ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް އަންނަ ޖޫން މަހު ބާއްވަން އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ނިންމައިފި އެވެ.
ކުނޫޒްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، ރޭ އެޕާޓީގެ ކައުންސިލް ބައްދަލުވުމުން ނިންމާފައިވަނީ އަންނަ މަހު 28 އަދި 29 ވަނަ ދުވަހު އެޕާޓީގެ ކޮންގްރެސް ބޭއްވުމަށެވެ. އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވަނީ ޕެރެޑައިސް އައިލޭންޑް ރިސޯޓްގައި ކަމަށް ސަމީރު ވިދާޅުވި އެވެ.
"ގައުމީ ހިންގާ ކޮމިޓީގެ 111 ވަނަ ބައްދަލުވުން ރޭގައި ބޭއްވުނީ. އެބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އެއްކަމަކަށް މަޝްވަރާ ކުރެވުނީ، އެއީ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސްއެއް ބާއްވާނެ ތާރީހާއި ތަނެއް ކަނޑައެޅުމަށް. އެއަށްފަހު ޕާޓީގެ ބައެއް މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ވޯޓު ނެގުމުގެ މަސައްކަތް ވެސް ރޭގައި ކުރިއަށް ދިޔަ. ޕާޓީގެ ތިންވަނަ ކޮންގްރެސް 2018 ވަނަ އަހަރުގެ ޖޫން 28، 29 ގައި ޕެރެޑައިސް އައިލެންޑުގައި ބޭއްވުމަށް ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ވަނީ ނިންމާފައި" ސަމީރު ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ، މާލޭގައި ކޮންގްރެސް ބާއްވާނެ ތަނެއް ހޯދުމަށް ސަރުކާރުގެ އެކި މުއައްސަސާތަކުގައި އެދިފައިވާ ކަމަށާއި ނަމަވެސް އެއްވެސް ފަރާތަކުން އެކަމަށް އެއްބާރުލުން ދީފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ، ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތައް ހޯދުމަށް އެދިފައިވާނެ ކަމަށާއި އެހެން ނަމަވެސް އެއްވެސް ތަނެއް ހަމަނުޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
"އެގޮތުން 5 މާޗް 2018 ވަނަ ދުވަހު ހައުސިން މިނިސްޓަރަށް އަޅުގަނޑުމެން ސިޓީއަކުން ދެންނެވިން. އަދި އެޕްރީލް 27،28 އަށް ލިބޭތޯވެސް ދެންނެވިން. 24 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށް ދަރުބާރުގެ ހަމަޖެހޭތޯ އެދުމުން ހައުސިން މިނިސްޓްރީ ބޭފުޅަކު ގުޅުއްވާފަ ވިދާޅުވީ ހަމަ ނުޖެހޭނެ ކަމަށް. އެހެން ނަމަވެސް ލިޔުމުން އެންގުމަށް އަޅުގަނޑުމެން އެދުނީ. ދެން އަޅުގަނޑުމެން އެދުނީ ސަރުކާރުގެ ސްކޫލްތަކުން ޖާގަ ލިބޭތޯ. އެހެން ނަމަވެސް އެކަން އަޅުގަނޑުމެންނަކަށް ނުވި،" ސަމީރު ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ދޭންޖެހޭ ފައިސާ ނުދީ އޮތުމުގެ ސަބަބުން ކޮންގްރެސް ބޭއްވުމަށް ދަތިތަކާއި ކުރިމަތި ވެފައިވާ ކަމަށެވެ. އަދި ކޮންގްރެސް ބާއްވާއިރު ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ނެތުމުގެ ފަޅުކަން ދިމާވާނެ ކަމަށްވެސް ސަމީރު ވިދާޅުވި އެވެ.