ވިޔަފާރި

ސިޓީ ހޮޓަލަކާއެކު މަޑިވަރުގައި އެއާޕޯޓެއް އަޅަން ޗަމްޕާގެ ކުންފުންޏަކަށް

ހުރަވަޅި ރިސޯޓުން: މުހައްމަދު އަފްރާހު
May 29, 2018
8

ސިޓީ ހޮޓަލާއެކު، މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން މަޝްހޫރު ޓޫރިޒަމް ކުންފުނި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ މިއަދު ހަވާލުކޮށްފި އެވެ.

ކްރައުން އެންޑް ޗަމްޕާ ކުންފުނިން މިދިޔަ އަހަރު ހުޅުވި ޅ. ހުރަވަޅި ރިސޯޓުގެ މޫދު އަޑީގެ ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެވެ. އަދި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކުރެއްދޫ ހޯލްޑިންސް ކުންފުންޏަށް އެއާޕޯޓެއް އަޅަން ހަވާލުކުރީ އަމިއްލަ އަށް އިންވެސްޓްކޮށްގެން އެއާޕޯޓު އަޅައި ހިންގާ ގޮތަށް ކަމަށެވެ.

"އެއާޕޯޓް އަޅަން ހަވާލުކުރީ ރަށެއް ދޭ ގޮތަކަށް ނޫން. ޗަމްޕާ މުހައްމަދު މޫސާއަކީ ރާއްޖެއަށް ދިމާވާ އެކި ކަންކަމުގައި ވަރަށް ގިނައިން އެހީތެރިވެ ދެއްވާ ބޭފުޅެއް. މާލެއަށް ފެނުގެ ކާރިސާގައި ވެސް ބޮޑު އެހީއެއް ދެއްވި. އެއްވެސް އިންޓަރެސްޓެއް ނެތި ސަރުކާރަށް ލޯނެއް ދެއްވި. ސަރުކާރާއި ރައްޔިތުންނަށް އެހީވެދެއްވި،" ޒަމީރު ވިދާޅުވި އެވެ.

އެއް އަހަރު ތެރޭގައި ހުޅުވާނެ

ޓޫރިޒަމް މިނިސްޓަރު އިތުރަށް ވިދާޅުވީ މި މަސައްކަތް ފެށިގެން މިދަނީ އެއް އަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓު އަޅައި ހުޅުވާ ގޮތަށް ކަމަށާއި މިހާރު މަޑިވަރުގެ ސާވޭކޮށް، އީއައިއޭ ހެދުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

"މި އެއާޕޯޓު މި އޮންނަނީ އޮޕްޝަނަލީ. އެންމެ މިނިމަން ރިކުއާމަންޓަކީ މި ތަނުގައި 1.2 ކިލޯ މީޓަރުގެ ރަންވޭއެއް ހަދާފައި ރާއްޖޭގައި މި ދުއްވާ ޑޭޝް 8، ޖެއްސޭ ވަރުގެ ރަންވޭ އާއި ޓާމިނަލް އެޅުން. މީގެ އިތުރުން މިރަށުގައި ސިޓީ ހޮޓަލެއް އަޅަން ބޭނުންނަމަ ސިޓީ ހޮޓަލެއް އަޅާނެ، ޒަމީރު ވިދާޅުވި އެވެ.

"މީގެ އިތުރުން މި ބޭފުޅުން [ކުރެއްދޫ ހޯލްޑިގްސް] ގައި ވިސްނުންފުޅު އެބަހުރި މި [މަޑިވަރު] ގައި ޓްރެއިނިން ފެސިލިޓީއެއް އަޅަން. ކްރޫއިން ތަމްރީން ކުރުމާއި ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށްވެސް ވަނީ އަންޑަސްޓޭންޑިންއަކަށް އައިސްފައި،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެއާޕޯޓު އަޅަނީ ހަމައެކަނި އެއާޕޯޓެއް އަޅަން ސޮއިކޮށްލާފައި "ދޫކޮށްލާ" ގޮތަށް ނޫން ކަމަށެވެ.

"ކުޅުދުއްފުށްޓާއި ފުނަދޫ އަދި މާފަރު އެއާޕޯޓުގެ މަސައްކަތް ކުރޭ. ހަމައެއާއެކު އެމްޓީސީސީއާ ހަވާލުކުރީ މާފަރު އެއާޕޯޓު. މީގެ އިތުރުން އިތުރު ތިން އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފެށިގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.

ކުރިން ސިފައިންގެ ޓްރެއިނިން މަރުކަޒެއް ހިންގި މަޑިވަރުގައި އެއާޕޯޓު ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު
އިންވެސްޓްކުރާނެ އެވެ. އަދި ދެ އަހަރު ދުވަހުން ނިންމާ ގޮތަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ތަަރައްގީ ކުރަނީ އާއްމުކޮށް ހުންނަ ރީޖަނަލް އެއާޕޯޓުތަކެކޭ އެއް ސައިޒުގެ އެއާޕޯޓެކެވެ.

މަޑިވަރު އެއާޕޯޓު ކުރުކޮށް

  • މަޝްރޫއުގެ އަގު 11 މިލިއަން ޑޮލަރު
  • އެއާޕޯޓު އެއް އަހަރު ދުވަހުން ހުޅުވާނެ
  • އެއާޕޯޓާއެކު ސިޓީ ހޮޓަލެއް އަޅާނެ
  • ޓްރެއިނިން ފެސިލިޓީ އަޅާނެ

މި ރަސްމިއްޔާތުގައި ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމް އާއި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގަތެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރާއްޖޭގެ ޓޫރިޒަމްގެ ބާނީގެ ތެރޭގައި ހިމެނިވަޑައި ގަންނަވާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވީ އެއާޕޯޓު ތަަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ގައުމީ ވިސްނުމެއްގައި ކަމަށެވެ. އަދި މިއީ މުސްތަގުބަލަށް ދަރިންގެ ދަރިންނަށް ބަލާއިރު ފައިދާ ލިބިގެންދާނެ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

"މި މަސައްކަތުގެ ސަބަބުން މި ސަރަހައްދުގެ މީހުންނަށް ވަޒީފާތައް އިތުރުވެ، ފެސިލިޓީސްތައް އިތުރު ވެގެންދާނެ،" ޅ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރިކުރާ މުހައްމަދު މޫސާ ވިދާޅުވި އެވެ.

ޅ. ރައްޔިތުން ބޮޑު އުންމީދެއް

ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި މަސައްކަތަކީ ޅ. އަތޮޅުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް އުފާވެރި ދުވަހެއް މިއީ. ހުރިހާ ރައްޔިތުންގެ އިހުސާސްތަކާ ގުޅިފައިވާ މަސައްކަތެއް މިއީ. މިއީ އިގްތިސާދީ ގޮތުން އަންނާނެ ބޮޑު ކުރިއެރުމެއް. މި ސަރަހައްދަށް އިންވެސްޓް ކުރަން ތިބި އިންވެސްޓަރުންނަށްވެސް ލިބިގެންދާނެ އިތުރު ހިތް ވަރަކަށްވާނެ،" ޝިޔާމް ވިދާޅުވި އެވެ.

ހެލްތް މިނިސްޓަރު ނާޒިމް ވިދާޅުވީ ޅ. އަތޮޅުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރާތާ 20 އަކަށް އަހަރުވެފައިވާ ކަމަށެވެ. ނަމަވެސް އެކަން ނުވި ކަމަށެވެ.

"ރައީސް ޔާމީން އެ ގެންދަވަނީ މުޅިން ލިއުއްވަމުން. ރާއްޖޭގެ ލޭންޑް ސްކޭޕް ބަދަލު ކުރައްވަމުން. ޅ. އަތޮޅުގެ ރައްޔިތުން ވަރަށް ގިނަ ދުވަސްވީ އިންތިޒާރެއް މިއީ. މިއީ މުޅި އަތޮޅުގެ އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާތަކަށް ވެސް އަންނާނެ ބޮޑު ކުރިއެރުމެއް،" ނާޒިމް ވިދާޅުވި އެވެ.