ހަބަރު

މައުމޫންގެ ދެ މުވައްޒަފުންގެ ޝަރީއަތް ފެށުން ފަސްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ ނަޒްމާ އިބްރާހިމާއި އެމަނިކުފާނުގެ ޕްރައިވެޓް ސެކިއުރިޓީއެއް ކަމަށްވާ މުހައްމަދު އަޒްމީގެ ޝަރީއަތް ފެށުން ކުރިމިނަލް ކޯޓުން ފަސްކޮށްފި އެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ ނަޖުމާ ކޯޓަށް ހާޒިރުކުރުމަށްފަހު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަޑުއެހުން ކެންސަލްކުރީ ނަޖުމާގެ ތުއްތު ދަރިފުޅު ބަލިވެ އުޅޭތީ އަޑުއެހުން ފަސްކޮށްދިނުމަށް އެދި ނަޖުމާ ކޯޓަށް ސިޓީއެއް ފޮނުވާފައިވާތީ އެވެ.

ނަޖްމާ އާއި އަޒްމީ ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި މިދިޔަ ފެބުރުއަރީ މަހު އެވެ. އެ ދެ މީހުން ވެސް ތިބީ ބަންދުގަ އެވެ. ނަޖްމާ ގޭބަންދުގައި ހުރިއިރު އަޒްމީ ހުރީ ޖަލު ބަންދުގަ އެވެ.

އެކެއް ފެބުރުއަރީގެ ސުޕްރީމް ކޯޓުގެ އަމުރު ނެރެ ސަރުކާރު ވައްޓާލަން އުޅުން ކަމަށް ބުނާ މައްސަލާގެ ގިނަ ހެކިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނާ ކަޅު ފޮށި ފެނިފައިވަނީ ނަޖްމާ ދިރިއުޅޭ ގެއިންނެވެ.

ނަޒްމާ އާއި އަޒްމީގެ މައްޗަށް އުފުލާފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. ދައުވާ ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.