ހަބަރު

އީސީއިން އެމްޑީޕީ ޕްރައިމަރީ ހުއްޓުވަން މަސައްކަތް ކުރަނިކޮށް ވޯޓުލުން ފަށައިފި

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން މާލެ އާއި އަތޮޅުތަކުގައި އަދި ދިވެހިން ދިރިއުޅޭ ބައެއް ބޭރު ގައުމުތަކުގައި ފަށައިފި އެވެ.

އެ ޕްރައިމަރީގެ ވޯޓުލުމަށް އެމްޑީޕީ އިން ގާއިމްކޮށްފައިވާ އެއް ސެންޓަރު ކަމަށްވާ، ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗްގައި ހުންނަ އެ ޕާޓީގެ ހަރުގޭގައި މިހާރު ވަނީ ވޯޓުލުން ފަށައިފަ އެވެ. ވޯޓްލުމަށް އެމްޑީޕީގެ ގިނަ މެންބަރުން ހަރުގޭގައި ކިޔޫ ހާދަފައި އެބަ ތިއްބެވެ. އެ ޕްރައިމަރީ ހުއްޓުވަން އީސީ އިން އެދުނު ނަމަވެސް، ފުލުހުން އެކަން ހުއްޓުވަން އަދި މަސައްކަތްކޮށްފައެއް ނުވެ އެވެ. އެ ޕްރައިމަރީގެ ވޯޓުލުން މިރޭ ދަންވަރު 12:00 އަށް ކުރިއަށް ދާނެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި މާލޭގެ ހަތް ސަރަހައްދެއްގައި ވޯޓްލުމަށް ވަނީ މިހާރު ފޮށިތައް ބަހައްޓައިފަ އެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެމްޑީޕީއިން ވަނީ ވޯޓް ފޮށި ބަހައްޓައިފަ އެވެ. އަދި ސްރީލަންކާ، މެލޭޝިޔާ އަދި އިންޑިއާގައި ވެސް ވޯޓް ފޮށި ބަހައްޓާފައިވެ އެވެ. ބައެއް ރިސޯޓްތަކާއި ސިނާއީ ރަށްތަކުގައި ވެސް ވޯޓް ފެށި ބެހެއްޓި ކަމަށް އެމްޑީޕީ ބުނެފައިވެ އެވެ.

މާލޭގެ ވޯޓިން ސްޓޭޝަންތައް:

  • އެމްޑީޕީ އޮފީސް: މާލޭގައި އުޅޭ އައްޑޫ ފުވައްމުލަކު މެންބަރުންނަށް
  • އެމްޑީޕީ ހަރުގެ: މާލޭގައި އުޅޭ އެހެން ރަށްރަށުގެ މެންބަރުންނަށް
  • މ. އާކް އެކްސް: މާފަންނު މެދު އަދި ދެކުނު ދާއިރާގެ މެންބަރުންނަށް
  • މ. ޖަޒުބާތު ޖަގަހަ: މާފަންނު އަދި ދެކުނު ދާއިރާތަކުގެ މެންބަރުންނަށް
  • ގ. ކަކާގެ އާގެ: ގަލޮޅު ދާއިރާތަކުގެ މެންބަރުންނަށް
  • ހ. މާދިމް: ހެންވޭރު ދާއިރާތަކުގެ މެންބަރުންނަށް

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އެމަނިކުފާނަކީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ، އެމަނިކުފާނު ބައިވެރިކޮށްގެން އެމްޑީޕީގެ ޕްރައިމަރީ ނުބޭއްވުމަށް އީސީ އިން ވަނީ އަންގައިފަ އެވެ. އަދި އެކަން ހުއްޓުވައި ދިނުމަށް އީސީ އިން އެދިފައި ވާތީ އޭޖީ އިން ވަނީ އެ ޕްރައިމަރީ ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯޓްގައި އެދިފަ އެވެ. އެހެން ނަމަވެސް، އެމްޑީޕީ އިން ވަނީ ޕްރައިމަރީ ކުރިއަށް ގެންދަން ނިންމައިފަ އެވެ.

މިހާރު ގާނޫނު އަސާސީ އޮތް ގޮތުން ރައީސް މުހައްމަދު ނަޝީދަށް ޕާޓީގެ މެންބަރުން ރުހުން ދިން ނަމަވެސް، އެމަނިކުފާނަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އެއީ އެމަނިކުފާނު ހުންނެވީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެހެން ނަމަވެސް، އެ ޝަރީއަތް ހިންގީ އުސޫލުތަކުގެ ބޭރުން ކަމަށްވާތީ ނަޝީދު މިނިވަންކޮށް އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ދިނުމަށް އދ ގެ ވޯކިން ގްރޫޕުން ސަރުކާރަށް އެންގި އެވެ. އެހެން ނަމަވެސް، ދިވެހި ސަރުކާރުން ވަނީ އދ ގެ ވޯކިން ގްރޫޕްގެ ނިންމުމަށް އަމަލު ނުކުރާނެކަން އަންގައިފަ އެވެ.