ރިޕޯޓް

ކަމަކުދާކަށް ނެތް! ރައްޔިތުންގެ އެސްޓީއޯއެއް ނެތް

Jun 2, 2018
105

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އަދި ގައުމުގެ އެންމެ ބޮޑު އެއް ރައުސްމާލު ކަމުގައިވާ އެސްޓީއޯގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގަމުން ދިޔައިރު ހިއްސާދާރުންގެ ލޮލުގައި އަޅައިގަންނާނެ ގޮތަށް ބޮޑު އަކުރުން ލިޔެފައި އޮތީ؛ "އެންމެންގެ އެސްޓީއޯ" މިހެން އެވެ. ކުންފުނީގެ ޑިރެކްޓަރުން ތިއްބެވީ އެކަމަށް އެއްބަސްވެ، ބޮޑު އަކުރުން އެގޮތަށް ލިޔެފައި އޮތް މޭޒެއްގެ ފަހަތަށް އަރަ އެވެ. ވަރަށް ވެސް ރަނގަޅު ވާހަކައެކެވެ. ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެސްޓީއޯ ވާން ޖެހޭނީ އަދި އޮންނަން ޖެހޭނީ އެންމެންގެ ތަނެއްގެ ގޮތުގަ އެވެ. އެއީ ބަހުސަކަށް ހުޅުވާލެވޭނެ އަދި ދެވަނަ ވިސްނުމެއް ވެސް ނެރެވޭނެ މައުލޫއެއް ނޫނެވެ. އެކަމަކު އެސްޓީއޯގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ގަނޑުތައް އުކަމުން ގޮސް އޭގައި ހުރި ތަފާސްހިސާބުތަކުގެ ފުނަށް ދާއިރު މި ފެންނަނީ އެ މަންޒަރު ހެއްޔެވެ؟

އެސްޓީއޯގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި އެންމެ މުހިންމު ހިސާބުތަކެއް ފެންނަން ހުރީ އެ ރިޕޯޓް 172 ވަނަ ސޮފްހާގަ އެވެ. އެ ސޮފްހާގައި ހިމަނާފައި ވަނީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތައް ހިމަނައިގެން މުޅި އެސްޓީއޯގެ ގްރޫޕްގެ މާލީ އުސްއަލިތަކެވެ. އެ އުސްއަލިތަކުން މިދިޔަ ފަސް އަހަރު އެސްޓީއޯ ދަތުރު ކުރަމުން ދާމަގާއި މިދިޔަ އަހަރު ނިމުނު އިރު ކުންފުނީގެ މިސްރާބު ހިފާފައި ހުރި ގޮތުގެ ތަސްވީރެއް ކުރަހާލެވިދާނެ އެވެ. އެސްޓީއޯ ރިޕޯޓްގައި ހުރި މާލީ އުސްއަލިތަކުގެ ފުނަށް ދަމާ ހިނގާށެވެ.

1. ރިޓާން އޮން އިކުއިޓީ - އާރުއޯއީ

މިއީ ހިއްސާދާރުން ކުންފުންޏަށް އިންވެސްޓްކޮށްފައިވާ ފައިސާއިން ފައިދާ ލިބޭ މިންގަނޑު ދެނެގަންނަން ބޭނުން ކުރާ ޕަސެންޓޭޖެކެވެ. ކުންފުންޏަކަށް އިންވެސްޓް ކުރުމުގެ ކުރިން މި ޕަސެންޓޭޖަށް އިންވެސްޓަރުން ފާރަވެރިވެ އެވެ. އެސްޓީއޯއަށް ހިއްސާދާރުން އިންވެސްޓްކޮށްފައިވާ ފައިސާއިން ފައިދާ ލިބޭ މިންވަރު 2016 ވަނަ އަހަރާ އަޅާބަލާއިރު، ވަނީ 12.1 ޕަސެންޓް ދަށްވެފަ އެވެ. އެގޮތުން 2016 ގައި އެސްޓީއޯގެ އާރުއޯއީ ހުރީ 18.6 ޕަސެންޓްގަ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރު ނިމުނު އިރު އެ އަދަދު ވަނީ 6.5 ޕަސެންޓަށް ސޮއްސާލައިފަ އެވެ. އޭގެ މާނައަކީ ހިއްސާދާރުން އިންވެސްޓްކޮށްފައިވާ ފައިދާއިން ކުންފުންޏަށް ފައިދާ ނެރެވޭ އަދަދު ދުވަހެއް ދުވަހަކަށް ދަށްވަމުން ދިއުމެވެ. އެސްޓީއޯގެ މިހާރުގެ މެނޭޖްމަންޓް އައިފަހުން 2014 މި ޕަސެންޓޭޖް ވަނީ 29.2 ޕަސެންޓަށް އަރައިފަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން ދަށްވަމުން ދަށްވަމުން ގޮސް 2013 ގައި އެސްޓީއޯ އޮތް ވަރަށް ވުރެވެސް ދަށަށް މި ވަނީ ސޮއްސާލައިފަ އެވެ. އާރުއޯއީ 2013 ގައި ހުރީ 11.9 ޕަސެންޓްގަ އެވެ.

2. ރިޓާން އޮން ކެޕިޓަލް އެމްޕްލޯއިޑް - ރާއޯސީއީ:

މިއީ ކުންފުނީގެ ކެޕިޓަލް ހުންނަ މިންވަރާ އަޅާކިޔާއިރު ކުންފުނިން ފައިދާ ނެރެވޭ މިންގަނޑު ދެނެގަންނަ ރޭޝިއޯ އެވެ. އެގޮތުން ކެޕިޓަލްގެ ނިސްބަތުން ފައިދާ ނެރެވޭ މިންވަރު މި ވަނީ މިދިޔަ އަހަރުގެ ތެރޭގައި، 4.9 އަކަށް ދަށަށް ގޮސް، 4.3 އަށް ސޮއްސާލައިފަ އެވެ. މި އަދަދު 2016 ގައި ހުރީ، 9.2 ގަ އެވެ. މިއީ މިދިޔަ ފަސް އަހަރުގެ ތެރޭގައި މިއަދަދު މިހާބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

3. ޝެއާހޯލްޑާ އިކުއިޓީ ރޭޝިއޯ:

މިއީ ކުންފުނި ލިކުއިޑޭޓް ކުރާ ހާލަތެއްގައި ހިއްސާދާރުންނަށް ބަދަލުގެ ގޮތުގައި ލިބޭނެ ވަރު ދެނެގަންނަ މިންގަނޑެވެ. އެސްޓީއޯގައި މިއަދަދު ވަނީ 2016 ވަނަ އަހަރާ އަޅާބަލާއިރު، 34.3 އިން 32.6 ޕަސެންޓަށް ދަށްވެފަ އެވެ. މިއީ ގާތްގަނޑަކަށް 1.7 ޕަސެންޓްގެ ދަށްވުމެކެވެ. މީގެން ދައްކަދަނީ ކުންފުނި ލިއުކުއިޑޭޓް ކުރާ ހާލަތެއްގައި ހިއްސާދާރުންނަށް ލިބެން އޮންނަ ބަދަލު ދަށްވަމުން ދާކަމެވެ.

4. ޑެޓް އިކުއިޓީ ރޭޝިއޯ:

ކުންފުނީގެ ދަރަނިން ހިއްސާއަކަށް ޖެހޭ މިންވަރު، ނެޓް ޑެޓް އިކުއިޓީ ރޭޝިއޯ އަންނަނީ ކުންފުނީގައި މަތިވަމުން އެވެ. އެގޮތުން 1.6 އިން 1.9 މި ރޭޝިއޯ މި ވަނީ މައްޗަށް ޖެހިފަ އެވެ. އޭގެ މާނައަކީ ކުންފުނީގެ ހަރުމުދަލުގެ އަގަށް ވުރެ ކުންފުނީގެ ދަރަނި ބޮޑު ވަމުން އަންނަކަމެވެ. އަދި ބޭންކްތަކުން ލޯނު ދޭއިރު އާންމުކޮށް މި ރޭޝިޔޯއަށް ބަލާނެ އެވެ. އޭގެ މާނައަކީ އެސްޓީއޯއަށް ލޯނު ދިނުމުގެ ރިސްކް މިދިޔަ އަހަރު ނިމުނު އިރު ބޮޑުވެފައިވާއިރު، މުސްތަގުބަލުގައި ލޯނެއް ނަގާނަމަ ބޭންކުން ލޯނު ދޭ އިންޓްރެސްޓް ރޭޓް ބޮޑުވުމެވެ.

5. އިންޓަރެސްޓް ކަވަރޭޖް ރޭޝިއޯ:

މިއީ ދަރަނި އަނބުރާ ދެއްކުމުގެ ބުރަ އުފުލޭނެ ގާބިލްކަން ހުރި މިންވަރެވެ. އެސްޓީއޯގައި މި ރޭޝިއޯ މިވަނީ 5.1 އިން 2.3 އަށް ދަށްވެފަ އެވެ. މީގެ މާނައަކީ، ދަރަނި އަނބުރާ ދެއްކުމުގެ ބުރަ އުފުލުމަށް އެސްޓީއޯގައި ހުންނަ ގާބިލްކަން ދަށަށް ދިޔުމެވެ. މިއީ މިދިޔަ ފަސް އަހަރުގެ ތެރޭގައި މި ރޭޝިއޯ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

6. ޑިވިޑެންޑް ޔީލްޑް:

މިއީ ހިއްސާގެ އަގާ އަޅަބަލާއިރު، ފައިދާ ލިބޭ މިންވަރު ދެނެ ގަންނަ މިންވަރެވެ. އެ އަދަދު ވަނީ 10.20 ޕަސެންޓުން 15.71 ޕަސެންޓަށް އިތުރުވެފަ އެވެ. މި ޕަސެންޓޭޖް އަދި އިތުރުވުމަކީ އުފާވާން ޖެހޭ ކަމެއް ނޫނެވެ. ގިނަ ފަހަރަށް ޑިވިޑެންޑް ޔީލްޑް ޕަސެންޓޭޖް ބޮޑުކޮށް ހުންނަނީ، ކުރިއެރުން ދަށް ކުންފުނިތަކުން އެ މީހުންގެ އިންވެސްޓަރުން ނޫނީ ޝެއާ ހޯލްޑަރުން ކުންފުންޏާ ގަޔާވާނެ ގޮތް ހެދުމަށެވެ. އެސްޓީއޯއިން މިދިޔަ އަހަރުގެ ފައިދާ ދަށްވި ނަމަވެސް 2016 ވަނަ އަހަރަށް ވުރެ ގިނައިން ހިއްސާއަކަށް 55 ރުފިޔާ ބަހަން ނިންމީ އެ ވިސްނުމުގައި ކަމަށްވުން ކައިރި އެވެ.

މި ހުރިހާ މިންގަނޑުތަކެއް އެއްކޮށްލީމާ، ނިކުންނަ ނަތީޖާ އަކީ މުޅި އެސްޓީއޯގެ ވިޔަފާރީގެ މިސްރާބު އަދި މުޅިން މިދަނީ ހިއްސާދާރުން އެންމެ ހިތްއުފާވާނެ ގޮތަށް ނޫން ކަމެވެ. އެސްޓީއޯގެ ހިއްސާދާރުންނަށް ފައިދާވާން ހުރި މިންގަނޑުތައް މި ދަތުރު ކުރަނީ އެ މަގާ މުޅިން ދުރަށެވެ. މުޅި އެސްޓީއޯގެ ފައިދާއަށް ބަލާއިރުވެސް 2016 ވަނަ އަހަރާ އަޅާބަލާއިރު 2017 ގައި މި ވަނީ 269 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރު މުޅި އެސްޓީއޯ ގްރޫޕަށް ލިބިފައި ވަނީ، 160 މިލިއަން ރުފިޔާގެ ސާފު ފައިދާ އެކެވެ. އެކަމަކު 2016 ގައި ސާފު ފައިދާއަށް 429 މިލިއަން ރުފިޔާ އެސްޓީއޯއިން ހޯދި އެވެ. އެހެން ވީމާ މިދިޔަ އަހަރު ނިމުނު އިރު އެސްޓީއޯގެ ފައިދާ މި ވަނީ 62.7 ޕަސެންޓް ސޮއްސާލައިފަ އެވެ.

އެސްޓީއޯއިން ދައްކާ ބަހަނާއަކީ އެ ކުންފުނީގެ ސާފު ފައިދާ ސޮއްސާލައިގެން ދިޔައީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ތެލުގެ އާމްދަނީ މިދިޔަ އަހަރު ދަށްވުމާ ގުޅިގެން ކަމަށެވެ. އެކަމަކު އެކަން އެގޮތަށް ގަބޫލުކޮށް ނިންމާލަން ޖެހޭ ސަބަބެއް ވެސް ނެތެވެ. އެސްޓީއޯ މާލީ ގޮތުން ވަރުގަދަ ވުމަށް ވުރެ، ބަލިކަށި ކަމާ ދިމާލަށް ދަތުރު ކުރަނީ ކޮންމެހެން އެ ސަބަބާ ހުރެއެއް ނޫނެވެ.

އެސްޓީއޯގެ ބެލެންޝީޓްގެ ތެރެއަށް ވަދެ ހާވާ ބަލާއިރު ކޭޝް އިން ހޭންޑް، ނޫނީ ކުންފުނީގެ ވަގުތުން ބޭނުން ކުރެވޭ ގޮތަށް ހުންނަ ފައިސާގެ އަދަދު ވަނީ 44 ޕަސެންޓަށް ވެއްޓިފަ އެވެ. އެގޮތުން ކޭޝް އިން ހޭންޑްގެ ގޮތުގައި 2016 ވަނަ އަހަރު 69.9 މިލިއަން ރުފިޔާ ހުރި ނަމަވެސް، މިދިޔަ އަހަރު ނިންމާލި އިރު އެ އަދަދު ހުރީ 38.7 މިލިއަން ރުފިޔާގަ އެވެ. އަދި ބޭންކްގައި ހުރި ފައިސާގެ އަދަދު ވެސް ވަނީ 695.8 މިލިއަން ރުފިޔާއިން 426.10 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ. މީގެ މާނައަކީ މާލީ ގޮތުން ކުންފުނި ވަރުގަދަ ވެގެން ނުދާކަމެވެ. މިއާ އެކު ކުންފުނީގެ ހިންގުމުގެ ހަރަދުތައް އަދި ކުންފުނިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދުތައް އަދި ކުންފުނީގެ ދަރަނީގެ ހާލަތު ވެސް ރަނގަޅެއް ނޫނެވެ. މީގެ އިތުރަށް ކުންފުންޏަށް ލިބެން ޖެހޭ ފައިސާތައް ހޯދުމާއި ނުބައި އިންވެސްޓްމަންޓްތަކުން ބޯދަމައިގަތުމުގައި އެސްޓީއޯއަށް އަދިވެސް އެކަށީގެންވާ ކުރިއެރުމެއް ނުހޯދެއޭ ބުނުމުގެ ފުރުސަތު އެބަ އޮތެވެ.

އެސްޓީއޯއިން 2017 ވަނަ އަހަރު ނިމުނު އިރު އެ ކުންފުނިން ނަގާފައިވާ ދަރަނީގެ އަދަދު ވަނީ، ދެ ބިލިއަން ރުފިޔާއާ ގާތްކޮށްފަ އެވެ. އެގޮތުން ބޭންކްތަކުންނާއި އެހެނިހެން ގޮތް ގޮތުން ނަގާފައިވާ ދަރަނީގެ އަދަދު 1.8 ބިލިއަން ރުފިޔާއަށް 2017 ވަނަ އަހަރު ނިމުނު އިރު ވަނީ އަރައިފަ އެވެ. މިދިޔަ އަހަރު އެކަނިވެސް ލޯނުތައް ދެއްކުމަށް 700 މިލިއަނެއްހާ ރުފިޔާ ވަނީ ކުންފުނިން ހަރަދު ކުރަން ޖެހިފަ އެވެ. ނަތީޖާއަކަށް ވަނީ، ލޯނު އަނބުރާ ދެއްކުމުގެ ބުރަ އެސްޓީއޯއަށް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އައުމެވެ. ބޮޑު މަންޒަރަކަށް ވާނީ އެސްޓީއޯގެ ރިހޭ ފައިގެ މައްޗަށް ފޮއި ވެއްޓުމެވެ.

މުޅި އެސްޓީއޯގެ ގްރޫޕަށް ލިބުނު އާމްދަނީ އިތުރުވެ، މިދިޔަ އަހަރުގެ ތެރޭގައި 9.1 ބިލިއަން ރުފިޔާއަށް އަރާފައިވީ ނަމަވެސް، އެ ކުންފުނީގެ އިދާރީ ހަރަދުތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން މުޅި އެސްޓީއޯ ގްރޫޕްގެ އިދާރީ ހަރަދުތައް 19.7 ޕަސެންޓް އިތުރުވެފައިވާ ކަމަށް ބެލެންސް ޝީޓުން ދައްކަ އެވެ. އެގޮތުން އެސްޓީއޯ ގްރޫޕްގެ މާކެޓިން އަދި ތަކެތި ވިއްކުމަށް ކުރަން ޖެހުނު ހަރަދު ވަނީ ގާތްގަނޑަކަށް 50 ޕަސެންޓް އިތުރުވެ، 534.5 މިލިއަން ރުފިޔާއަށް އަރައިފަ އެވެ. މިހާ ބޮޑުތަނެއް އިދާރީ ހަރަދުތަކާއި މާކެޓިން ހަރަދުތަކަށް އިތުރުވެފައި އޮތުމުން، ކުންފުނީގެ ސާފު ފައިދާއަށް މިދިޔަ އަހަރު ވަނީ އަސަރުކޮށްފަ އެވެ. އެސްޓީއޯގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެ، ބޭކާރު ހަރަދުތައް ގިނަވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް މިކަމުން ބާރުލިބެ އެވެ.

ޒަމާނުއްސުރެ ވެސް އެސްޓީއޯއާ މެދު ހިއްސާދާރުންގެ އެންމެ ބޮޑު ޝަކުވާ އަކީ، އެ ކުންފުންޏަށް ވިޔަފާރީގެ ގޮތުން ނުބައި ނިންމުންތައް ނިންމުމެވެ. އޭގެ ސަބަބުން ކުންފުނީގެ މާލީ ހާލަތަށް އަސަރު ކުރުމަކީ އެސްޓީއޯއަށް ކުރިމަތިވެފައި އޮންނަ ޗެލެންޖެކެވެ. ގިނަ ފަހަރަށް ސިޔާސީ ފިއްތުމުގައި އެސްޓީއޯ ޖެހި، އެކަން ކުރަނީ ފައިދާ ނުވިޔަސް ޒަރޫރީ ހިދުމަތްތައް އާންމުންނަށް ފޯރުކޮށްދިނުމަކީ ކުންފުނީގެ ޒިންމާއެއް ކަމަށް ބުނެ އެވެ. އެގޮތުން މިފަހުން އެސްޓީއޯގެ ދަށަށް މިފްކޯ ގެނައުމުގެ މުއާމަލާތާ ހެދި އެސްޓީއޯއަށް 132 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި މިފްކޯއިން މިދިޔަ އަހަރު ނިމުނު އިރުވެސް އަދި ފައިދާއެއް ނެރެވޭ ވަރެއް ނުވެ އެވެ. މައްސަލައަކަށް ވަނީ ހާލުގައި އޮތް މިފްކޯގެ ބުރަ މިދިޔަ އަހަރުވެސް އެސްޓީއޯއިން އުފުލަން ޖެހުމެވެ. މީގެ އިތުރަށް، ހުޅުމާލޭގައި ގާތްގަނޑަކަށް 580 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ، 250 އެނދުގެ ހޮޓަލުގެ ކަންތައް ވެސް ކޮޅެއްގައި ޖެހޭ ގޮތެއް ނުވެ އެވެ. ތައި އެގްޒިމް ބޭންކުން 30 މިލިއަން ޑޮލަރު ނަގައިގެން ފެށި އެ މަސައްކަތް، ވީރާނާވެ އެހެރަ ދަނީ އެވެ. އެސްޓީއޯގެ އެމްޑީ އަހުމަދު ޝަހީރު މިދިޔަ އަހަރުގެ މޭ 31 ގައި ވިދާޅުވެފައި ވަނީ ޖޭވީއެއް ހަދައިގެން އެސްޓީއޯއިން އެ ހޮޓާ 12 މަސްދުވަހުގެ ތެރޭގައި ހުޅުވައި ހިދުމަތް ފަށާނެ ކަމަށެވެ. އެކަމަކު އެ މުއްދަތު ވެސް ފަހަނަ އަޅާ ދިޔައީ އެވެ. މިއީ ކުންފުންޏަށް ކިހާ ބޮޑު ގެއްލުމެއް ހެއްޔެވެ؟ މިއަހަރު ހިއްސާދާރުންނާ އެސްޓީއޯ ކުރިމަތިލީ މި ގެއްލުމުން އަރައިގަންނާނެ ފޯމިއުލާއެއް ހޯދައިގެންހެން ވެސް ހިއެއް ނުވެ އެވެ.

އެސްޓީއޯގެ އެމްޑީ ޝަހީރު މޭ 31، 2017 ގައި ދީފައިވާ އިންޓަވިއުއެއްގެ މައްޗަށް ލިޔެފައިވާ ހަބަރެއް: 12 މަސްދުވަހުން ހޮޓާ ހުޅުވާނެ ކަމަށް ވިދާޅުވި.

އެސްޓީއޯގެ އެމްޑީ ޝަހީރު މިހުރިހާ ކަމެއް އޮއްބާލުމުގެ ބަހަނާއަކަށް ދައްކަވަނީ އެސްޓީއޯއިން މިދިޔަ އަހަރުވެސް 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ކުރި ވާހަކަ އެވެ. އެގޮތުން ތެޔޮ ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމާއި ތަކެތި ޖަމާކުރާ ޒަމާނީ ގޯޑައުން ހެދުމާއި ކޮންސްޓްރަކްޝަން މެޓީރިއަލް ވިޔަފާރިއަށް ކުރާ އިންވެސްޓްމަންޓްތަކުގެ ވާހަކަ އެމްޑީ ތަކުރާރު ކުރައްވަ އެވެ. އެކަމަކު މި އިންވެސްޓްމަންޓްތަކުން، އެ ކުންފުނިން ދޭ ހިދުމަތަށް އައި ތަރައްގީ އަކީ ކޮބައި ހެއްޔެވެ؟ އަގުތައް ތިރިވާނެ ކަމަށް ބެލެވުނަސް ތެލުގެ ކެޕޭސިޓީ އިތުރުކޮށްގެން ވަކި ތެލުގެ އަގަށް ހޯދުނު ހެވެއް ނެތެވެ. މިއީ އެސްޓީއޯއިން ހިއްސާދާރުންނާއި އާންމު ރައްޔިތުންނަށް ފުރިހަމަ ޖަވާބު ދޭން ޖެހޭ ސުވާލުތަކެވެ. އެކަމަކު ތަކުރާރުކޮށް މި ސުވާލުތަކަށް ޖަވާބު ހޯދަން ގުޅިއަސް މެނޭޖްމަންޓުން އެ ސުވާލުތަކަށް ޖަވާބު ދޭން ބޭނުމެއް ނުވެ އެވެ. ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކުން ފައިދާ ހޯދަން ނުޖެހޭ ކަމަށް ބުނެ މައްސަލަ ހިންދާލަނީ އެވެ. އެކަމަކު އެ ހިސާބަކުން ނުނިމޭނެ އެވެ. ކުންފުންޏެއް މާލީ ގޮތުން ވަރުގަދަވާ އަސާސްތައް ދުވަހެއް ދުވަހަކަށް ބަލިކަށިވާ ނަމަ އޭގެން ފެންނަ މަންޒަރަކީ ރައްޔިތުންގެ އެސްޓީއޯ ހަލާކުގެ ތެރެއަށް ދިޔުމެވެ. އެއީ ވަރިހަމަ ކުރެވޭނެ ކަމެއް ނޫނެވެ. އެސްޓީއޯގައި އެތައް ދިވެހި ރައްޔިތުންނެއްގެ ހައްގު އެބަ އޮތެވެ. އެއީ އެތައް ބައެއްގެ ހައްގު އޭގައި ހިމެނޭ "އެންމެންގެ" ކުންފުންޏެކެވެ.