ހަބަރު

ފަނޑިޔާރުންނަށް ދިން އަދަބު ބޮޑު ކަމަށް ޕީޖީ އެއްބަސްވޭ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމްގެ އަދަބަކީ ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީއިން ގަބޫލުކުރާ އަދަބު ނޫން ކަމަށް މިއަދު ހައިކޯޓުގައި ބުނެފި އެވެ. ޕީޖީއިން ބުނި ގޮތުގައި އިއްވާފައިވަނީ އަންނަން ޖެހޭ އަދަބަށްވުރެ ބޮޑު އަދަބެއް ކަމަށެވެ.

އެ ދެ ބޭފުޅުންނަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވުމުންނެވެ. އެއީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ސާބިތުވެގެނެވެ.

ދައުލަތުން ދެ ފަނޑިޔާރުންގެ މައްޗަށް ދައުވާ އުފުލީ ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރުގެ ދަށުންނެވެ. އެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ހުކުމް އިއްވީ ކުށުގެ އަދަބު ހަތަރު ދަރަޖައަށް މަތިކޮށްފަ އެވެ. އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ހުކުމުގެ ކުރިން ދެ ފަރާތަށް ވެސް ކުރިމިނަލް ކޯޓުން ދީފައެއް ނުވެ އެވެ.

މިއަދު ހެނދުނު ބޭއްވި އުއްތަމަ ފަނޑިޔާރުގެ އިސްތިއުނާފުގެ ފަހު އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، ކުށުގެ އަދަބު ހަތަރު ދަރަޖައަށް މަތިކޮށްފައިވަނީ އުސޫލުން ނޫން ކަމަށެވެ. ކުށް ސާބިތުވި ނަމަވެސް ހަތަރު ދަރަޖައަށް އަދަބު މަތި ނުކުރެވޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު ތައުފީގު ވިދާޅުވީ، އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ކުރިމިނަލް ކޯޓުގައި ދައުލަތަށް ވެސް ފުރުސަތު ދީފައިނުވާ ކަމަށެވެ. އެހެންވެ ފަނޑިޔާރުންގެ ބެންޗުން ވަނީ އަދަބާ ގުޅޭ ގޮތުން ދައުލަތުން ދެކޭ ގޮތް ވިދާޅުވުމަށް އަންގަވާފަ އެވެ.

ތައުފީގު ވިދާޅުވީ، ކުށުގެ އަދަބު މަތިކުރެވޭނެ ހާލަތަކީ ގާނޫނުގައިވާ ގޮތުން އިދާރާއަކަށް ހުރަސް އެޅުން ނުވަތަ ގެއްލުމެއްދޭ ހާލަތްތަކުގަ ކަމަށެވެ. އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަކީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ދެ ބޭފުޅުންނަށްވާއިރު އެ ދެ ބޭފުޅުންގެ މައްޗަށް އަދަބުގެ ދަރަޖަ މަތިކުރެވިދާނެ ކަމަށް ތައުފީގު ވިދާޅުވި އެވެ. އެހެންވެ އަންނާނެ އަދަބު ކަމަށް ދައުލަތުން ގަބޫލުކުރާ އަދަބަކީ ކޮބައިތޯ ދިރާސާކުރުމަށް ފަނޑިޔާރުންގެ ބެންޗުން ފުރުސަތު ދިނެވެ.

ޝަރީއަތުގެ މަޖިލީސް މެދުކަނޑާލުމަށްފަހު އަލުން ފަށުމުން ތައުފީގު ވިދާޅުވީ، ދައުލަތުން ގަބޫލުކުރާ ގޮތުގައި އަދަބު ކަނޑައަޅާފައިވަނީ އެއް ދަރަޖަ މަތިކޮށެވެ. އަދަބު މަތިވާނެ ކަމަށް ހުކުމްގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް ބަލާއިރު މަތިވާނީ ތިން ދަރަޖައަށް ކަމަށް ތައުފީގު ވިދާޅުވި އެވެ. އެވަރަށް އަދަބު މަތިކުރުމުން އަންނާނީ އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ހުކުމުގައިވާ ގޮތުން ކުށުގެ އަދަބު ހަތަރު ދަރަޖަ މަތިކުރީ ފަނޑިޔާރުންނަކީ އެމީހުންގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަމާމެދު ރައްޔިތުން ސުވާލު އުފައްދާފަދަ ބަޔަކަށް ވެގެން ނުވާނެތީ އެވެ. ނަމަވެސް އުއްތަމަ ފަނޑޔާރާއި އަލީ ހަމީދު އަދުލު އިންސާފުގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ހުވާ ކުރައްވައި ތިއްބަވައިގެން ފަނޑިޔާރުން އަމަލުކުރަން ޖެހޭ ގޮތްތަކާ ހިލާފަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ޝަރުއީ ނިޒާމަށް ގެއްލުންދީފައިވާ ކަމަށެވެ.

ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ޒިންމާތައް ބޮޑު ކަމަށާއި އެ ބޭފުޅުން ކުރައްވައި އަމަލުތަކުގެ ޒިންމާ އެ ބޭފުޅުން އުފުލަންޖެހޭނެ ކަމަށް ވެސް ކުރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ. އަދި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ސަބަބުން އެ ފަނޑިޔާރުން ކުރައްވާފައިވާ ބައެއް ކަންކަން ވެސް ގާނޫނީ އިމުން ބޭރުވެފައިވާތީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އަދަބުގެ ދަރަޖަ މަތިކުރީ ކަމަށް ވެސްވެ އެވެ.

ނޫރުއްސަލާމް ވިދާޅުވި ގޮތުގައި އަދަބު ބޮޑު ކުރާ ސަބަބެއް ގޮތުގައި މުއައްސަސާއެއްގެ އިތުބާރު ގެއްލުވާލިކަން ހިމާނާފައިވާއިރު އިތުބާރު ގެއްލުވާލީ ނުވަތަ މުއައްސަސާއެއްގެ މަސައްކަތަށް ހުރަސް އެޅޭ ކީއްވެގެންކަން ބަޔާން ނުކޮށްދޭ ކަމަށެވެ. އެހެންވެ މި މައްސަލަ ސާބިތުވި ނަމަވެސް އަންނާނީ އަދަބުގެ ދެ ދަރަޖަ ލުއި އަދަބެއް ކަމަށެވެ. އެއީ ދެ މަހާއި 12 ދުވަހެވެ. އަދި ބަންދުގައި ހުރި މުއްދަތު އޭގެން ކެނޑޭނެކަން ވެސް ފާހަގަކުރެއްވި އެވެ.

އޭނާ ވަނީ ކުރިމިނަލް ކޯޓުގައި އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ދިނުމަކާ ނުލާ ހުކުމް އިއްވާފައިވާތީ މައްސަލަ އަލުން ކުރިމިނަލް ކޯޓަށް ފޮނުވާ އަދަބާ ގުޅޭ އަޑުއެހުން އަލުން ބޭއްވުމަށް އެންގުމަށް ހައިކޯޓުގައި އެދިވަޑައިގެންފަ އެވެ. އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަކީ ޖިނާއީ އިޖުރާއަތުގައި ލާޒިމްކުރާ ކަމެކެވެ.

އުއްތަމަ ފަނޑިޔާރުގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައިވީ ނަމަވެސް އޭގެ ފަހުން އޮތް ފަނޑިޔާރު އަލީ ހަމީދުގެ މައްސަލާގައި ވަކިން އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެއް ނުވެ އެވެ. ނަމަވެސް އަލީ ހަމީދުގެ ވަކީލް ސަފާ ޝަރީފު ވަނީ ދަށު ކޯޓުގައި އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ނުލިބޭކަން ފާހަގަކުރައްވާފަ އެވެ. އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން ބޭނުންވާ ކަމަށް ތައުފީގު ވެސް ވިދާޅުވި އެވެ. ނަމަވެސް ބެންޗުގެ ރިޔާސަތުގައި އިންނެވި ހައިކޯޓުގެ އިސް ގާޒީ އަބްދުﷲ ދީދީ އިތުރު އާ ވާހަކައެއް އޮތްތޯ ސުވާލު ކުރައްވާފަ އެވެ. ތައުފީގު ނެތް ކަމަށް ވިދާޅުވުމުން އެކަމަށް ފުރުސަތު ވަކިން ނުދެއްވަ އެވެ.