ކުޅިވަރު

ޓީސީ ބަލިކޮށް ގްރީން އުންމީދު ދަމަހައްޓައިފި

ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 4-3 ން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގަށް ދިއުމަށް ގްރީން ސްޓްރީޓް އުންމީދު ދަމަހައްޓައިފި އެވެ.

މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި ޓީސީން ވަނީ ބާރު ބޯޅައެއް ގްރީން ސްޓްރިޓްގެ ގޯލައަށް އަމާޒުކޮށް ފޮނުވާލަފަ އެވެ. އިޝާން އިބްރާހިމް (ސަޢްޓު) ފޮނުވާލި ބޯޅައަށް ހުރަސް އެޅީ ޑިފަންޑަރު މުހައްމަދު ސާއިފް އެވެ. އޭގެ ސިކުންތު ކޮޅެއް ކުރިންވެސް ޓީސީން އުފެއްދި ހަމަލާއަށް ގްރީންގެ ޑިފެންޑަރުން ވަނީ ހުރަސް އަޅާފަ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ގްރީން ސްޓްރީޓުންނެވެ. މެޗުގެ 16 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ރޮލެންޑް ރަސަލް އެވެ. ހާފުގެ މެދެއްހާ ހިސާބުގައި ހުރެފައި އޭނަ ފޮނުވާލި ބޯޅަ ޓީސީގެ ގޯލަށް އޮއްސާލީ ކީޕަރު އިބްރާހިމް ނަދީމު ބޯމަތިން އޮއްސާލާފަ އެވެ.

ފުރަތަމަ ހާފު ގްރީންއިން ނިންމާލީ ލީޑް ފުޅާ ކޮށްގެންނެވެ. މެޗުގެ 42 ވަނަ މިނެޓްގައި ރަސެލް ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފަ އެވެ.

ދެ ވަނަ ހާފުގެ ކުރީ ކޮޅު ޓީސީން ނަތީޖާ ފަރަގު ކުޑަ ކުރި އެވެ. އެ ލަނޑަކީ ގްރީންގެ ޑިފެންޑަރު ޔެފިމިޗިކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޓީސީއިން އުފެއްދި ހަމަލާއެއް، އޭނާ މަސައްކަތް ކުރީ ބޮލުން ދިފާއު ކުރާށެވެ.

ޓީސީން ނަތީޖާގެ ފަރަގު ކުޑަކުރިތަ ފަސް މިނެޓް ފަހުން، ގްރީންގެ އަހްމަދު ރިލްވާން (ވިލިނގިލީ ރިލޭ) ވަނީ ގްރީން އަށް އަލުން ނަތީޖާގެ ފަރަގު ފުޅާކޮށްދީފަ އެވެ. ނަމަވެސް ނަތީޖާ ފަރަގު ކުޑަ ކުރަން ޓީސީ އަށް ބޭނުންވީ ދެ މިނެޓެއް ހާއިރު އެވެ. އައްޒާމް ވަނީ ޓީސީގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ގްރީންގެ ހަތަރު ވަނަ ލަނޑުވެސް ކާމިޔާބު ކުރީ، ރިލޭ އެވެ. އެ ލަނޑު ޖެހުމުގައި ގްރީންގެ އިބްރާހިމް ރިޒްހާން ދައުރު ވަރަށް ބޮޑެވެ. އޭނާގެ ހަލުވި ސްޕީޑް ބޭނުންކޮށްގެން ޓީސީ ހާފުގެ ތެރެއިން ވަދެ އޭރިއާގެ އަރިމަތިން ގޮސް އޭނާ ބޯޅަ ހުރަސް ކޮށްދިނީ އިލިއާ އަށެވެ. އިލިއާ އަށް އެ ބޯޅަ ޖެހެންއިރުވެސް އޭނާ ބޯޅަ ދިނީ ރިލޭ އަށެވެ. ޕެބނަލްޓީ އޭިރއާގެ މެދުން އަރައި އޭނާ ޓީސީގެ ގޯލަށް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ރިކޫ ގައިގައި ޖެހިފަ އެވެ.

ޓީސިގެ ތިން ވަނަ ލަނޑަކީ، ގްރީންގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ސާއިފު، ޓީސީގެ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އަށް ފައުލު ކުރުމުން ދިން ޕެނަލްޓީއެއްގައި އިއްބެ ކާމިޔަބު ކުރި ލަނޑެކެވެ. މެޗުން މޮޅުވެ، ގްރީން ސްޓްރީޓް ވަނީ 13 ޕޮއިންޓް ހަމަ ކޮށްފަ އެވެ.