ހަބަރު

ޓޫނާ ކޮންފަރެންސްގައި ރާއްޖޭގެ މަސްވެރިކަން ދައްކާލައިފި

މިހާރު ކުރިއަށްދާ 15 ވަނަ ޓޫނާ ކޮންފަރެންސްގައި ރާއްޖޭގައި މަސްވެރިކަން ކުރާ ގޮތް މިފްކޯއިން ދައްކާލައިފި އެވެ. މިދިޔަ ހޯމަ ދުވަހު ތައިލޭންޑުގެ ވެރިރަށް ބެންކޮކްގައި ފެށި ކޮންފަރެންސްގައި މަސްވެރިކަމުގެ ސިނާއަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ގައުމުތަކުން ބައިވެރިވެ އެވެ.

މި ކޮންފަރެންސްފައި މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރިއަރުވަން ރާއްޖެއިން ހާއްސަ ސިފަތަކެއް ގެންގުޅޭ ކަމަށާއި އަދި ރާއްޖޭގެ މަސްވެރިކަމަކީ ޒިންމާދަރު ގޮތުގައި ކުރާ އަންނަ މަސްވެރިކަމެއް ކަމަށެވެ.

ރާއްޖޭގައި މަސްވެރިކަމުގައި މިފްކޯ އިން އަދާކުރާ ދައުރުވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ރާއްޖޭގެ މަސްވެރިކަމަށާއި މަސްވެރިކަމުގެ އަގު ވަޒަންކުރުމަށް އޭނާ ގޮވާލެއްވި އެވެ. ވިދާޅުވީ ދިވެހި އުފެއްދުންތަކުގެ އަގު އެހެނިހެން ގައުމުތަކުގެ ދަޅު މަހާއި ގަނޑުކުރި މަހުގެ އަގާއި އެއްދަރަޖަ ނުކުރަން އެދި ވަޑައިގަންނަވާ ކަމަށެވެ.

"ރާއްޖޭގެ މަސްވެރިންނަކީ ކަނޑުމަތީގައި ބުރަ މަސައްކަތުން ދޮށީގެ މަސްވެރިކަންކުރާ ބައެއް އަދި ރާއްޖެއިން ބާނާ ހުރިހާ
މަހަކީ ތިމާވެއްޓަށް ރައްކާތެރި ޒިންމާދާރު ގޮތުގައި ބާނާ މަސްކަން ކަށަވަރުކޮށްދެން. ސިނާއީ ގޮތުންވެސް ބަންދުކުރަން ބޭނުންކުރާ ތަކެއްޗާއި ފެކްޓްރީ އަދި ކޮލެޓީ މިންގަނޑުތައް އެންމެ މަތީ ފެންވަރުގައި ބެހެއްޓިފައިވާކަމުގެ ޔަގީންކަން ދެން." އޭނާ ވިދާޅުވި އެވެ.

ޓޫނާ ކޮންފަރެންސްއަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ތައިލޭންޑުގައި ބާއްވާ ކޮންފަރެންސްއެކެވެ. މި ކޮންފަރެންސްގައި މިއަހަރު 600 އަށްވުރެ ގިނަ ޖަމިއްޔާ އާއި ކުންފުނި ބައިވެރިވި އެވެ.