވެސް ދެވަނަ ފިލްމު ޑައިރެކްޓްކުރާނެކަން އަދި ކަށަވަރެއްނޫނެވެ.