ހަބަރު

ނަޝީދުގެ ކޮންޓެންޓް ނުދައްކަން ރާއްޖެޓީވީއަށް ފުލުހުން އަންގައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްވެސް ކޮންޓެންޓެއް ނުދެއްކުމަށް ފުލުހުން ރާއްޖެޓީވީއަށް އަންގައިފި އެވެ.

ރާއްޖެޓީވީއަށް މިއަދު މެންދުރުފަހު ތިން ފުލުހަކު ގޮސް އެކަން ވަނީ އަންގާފަ ކަމަށް އެ ސްޓޭޝަނުން ބުނެ އެވެ. ރާއްޖެޓީވީއިން ބުނި ގޮތުގައި ކޮންޓެންޓް ނުދައްކަން ފުލުހުން އެންގީ ޕެރޯލް ގާނޫނުގެ ދަށުންނެވެ. ނަމަވެސް އެ ގާނޫނުގައި ބްރޯޑްކާސްޓަރުން ޒިންމާވާންޖެހޭ މާއްދާއެއް ނޯވެ އެވެ.

ރައީސް ނަޝީދު ކޮންޓެންޓެއް ނުދައްކަން ރާއްޖެޓީވީއަށް އެންގިއިރު، އެ ސްޓޭޝަނުން ދަނީ ލަންކާގައި ނަގާފައިވާ ރައީސް ނަޝީދުގެ ޕްރޮގްރާމެއްގެ އިސްތިހާރު ދައްކަމުންނެވެ. އެ ޕްރޮގްރާމަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ ބައްޕާފުޅާއި މަންމާފުޅު ވެސް އިންޓަވިއު ދެއްވާފައިވެ އެވެ.

ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންގެ ބަޔާންތަކާއި އިންޓަވިއުތައް ބްރޯޑްކާސްޓް ނުކުރުމަށް އަންގާ ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ ސާކިއުލާއެއް ނެރުނެވެ. އެ ސާކިއުލާ ބާތިލުކުރުމަށް ކޯޓަށް ދާން ރާއްޖެޓީވީއިން ވަނީ ނިންމާފަ އެވެ.

އިއްޔެ ހޯމް މިނިސްޓްރީންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ގައިދީން ޕްރޮމޯޓްކޮށް ހަބަރުތައް ގެނެސްދޭ މީޑިއާތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެކަމާ ގުޅިގެން ރާއްޖެޓީވީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮމިޝަނުގެ އެންގުމަކީ ގާނޫނާ ހިލާފު އެންގުމެއް ކަމަށެވެ. އެންގުމަކީ މީޑިއާތަކަށް ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ. އެ ކޮމިޝަނަށް ލިބިފައިވާ ގާނޫނީ ބާރުގެ ބޭނުން ނާޖައިޒު ގޮތުގައި ހިފަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ.

ބަޔާނުގައި ކޮމިޝަނުން ހަވާލާދީފައިވާ ގަވައިދުގައިވާ ގޮތުން ވެސް ގައިދީއެއްގެ ބަޔާނެއް ނުވަތަ އިންޓަވިއު ގެނެސްގެން ބްރޯޑްކާސްޓަރުން ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ރާއްޖެޓީވީއިން ފާހަގަކުރި އެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގައި ވެސް އެފަދަ ކޮންޓެންޓެއް ގެނައުމަށް މަނާކޮށްފައިނުވާކަން ރާއްޖެޓީވީގެ ބަޔާނުގައި ފާހަގަކުރި އެވެ.