ކުޅިވަރު

ޖިރޯނާ ދޫކޮށް މާޗިން ސެވިއްޔާއާ ހަވާލުވެއްޖެ

މިދިޔަ އަހަރު ސްޕެނިޝް ލީގްގައި މުޅިން އަލަށް ވާދަ ކުރި ޖިރޯނާއަށް ކާމިޔާބު ހޯދައިދިން ކޯޗް ޕަބެލޯ މާޗިން އަންނަ ސީޒަންގައި ސެއްވިޔައަށް ކޯޗު ކޮށްދޭން އެ ޓީމާ ހަވާލު ވެއްޖެ އެވެ.

ލީގްގައި މުޅިން އަލަށް ވާދަ ކުރި ފަހަރު، މާޗިން ވަނީ ޖިރޯނާ ގަދަ 10 އެއްގައި ހިމަނައިދީފަ އެވެ. އެ ޓީމުން ވަނީ ލީގްގައި، ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑްވެސް ބަލިކޮށްފަ އެވެ.

ސެވިއްޔާގެ ކޯޗުގެ ގޮތުގައި މިދިޔަ ސީޒަން ފެށީ، އާޖެންޓީނާގެ އެޑްއާޑޯ ބެރިއްސޯ އެވެ. އޭނާއާއެކު ޖަނަވަރީ އާ ހަމަޔަށް މަސައްކަތް ކުރިނަމަވެސް، ޑޮމެސޓިކް ސީޒަންގައި ރަނގަޅު ކަމިޔާބެއް ނުލިބުމުން، އޭނާ ކޯޗު ކަމުން ދުރު ކުރި އެވެ. ޖަނަވަރީ މަހު ސެވިއްޔާގެ ކޯޗު ކަމަށް ހަމަޖެއްސީ އޭސީ މިލާންގެ ކޯޗު ކަމުން ވަކި ކުރި ވިންޗެންޒޯ މޮންޓެލާ އެވެ.

މޮންޓެލާއާ އެކު ސެވިއްޔާ ވަނީ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލާ ހަމަޔަށް ދަތުރު ކޮށްފަ އެވެ. ނަމަވެސް އަންނަ ސިޒަންގެ ޗެމްޕިއަންސް ލީގް ޖާގަ ހޯދައި ނުދެވުމުން، ލީގްގައި ބާކީ ހަތަރު މެޗު އޮއްވައި އޭނާ ކޯޗު ކަމުން ވަކި ކުރި އެވެ. ބާކީ ހަތަރު މެޗުގައި ސެވިއްޔާއަށް އިރުޝާދު ދިނީ، ހޯކިން ކަޕަރޯސް އެވެ.

މާޗިން، ސެވިއްޔާގެ ކޯޗު ކަމާ ހަވަލުވީ، ދެ އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ. އޭނަ ފާހަގަ ކުރެވިފައި ވަނީ ވަރުގަދައަށް ޕްރެސްކޮށްގެން ކުޅުވާ ކޯޗެއްގެ ގޮތުގަ އެވެ. ޖިރޯނާ ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީ ފުރަތަމަ ސީޒަންގައި އޭނާ ކުރި މަސައްކަތައް ގިނަ ބަޔަކު ތައުރީފު ކުރި އެވެ.