ހަބަރު

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި އެކަކު ހޭނެތިފައި

May 29, 2018
1

މިއަދު ހަވީރު ދެ ސައިކަލް ޖެހި ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ އޭގެން ތެރެއިން އެކަކު އަދިވެސް ހޭނާރާ އޮތް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:30 އެހާކަންހާއިރު ހުޅުމާލޭގައި ހުންނަ ފުލުހުންނާއި ސިފައިންނަށް އިމާރާތް ކުރާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ހިނގި އެކްސިޑެންޓްގައި ދެ ސައިކަލް ޖެހުމުގެ ސަބަބުން އަނިޔާވެފައި ވަނީ، 22 އަހަރުގެ މީހަކަށާއި 32 އަހަރުގެ މީހަކަށް ކަމަށެވެ. އޭގެ ތެރެއިން 32 އަހަރުގެ މީހާޔަށް ލިބުނު ސީރިއަސް އަނިޔާތަކަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން ދާ ކަމަށާއި އެ މީހާ އަދިވެސް ހޭނާރާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓްގައި އަނިޔާވި 22 އަހަރުގެ މީހާޔަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާޔަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި ހޭނާރާ މީހާއަށް ވެސް އެންމެ ފުރަތަމަ ފަރުވާދޭން ފެށީ ހުޅުމާލެ ހޮސްޕިޓަލްގަ އެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސްކަމުން ޓްރީޓޮޕް ހޮސްޕިޓަކަށް ޕޭޝަންޓް ބަދަލުކުރީ އެވެ.

ހުޅުމާލެ ހޮސްޕިޓަލް އިން ބުނީ، މިއަދު ހަވީރު 5:00 އެހާކަންހާއިރު އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކު އެ ހޮސްޕިޓަލަށް ގެނައި ކަމަށާއި އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްކަމުންނާއި އާއިލާއިން ވެސް އެދިގެން އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ މީހާ ވެސް އިތުރު ފަރުވާޔަށް މިހާރު އޭޑީކޭއަށް ގެނެސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އެ ޕޭޝަންޓުންގެ ހާލު ސީރިއަސްކަމުން އަޅުގަނޑުމެން އެހެން ހޮސްޕިޓަލްތަކަށް ޕޭޝަންޓުން ޓްރާންސްފާ ކުރަން ޖެހުނީ،" ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވި އެވެ.