ކުއްލި ޚަބަރު

ޕްރައިމަރީ ހުއްޓުވަން ނެރުނު އަމުރު ތަންފީޒުކުރަން ފަށައިފިން: ފުލުހުން

އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ ހުއްޓުވަން ސިވިލް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޕްރައިމަރީ ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް މީގެއިރުކޮޅެއް ކުރިން ނެރެފައިވަނީ އެ އިންތިހާބު ހުއްޓުވުމަށް އެޓާނީ ޖެނަރަލް އޮފީހުން ސިވިލް ކޯޓަށް މައްސަލައެއް ވައްދާފައިވާތީ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަނީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އެ ޕްރައިމަރީގެ ވޯޓުލުން މިއަދު މެންދުރު 2:00 ގައި ވަނީ ފަށައިފަ އެވެ. އެ ޕްރައިމަރީގައި ވޯޓްލުމަށް އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ވޯޓްފޮށި ހުރި ތަންތަނަށް ޖަމާވެ ކިޔޫ ހަދައިފަ އެވެ.

އަމުރު ނެރުނުތާ އިރުކޮޅެއްގެ ތެރޭގައި ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، ސިވިލް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ. ފުލުހުން މިހާރު ވަނީ އިންތިހާބުގެ ކަވަރޭޖް ހުއްޓާލުމަށް ބައެއް ޓީވީ ސްޓޭޝަންތަކަށް އަންގާފަ ކަމަށް މައުލޫމާތު ލިބެ އެވެ.