ހަބަރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވަން ފުލުހުންގެ ކިބައިން އެދެފި

May 30, 2018
1

އެމްޑީޕީއިން މިއަދު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވަން އިލެކްޝަންސް ކޮމިޝަނުން ފުލުސް އޮފީހުގައި އެދިފައިވާކަން ކަށަވަރު ވެއްޖެ އެވެ.

އެ ކޮމިޝަނުން އިއްޔެގެ ވަގުތެއްގައި، އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު އަށާއި ހޯމް މިނިސްޓަރަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، އެމްޑީޕީ އިން ރިޔާސީ ޕްރައިމަރީ ބާއްވަނީ ޖިނާއީ މައްސަލައެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެން ޕްރައިމަރީ ބާއްވާ ނަމަ އެއީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ގެންދާ ޕްރައިމަރީއެއް ކަމަށާއި އެހެންކަމުން، އެމްޑީޕީ އިން ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް އެދޭ ކަމަށް ވެސް އީސީގެ ސިޓީގައިވެ އެވެ.

އީސީގެ މެންބަރު އަކުރަމް ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީ ގެންދާނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް އެ ޕާޓީ އިން އީސީއަށް ސިޓީއަކުން އަންގާފައިވާ ކަމަށާއި އެހެން ކަމުން އެމްޑީޕީގެ ޕްރައިމަރީ ގެންދާނީ އެ އުސޫލުން ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެ އުސޫލުން ބޭރުން ޕްރައިމަރީ ގެންދާ ނަމަ ފިޔަވަޅު އަޅަން ކޮމިޝަނުން އެންމެހާ މުއައްސަސާތަކުގައި އެދިފައިވާނެ ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ. އަދި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް މުއައްސަސާތަކުން އަޅަމުން ދާނެ ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށާނީ މިއަދު މެންދުރު 2:00ގަ އެވެ. އެ ޕްރައިމަރީގައި ވާދަ ކުރައްވަނީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެމަނިކުފާނު ބައިވެރިވާ ގޮތަށް އެމްޑީޕީގެ ޕްރައިމަރީ ނުބޭއްވުމަށް އީސީ އިން މީގެ ކުރިން އެމްޑީޕީއަށް އަންގާފައިވެ އެވެ. އަދި އެގޮތަށް އެކަން ކޮށްފި ނަމަ، އެމްޑީޕީއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އީސީ އިން ވަނީ އަންގައިފަ އެވެ.