ހަބަރު

އދ ގައި އިންޑިއާގެ ވޯޓް ރާއްޖެއަށް ނުލިބިދާނެ!

އދ. ގެ ސެކިއުރިޓި ކައުންސިލްގައި އޭޝިއާ ބައްރުގެ ނޮން ޕާމަނަންޓް މެންބަރަކަށް ރާއްޖެއާއެކު އިންޑޮނޭޝިއާއިން ވާދަ ކުރާއިރު، އެ މަގާމަށް މެންބަރަކު ހޮވަން އަންނަ މަހު ނަގާ ވޯޓުގައި އިންޑިއާއިން ސަޕޯޓް ކުރާނެ ގައުމަކާމެދު ސުވާލު އުފެދިއްޖެ އެވެ.

"ޓައިމްސް އޮފް އިންޑިއާ" އިން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުން، ބޮޑުވަޒީރު ނަރެންދްރަ މޯދީ އިރުމަތީ އޭޝިއާގެ ތިން ގައުމަކަށް މިހާރު ކުރައްވަމުންގެދަވާ "3 ނޭޝަންސް ޓްއާ" ގައި އިއްޔެ ވަނީ އިންޑޮނޭޝިއާއަށް ވަޑައިގެންފަ އެވެ. މޯދީގެ މި ދަތުރުފުޅުގައި އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވަން ވެސް ހަމަޖެހިފައިވެ އެވެ.

ޑިޕްލޮމޭޓުން ވިދާޅުވާ ގޮތުން މޯދީގެ މި ދަތުރުފުޅުގައި، ކުރިއަށް އޮތް ޔޫއެންއެސްސީ އޭޝިއާ ޕެސިފިކް މެންބަރުކަމުގެ މަގާމަށް އިންޑޮނޭޝިއާގެ ކެންޑިޑެސީ އިއުލާންކޮށްފައިވާތީ އެ މަގާމަށް އެގައުމު ހޮވައިދިނުމަށް އިންޑިއާގެ ސަޕޯޓަށް އިންޑޮނޭޝިއާގެ ސަރުކާރުން އެދޭނެ އެވެ.

އިންޑޮނޭޝިއާއިން މިހާރު ވަނީ ޔޫއެސްއެސްސީގެ އޭޝިއާ ބައްރުގެ ނޮން ޕާމަނަންޓް މެންބަރުކަމަށް ކުރިމަތިލައި އެކަމުގެ ކެމްޕޭން ވެސް ފަށާފަ އެވެ. އެހެންކަމުން މަގާމަށް އިންޑިއާގެ ވޯޓަކަށް އިންޑޮނޭޝިއާއިން އެދުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ. އިންޑޮނޭޝިއާއިން މިފަދަ ރިކްއެސްޓެއް ކޮށްފިނަމަ އެކަމުގައި ގޮތެއް ނިންމަން އިންޑިއާއަށް ފަސޭހަ ނުވާނެ އެވެ.

"ރާއްޖެއާ އިންޑޮނޭޝިއާ އެއް މަގާމަކަށް ވާދަކުރާއިރު ވޯޓުގައި ކޮޅެއް އިހްރިޔާރުކުރަން އިންޑިއާއަށް ފަސޭހައެއް ނުވާނެ. މީގެ ކުރިން ވެސް ރާއްޖެއަށް ގިނަ އެހީތަކެއް ވެފައިވާއިރު އިންޑިއާއިން ދަނީ ވޯޓާ މެދު ވަރަށް ސީރިއަސްކޮށް ވިސްނަމުން،" ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވެ އެވެ.

ޔޫއެންއެސްސީގެ އޭޝިއާ ބައްރުގެ މަތީ މަގާމަކަށް ރާއްޖެއިން ކުރިމަތިލާއިރު އިންޑިއާގެ ވޯތަކީ ރާއްޖެއަށް މުހިއްމު ވޯޓަކަށް ވާނެ އެވެ. އެހެން ނަމަވެސް މި ފަހުން ރާއްޖޭގައި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުންތަކާއި، ޗައިނާއާ ރާއްޖޭގެ ގުޅުން ބަދަހިވަމުންދިއުމާއެކު އިންޑިއާއާ ރާއްޖޭގެ ގުޅުން ހީނަރުވެފައިވާތީ ވޯޓުގައި އިންޑިއާ ނަގާނެ ކޮޅެއް ބުނަން އަދި ދަތި ކަމަށް ޑިޕްލޮމޭޓުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން ވަނީ ބުނެފަ އެވެ.