ހަބަރު

ސަރުކާރުން އުޅެނީ އިންތިހާބުގެ ކުރިން މީޑިއާތަކަށް ބިރުދައްކަން: ޖޭޕީ

ސަރުކާރުން މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބުގެ ކުރިން މީޑިއާތަކަށް ބިރުދައްކައި މީޑިއާތައް ހުއްޓުވަން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ސެކެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، ފެނިގެން މިދަނީ ރައީސް އަބުދުﷲ ޔާމީިންގެ އަނިޔާވެރިކަން ހައްދުން ނައްޓައިގެން ގޮސް ރާއްޖޭގެ އެއްވެސް ކަމެއް ރައީސް ޔާމީން ބޭނުން ނުވާ ގޮތައް ނުކުރެވޭ ގޮތައް މުޅި ދައުލަތުގެ ނިޒާމްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ މަންޒަރު ކަމަށެވެ.

ސަމީރު ވިދާޅުވީ، ޣައިދީންގެ އިންޓަވިއުތައް ނުގެނެސް ދިނުމަށް އަމުރު ކުރުމަކީ އެއްވެސް ހަގީގަތެއްނެތް ގޮތެއްގައި ނިންމި ނިންމުމެއް ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިންޓަވިއު ގެނެސްދޭނަމަ ފިޔަވަޅު އަޅާނެކަމަށް ހޯމް މިނިސްޓްރީންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން ބިރުދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން ކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ސަމީރު ވިދާޅުވި އެވެ.

"ސަރުކާރުން މި އުޅެނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މީޑިއާގެ ދައުރު. ހުއްޓުވަން، ރައްޔިތުންނަށް ތެދު މައުލޫމާތު ވަގުތުން ވަގުތަށް ގެނެސްދީފާނެތީ ބިރުން ރާއްޖޭގެ މީޑިއާތައް ފަހަތަށް ޖައްސައި އެހާ ހިސާބަށް ދާއިރު ހަމައެކަނި ޓީވީއެމް އިން އެކަނި ބްރޯޑްކާސްޓް ކުރެވޭ ކަހަލަ ގޮތަކަށް ކަންތައްކުރަން،" ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ، މިނިވަން މީޑިއާ އެކުރާ ކަންކަމަކީ ހުއްޓާނުލާ ކުރިއަށް ގެންދާން ޖެހޭ ކަންތައް ތަކެއް ކަމަށެވެ، އެކަން މަނާކުރުމަށް ރައީސް ޔާމީނަށާއި ހޯމް މިނިސްޓްރީ އަދި އެހެން ފަރާތަކަށްވެސް އަމުރެއް ނުކުރެވޭނެ ކަމަށް ސަމީރު ވިދާޅުވި އެވެ.

"ޖަލުގެ ކަންކަން ރަނގަޅަކަށް ނުދޭ. ޖަލުތައް ކެޓަގަރައިޒް ކޮށްފައި ހުންނަނީ ނަމެއްގައި. ހޯމް މިނިސްޓަރު ފުރިހަމަ ޒިންމާ އަދާ ކޮށްގެން ޖަލުތަކުގެ ޕެރޯލް ގާނޫނުގައި ބަޔާން ކޮށްފައިވާއިރު އެމަނިކުފާނު އެޒިންމާތަކުން ރެކިވަޑައިގެން ހުންނަވަނީ. ރާއްޖޭގެ ނޫސްވެރިންނަށް އިންޒާރުދީ ކަންތައްތައް ކުރާ ކަމަށްވާ ނަމަ އަދި ނޫސްވެރިކަން ފަހަތަށް ޖައްސާ ރާއްޖޭގެ ރައްޔިތުންގެ ކަންކަމުގެ ހަގީގަތް އޮޅޭ ގޮތަށް ބާރުއަޅާ އިންޒާރު ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ، ބްރޯޑް ކޮމް އިން ހިތުހުރި ގޮތަކަށް އެ ގާނޫނުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ދިއުމަކީ މިއަދު ބްރޯޑްކޮމްގެ މައްޗައް ޔާމީން ނުފޫޒާއި ބާރު ފޯރާފައިވާ މިންވަރު ރައްޔިތުންނަށް ވެސް ވަރަށް ބޮޑަށް ފެނިގެންދާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ބޮޑެތި ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަކީ މިނިވަން ކަމާއެކު މީޑިއާތައް ކުރިއަށް ގެންދިއުމަށް އެޅިގެންދާ ހުރަހެއް ކަމަށްވެސް ސަމީރު ވިދާޅުވި އެވެ.

"ސްޓޭޓް މީޑިއާ ފެނިގެން މިދަނީ ރައީސް ޔާމީންގެ ހަބަރުތައް އެކަނި ގެންނަ ތަނެއްގެ ގޮތުގައި، އެހެން ބައެއްގެ ހަބަރެއް ގެނެސްދޭ ތަނެއްގެ ގޮތުގައި ނުފެނޭ، މިކަމަކީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް އޮތް ކަމެއް ކަމަކަށް ގަބޫލެއް ނުކުރަން އެހެންކަމުން މި މައްސަލައަށް ހައްލު ހޯދުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލު ކުރަން،" ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ، އެކެއް ފެބްރުއަރީގެ ސުޕްރީމް ކޯޓުގެ އަމުރުގައި ރައީސް ނަޝީދަކީވެސް އަދި ގާސިމަކީވެސް ކުއްވެރިއެއް ނޫން ކަމަށާއި އެ އަމުރުގައިވާ އެހެން ފަރާތްތަކަކީ ކުށްވެރިން ނޫންކަން ކަނޑައަޅާފައިވާ ކަމަށެވެ. އެކަން އެގޮތަށް އޮއްވައި ރައީސް ޔާމީންގެ ބަހަށް ހެލިގެން މިއަދުު ކުރަމުންދާ ކަމަކީ މަކަރުވެރި ރޭވުމަކުން ސަރުކާރުގެ ތެރެއިން ކުރަމުން ގެންދާ ކަމެއް ކަމަށެވެ.

"ބްރޯޑްކާސްޓިން ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަކަށް ގަބޫލެއް ނުކުރެވޭ، އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަންކަން ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރާނަން، މިއަދު ޖަރީމާ ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން، މިއަދު ގާނޫނާ ހިލާފަށް ކުރަމުން ގެންދާ މަސައްކަތުގެ ޒިންމާ އެބޭފުޅުން ނަގަން ނުޖެހޭ އެއްވެސް ގޮތެއް ނޯންނާނެ،" ސަމީރު ވިދާޅުވި އެވެ.