ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވަރު އަކީ ބޮލީވުޑްގެ އެންމެ ލޯބި ޖޯޑު ތަކުގެ ތެރޭގައި ހިމެނޭ ދެމަފިރިންނެވެ. ކައިވެންޏަށް ފަހު ބިޕާޝާ އާއި ކަރަން ވަނީ ފިލްމީ މަސައްކަތް މަދުކޮށްލާފަ އެވެ. ނަމަވެސް މި ދެމަފިރިން އެކުގައި ކުޅުނު ވެބް ސީރީޒް އެއް ކަމަށްވާ "ޑޭންޖަރަސް" ދާދިފަހުން ވަނީ ރިލީޒް ކޮށްފަ އެވެ.
މި ސީރީޒް ޕްރޮމޯޓް ކުރުމުގެ ގޮތުން އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ނޫސްވެރިއަކު ވަނީ ބިޕާޝާ އާއި ކަރަން އަށް ވަރަށް މުހިއްމު ސުވާލެއް ހުށަހަޅާފަ އެވެ. ދަރިއަކު ހޯދާނީ ކޮން އިރަކުންތޯ އެވެ؟
މި ސުވާލުގެ ޖަވާބުގައި ކަރަން އާއި ބިޕާޝާ ބުނީ އެ ދެ މީހުންނަށް ދަރިއަކު ނުލިބިއްޖެނަމަ ކުއްޖަކު އެޑޮޕްޓް ކުރަން ގަސްތުކުރާ ކަމަށެވެ.
"އަހަރެމެންނަށް ދަރިއަކު ލިބުން އިރާދައިގައި ހުރިއްޔާ ދަރިއަކު ލިބޭނެ. ނުލިބުނަސް މައްސަލައެއް ނެތް. ދަރިއަކު ނުލިބިއްޖިއްޔާ ކުއްޖަކު އެޑޮޕްޓް ކުރަން ވިސްނަނީ،" ބިޕާޝާ ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި އިންޑިޔާގެ ޔަތީމުޚާނާ ތަކުގައި ވަރަށް ގިނަ ކުދިން އެކުދިން ބަލާނެ މީހަކު ނެތިފައި ތިބި ކަމަށާއި އޭގެން ކުއްޖަކު އެޑޮޕްޓް ކުރުމަކީ ވެސް ހަމަ ރަނގަޅު ކަމެއްގެ ގޮތުގައި އޭނާ ދެކެ އެވެ.
"މުސްތަގްބަލުގައި ވާނެ ގޮތެއް ބުނާކަށް ނޭނގޭ. އަޅެ ބަލަން ތިބެމާ ހިނގާ ދޯ. އަހަރެމެން މިހާރު މިކަން ވަނީ ކަލާންގެ އިރާދަ ކުރައްވާ ގޮތަކަށް ވާން ދޫކޮށްލާފައި،" އަންހެނުން ބިޕާޝާ ދެއްކި ވާހަކަތަކާ އެއްބަސް ވަމުން ކަރަން ބުންޏެވެ.