ބޮލީވުޑް

ބިޕާޝާ އާއި ކަރަންގެ އިތުރު ފިލްމެއް

ދެހާސް ފަނަރަ ވަނަ އަހަރު ނިކުތް "އެލޯން" ގައި ފެނިގެންދިޔަ ދެ ތަރިން، ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވަރުގެ މެދުގައި އެ ފިލްމުގެ ޝޫޓިން ތެރޭގައި ވަނީ ވަރަށް ގާތްގުޅުމެއް އުފެދިފަ އެވެ. އެ ފިލްމުގެ ފަހުން ލޯބީގެ ގޮތުން ގުޅުނު އެ ދެ ތަރިން ވަނީ 2016 ވަނަ އަހަރު ކައިވެނިކޮށްފަ އެވެ.

އޭގެފަހުން އެކުގައި ފިލްމަކުން ފެނިގެން ގޮސްފައިނުވާ ކަރަން އާއި ބިޕާޝާ ވަނީ އެކުގައި އިތުރު ފިލްމެއް ކުޅެން ސޮއިކޮށްފަ އެވެ. "އެލޯން" ގެ ޑައިރެކްޓަރު ބޫޝަން ޕަޓޭލް ޑައިރެކްޓްކުރާ "އާދަތް" ކުޅެން މި ދެ ތަރިން ވަނީ ސޮއިކޮށްފަ އެވެ. ލަވަކިޔުންތެރިޔާ މީކާ ސިންގް ޕްރޮޑިއުސްކުރާ މި ފލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ ވިކްރަމް ބަޓް އެވެ.

އަންނަ މަހުގެ 7 ވަނަ ދުވަހު ޝޫޓިން ފަށާ މި ފިލްމު ޝޫޓްކުރުމަށް ހަމަޖެހިފައިވާ ލަންޑަނުގަ އެވެ. އަދި ފިލްމު އަހަރު ފަހުކޮޅު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެ އެވެ.

ކަރަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ނިކުތް "ހޭޓް ސްޓޯރީ 3" އިންނެވެ. މި އަހަރު އޭނާގެ އިތުރު ދެ ފިލްމެއް ރިލީޒް ކުރަން ހަމަޖެހިފަ އެވެ. އެއީ "ތްރީ ދޭވް" އާއި "ފިރްކީ" ކިޔާ ފިލްމެކެވެ.