ވިޔަފާރި

އެސްޓީއޯއިން ހިއްސާ އަކަށް 55 ރުފިޔާ ބަހަން ފާސްކޮށްފި

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 55ރ. ބަހަން އެ ކުންފުނިން ނިންމައިފި އެވެ.

ދަރުބާރުގޭގައި އެ ކުންފުނިން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާއަށް ހާޒިރުވެތިބި 121 ހިއްސާދާރުންގެ އަގުލަބިއްޔަތުން ހިއްސާއަކަށް 55 ބަހަން ނިންމުމާ ގުޅިގެން 2016 ވަނަ އަހަރު ބަހަން ނިންމި އަދަދަށްވުރެ 7.8 ޕަސެންޓް އިތުރު އަދަދެކެވެ. އެ ކުންފުނިން 2016 ވަނަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 51ރ. އެވެ.

އެސްޓީއޯއިން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ހިންގާ ގަވާއިދަށް ގެންނަން ބޯޑުން ނިންމާފައިވާ ތިން އިސްލާހެއްވެސް ވަނީ ފާސްކޮށްފަ އެވެ. މިގޮތުން ގެނައި އެއް އިސްލާހަކީ އެސްޓީއޯ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ނަމުގެ ފަހަތަށް، ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މަގާމު ހިމެނުމެވެ.

އެސްޓީއޯއަށް މުޅި ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 269 މިލިއަން ރުފިޔާ ދަށްވެފަ އެވެ. މިއީ 62 ޕަސެންޓް ދަށްވުމެކެވެ. އެސްޓީއޯގެ މުޅި ގްރޫޕަށް 2017 ވަަނަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 160 މިލިއަން ރުފިޔާ އެވެ.

ރާއްޖެއަށް ތެލާއި ބޭސް އެތެރެކުރުމުގައި އެންމެ ލީޑިން ކުންފުންޏަކީ ރައްޔިތުންގެ 18.37 ޕަސެންޓާއި ސަރުކާރުގެ 81.63 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.