ހަބަރު

ކޯޓާއި ޕީޖީ އޮތީ ސިޔާސީ ނުފޫޒުގައި، ހައްގެއް ނުލިބޭ: މައުމޫން

ކްރިމިނަލް ކޯޓާއި ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ އޮފީސް ވަނީ ސިޔާސީ ނުފޫޒެއްގެ ތެރޭގައި ކަމަށާއި ކަށަވަރުކޮށް ދޭން ހައްގުތައް ކަށަވަރުކޮށް ދެމުން ނުދާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ކުރާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ މައްސަލައިން ރައީސް މައުމޫންގެ ތިން ވަކީލުން ރޭ ވަނީ ތަނާޒަލްވެފަ އެވެ. އެ ބޭފުޅުން އެ ނިންމެވުމުން ނިންމެވީ އެ ޝަރީއަތް ކުރިއަށް ދަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ އެވެ.

އެކަމާ ގުޅިގެން ރޭ ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ޝަރީއަތުގެ މަޖިލީހުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިޔާއަތް ކުރައްވައި ކަންކަން ވަކީލުން ފާހަގަކުރެއްވި ނަމަވެސް އެއަށް ގާޒީ އެއްވެސް ވަރަކަށް ރިޔާއަތް ނުކުރައްވާ ކަމަށެވެ. ޝަރީއަތް ކުރިއަށް ދަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އުސޫލުތަކާ ހިލާފަށް ކަމަށް ވަކީލުން ގަބޫލު ކުރައްވާ ކުރެއްވުމަށް އެމަނިކުފާނު ތާއިދު ކުރައްވާ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ، ޝަރީއަތުން އަމަލު ކުރަމުން ދަނީ ގާނޫނުތަކާ އުސޫލުތަކާ މުޅިން ހިލާފުވާ ގޮތަށް ކަމަށެވެ. އަދި އެމަނިކުފާނުގެ ހައްގަށް އެއްވެސް ވަރަކަށް ފަރުވާލެއް ނުބަހައްޓާ ކަމަށެވެ.

"ކޯޓުން އަމަުކުރާ ގޮތުން އަޅުގަނޑުގެ ހައްގަށް ފުރިހަމައަށް އިހްތިރާމް ނުކުރާކަން އެނގޭ، އަޅުގަނޑަކީ 80 އަހަރުވެފައިވާ ސިއްހީ ހާލު ގޯސް މީހެއް، އެއަށް ރިޔާއަތް ކުރުމެއް ނެތި އަޑުއެހުންތައް ތާވަލުކުރަމުން ދަނީ" ރައީސް މައުމޫން ވިދާޅުވި އެވެ.

ޕީޖީ އާއި ކޯޓުން އަމަލު ކުރަމުން ދަނީ ސިޔާސީ ނުފޫޒުގަ ވަކި ގޮތަކަށް މައްސަލަ ނިންމަން، ގާނޫނާ ހަވާލާދީ ކޮންމެ ވާހަކައެއް ދެއްކިޔަސް އެއަށް ބެލުމެއް ނެތް، މިއީ ގާނޫނާއި ޝަރީއަތާ ވެސް ހިލާފަށް ކުރިއަށްދާ ޝަރީއަތެއް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

އެމަނިކުފާނުގެ ވަކީލުން ތަނާޒަލްވެފައިވާތީ ވަކީލުން ހޯދުމަށް އިތުރު ފުރުސަތެއް ދެއްވުމަށް އެދިވަޑައިގަތެވެ. މައްސަލާގައި ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅު ވަނީ އެހެން ވަކީލުން އައްޔަންކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަށް ދެވެން އޮތް ދިގު މުއްދަތެއް ދެއްވުމަށް އެދިވަޑައިގަތެވެ.

މައްސަލަ ބައްލަވާ، ވަރަށް ފަހުން ކުރިމިނަލް ކޯޓަށް އައްޔަން ކުރެއްވި ގާޒީ ހަސަން ނަޖީބު ވިދާޅުވީ، ވަކީލުން ތަނާޒަލްވުމަށް ކޯޓަށް ސިޓީ ހުށަހެޅުއްވީ ރަސްމީ ގަޑީގައި ނޫން ކަމަށެވެ. ނަމަވެސް މައްސަލައިން ތަނާޒަލްވުމުގެ ހައްގަކީ ވަކީލުންނަށް އަބަދުވެސް އޮންނާނެ ހައްގެއް ކަމާއި އެހެންވެ އެ ބޭފުޅުންގެ ތަނާޒަލް ގަބޫލުކުރައްވާ ކަމަށެވެ. އަދި، އެ ވަކީލުންނަށް ދެން މައްސަލާގައި ކޯޓަށް އިތުރަށް ވަޑައިނުގެންނެވޭނެ ކަމަށެވެ.

ގާޒީ ނަޖީބު ވިދާޅުވީ، ވަކީލަކު ހޯދަން ރައީސް މައުމޫނަށް އިބްތިދާއީ އަޑުއެހުމުގައި ފުރުސަތު ދެވިފައިވާއިރު ވަކީލުން ތަނާޒަލްވީ އަމިއްލައަށް ކަމަށާއި އެހެންވެ އިތުރަށް ޝަރީއަތުން ވަކީލަކު ހޯދަން ފުރުސަތު ދޭން ނުޖެހޭ ކަމަށެވެ. އެކަމަކު ކޮންމެ ވަގުތެއްގައި ވެސް ވަކީލަކު ގެނައުމުގެ ފުރުސަތު މައުމޫނަށް އޮންނާނެ ކަމަށް ވިދާޅުވި އެވެ. އެއަށްފަހު ޝަރީއަތް ކުރިއަށް ގެންދަވަނީ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަނެއްކާވެސް ރައީސް މައުމޫން ކޮޅަށް ތެދުވެވަޑައިގެން ވިދާޅުވީ، ވަކީލަކާއެކު ކުރިއަށް ދިޔުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނު އަސާސީއިން ލިބިދޭ ހައްގެއް ކަމަށެވެ. އެ ހައްގު ކޯޓަށް ނިގުޅައިނުގަނެވޭނެ ކަމަށެވެ. އެ ފުރުސަތު ދެއްވުމަށް ތަކުރާރުކޮށް ރައީސް މައުމޫން އެދިވަޑައިގަތެވެ. ނަމަވެސް ގާޒީ ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން ވިދާޅުވީ، ވަކީލެއް ގެނައުމުގެ ދޮރު މައުމޫނަށް ބަންދުނުވާ ކަމަށެވެ. އަދި ވަކީލުން ތަނާޒަލްވުމަށް ދައްކާފައިވާ ސަބަބަކީ ގަބޫލުކުރާ ސަބަބެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެއީ ޝަރީއަތް ކުރިއަށް ގެންދަނީ ގާނޫނާއި ގާނޫނުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށްވާތީ ކަމަށެވެ. އެގޮތަށް ވަކީލުން ތަނާޒަލްވުމުން ޝަރީއަތް މެދުކަނޑާލަން ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެންމެ ލަސްވެގެން މިއަދުގެ 1:30 ގެ ކުރިން ވަކީލެއް އައްޔަންކޮށް ކޯޓަށް އެންގުމަށް ގާޒީ އެންމެފަހުން ނިންމެވި އެވެ. ގާޒީ އެހެން ވިދާޅުވިއިރު ރޭގެ 12:00 ވާން ވަނީ ކައިރިވެފަ އެވެ.

ރައީސް މައުމޫން ވިދާޅުވީ، އެ ވަގުތުކޮޅުގައި އެމަނިކުފާނަށް އެކަން ނުވާނެ ކަމަށެވެ. އެމަނިކުފާނަކީ ބަންދުގައި ހުންނަވާ ފަރާތަކަށްވާއިރު ކޮންމެ ގަޑިއެއްގައި ވަކީލުންނާ ނުގުޅޭނެ ކަމަށެވެ. މާދަމާ ވަކީލެއް ހޯދައި އެ ވަކީލް ދޫނިދޫއަށް ގޮސް މަޝްވަރާކުރުމަށްފަހު އަނެއްކާ ހެކި ހުށަހަޅަން ވަގުތު ނޯންނާނެ ކަމަށެވެ. ނަމަވެސް ގާޒީގެ ނިންމެވުމަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. ރައީސް މައުމޫނަށް އެންގެވީ އިށީންދެވަޑައިގަތުމަށެވެ.

ރައީސް މައުމޫނަށް އެ ފުރުސަތު ދެއްވުމަށްފަހު ގާޒީ ވިދާޅުވީ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނެގުމަށް މިރޭ އަޑުއެހުމެއް އޮންނާނެ ކަމަށެވެ.