ވިޔަފާރި

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ބުދަ ދުވަހުގެ ރޭ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 30 ވާ ބުދަ ދުވަހުގެ ރޭ ބާއްވަން ޝެޑިއުލްކޮށްފި އެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އޭޖީއެމް ބާއްވާނީ، ދަރުބާރުގެ ދޮށިމޭނާ މާލަމުގައި، މި މަހުގެ 30 ވާ ބުދަ ދުވަހުގެ ރޭ 9:30ގައި ކަމަށެވެ.

އެ ޖަލްސާއަށް ޝެޑިއުލްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އެހެން އަހަރު ތަކެކޭ ވެސް އެއްގޮތަށް 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކުރުން އަަދި ހިއްސާދާރުންނަށް މިދިޔަ އަހަރުގެ ފައިދާއިން ބަހާނެ މިންވަރު ފާސްކުރުން އަދި އާންމު ހިއްސާދާރުންގެ ތެރެއިން އެސްޓީއޯގެ ބޯޑަށް އިންތިހާބު ކުރާ ފަރާތްތައް އިންތިހާބު ކުރުން ވެސް އޮންނާނެ އެވެ. މީގެ އިތުރަށް އެސްޓީއޯގެ އަސާސީ ގަވާއިދަށް ގެންނަ ބައެއް އިސްލާހުތައް ފާސްކުރުން ވެސް ހިމެނެ އެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 37 މިލިއަން ރުފިޔާ ދަށްވެފައެވެ. މިއީ 3.8 ޕަސެންޓް ދަށްވުމެކެވެ. އެސްޓީއޯގެ 2017 ވަަނަ އަހަރުގެ ސާފު ފައިދާއަކީ 211 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް، ޑިވިޑެންޑްގެ ގޮތުގައި 55 ރުފިޔާ ބަހަން ހުށަހަޅަން ވަނީ އެ ކުންފުނީގެ ބޯޑުން ފާސްކޮށްފަ އެވެ.