ހަބަރު

މާލޭ ކޮޅުން ބްރިޖުގެ ފުރަތަމަ މައި ތަނބަށް ގުޅާލައިފި

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ޑެކް މާލެކޮޅުން ބްރިޖުގެ އެއް މައި ތަނބާ ހަމަޔަށް ގުޅާލައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެއާވީ ފަޅިން ފުރަތަމަ މައި ތަނބާ ހަމަޔަށް ބްރިޖުގެ ސުޕާސްޓްރަކްޗާ ގުޅާލުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު މާލެއިން ފެށިގެން 715 މީޓަރު ދިގު މިނަށް ބްރިޖުގެ ޑެކް ދެމިގެންދާނެ ކަމަށެވެ.

މުއިއްޒު ކުރެއްވި ޓްވީޓް

ބްރިޖުގެ މަސައްކަތާ ތާވަލު ކުރެވިފައިވާ ގޮތާ ބެހޭ ގޮތުން މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ މުޅި ބްރިޖު މާލެ އާއި ހުޅުލެ ދެމެދު ގުޅާލުން އަންނަ ޖުލައި މަހުގެ 9 ވަނަ ދުވަހު ނިންމާލެވޭނެ ކަމަށެވެ.

"ވެހިކަލެއް ދުއްވާފައި އެންމެ މައި ތަނބަކާ ހަމަޔަށް ދެވޭ ވަރަށް މޭ މަސް ނިމެންވާ އިރަށް ބްރިޖުގެ ސުޕަސްޓްރަކްޗާ އިންނާނީ ނިމިފައި، އަދި އެކީއެކަށް މާލެއިން ގޮއްސަ ހުޅުލެއަށް އެއްކޮށް ކަނެކްޓްކޮށް ނިމޭނެ ޖުލައި މަހު 9 ވަނަ ދުވަހު، ޕިޒިކަލީ ހިނގާފަ ވިޔަސް ދެވޭނެ ގޮތަށް އެއްކޮށް ގުޅާލާ ކޮންކްރީޓް މަސައްކަތް އޮންނާނީ ނިމިފައި،" މުއިއްޒު ވިދާޅުވި އެވެ.

ބްރިޖްގެ ބައެއް ވަނަވަރު

  • ބޯކްގެ އަދަދު 6
  • ހަ ބޯކްގެ ޖުމްލަ ދިގު މިނަކީ 760 މީޓަރު
  • ބްރިޖަށް އަރާ މަގުތަކާއެކު ޖުމްލަ ދިގު މިން 2100 މީޓަރު
  • ބްރިޖްގެ ދަށުން ދެވޭ އެންމެ އުސްމިން: 75 ފޫޓް
  • ބްރިޖްގެ މަސައްކަތް ކުރަނީ: ޗައިނާގެ ސީސީސީސީ
  • ބްރިޖްގެ އަގު: 200 މިލިއަން ޑޮލަރު
  • ހަތަރު ފުރޮޅުލީ އުޅަނދަށް ދެ ލޭން
  • ސައިކަލަށް ދެ ލޭން
  • ބްރިޖުގެ ޖުމްލަ ދިގުމިން: ދެ ކިލޯމީޓަރު
  • ފުޅާމިނުގައި: 20.3 މީޓަރު
  • މަސައްކަތް ނިންމާނީ: 30 މަސް ދުވަހުން

ބްރިޖު އެއްކޮށް ގުޅާލެވުމުން ދެން އޮންނާނީ ތާރު އެޅުމާއި އޭގެ މަތީގައި ލައިޓުތައް ޖެހުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ފިނިޝިން މަސައްކަތް ނިންމާލުމަށް ފަހު އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ބްރިޖު އަޅާ ނިމި އެ ބްރިޖް މަތިން މީހުން ދަތުރު ކުރަން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. -- ރިޔާސީ އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖު އެޅުމުގެ އަމަލީ މަސައްކަތްތައް ފަށާފައި ވަނީ 2016 ވަނަ އަހަރުގަ އެވެ. ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ބްރިޖު އެޅުމުގެ މަސައްކަތް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ނިންމާލާނެ ކަމަށެވެ.