ހަބަރު

ފަނޑިޔާރުންނާ ދެކޮޅަށް އެއް ހެއްކެއް ދެ ފަހަރަށް ހެކިބަސް ދީފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް އެއް ހެއްކެއް ދެ މައްސަލައެއްގައި ދެ ފަހަރަށް ހެކި ބަސް ދީފީ އެވެ.

މިރޭ ކުރިއަށް ގެންދިޔަ އަދުލު އިންސާފު ގާއިމު ހުރަސްއެޅި ކަމަށް ބުނާ މައްސަލާގެ އަޑުއެހުމުގައި ސިއްރުން ހެކި ބަސް ދީފައިވަނީ ކޯޓެއްގައި މަސައްކަތް ކުރާ މީހެކެވެ. ކާކުކަން ނޭނގޭ ގޮތަށް އޭނާ ހެކި ބަސް ދެމުން ބުނެފައިވަނީ ކޯޓުގައި ހިނގާ އެކިއެކި މައްސަލަތަކާ ގުޅިގެން އަލީ ހަމީދު ގުޅުއްވައި ބައްދަލުކުރައްވާ ވެސް ހައްދަވާ ކަމަށެވެ.

އަދި ވަކި ގޮތަކަށް މައްސަލަތައް ނިންމުމަށް އިރުޝާދު ދެއްވާ ކަމަށާއި އެކަންކަން ކޮށްދިނުން "ތެންކިއު ބްރަދާ" ފަދަ މެސެޖްތައް ވަޓްސްއެޕްއިން ފޮނުވާ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ. އޭނާގެ ހެކި ބަސް ނަގާފައިވަނީ އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު ފޯނު ގެންގުޅުއްވާކަން ސާބިތުކުރުމަށާއި އެ ފޯނުގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމާއި ރިޝްވަތު ހިފި ކަމުގެ ހެކި ހުންނާނެކަން ސާބިތުކުރުމަށެވެ.

އޭނާ ހެކި ބަސް ދެމުން ދިޔައިރު އުއްތަމަ ފަނޑިޔާރު ވަނީ އަތް މައްޗަށް ނެންގެވުމަށްފަހު އިއުތިރާޒް ކުރައްވާ ކަމަށް ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އޭނާގެ އެ ހެކި ބަހަކީ މީގެކުރިން އެހެން މައްސަލައެއްގައި ނަގާފައިވާ ހެކި ބަހެއް ކަމަށާއި އެ މައްސަލާގައި ހެކި ބަސް ދެމުން ވެސް ދެއްކީ ހަމަ އެ ވާހަކަތައް ކަމަށެވެ. އެއް ހެކި ބަހެއް މެދުވެރިކޮށް ދެ މައްސަލައެއް ސާބިތުކުރުމަކީ އަދުލު އިންސާފުގެ ހަމަތަކާ މުޅިން ހިލާފު ކަމެއް ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރު އަލީ ހަމީދު ވެސް އުއްތަމަ ފަނޑިޔާރަށް ތާއިދު ކުރައްވާ ވާހަކަ ދެއްކެވި އެވެ. އަލީ ހަމީދު ވިދާޅުވީ، ޑަބަލްކޮށް އެއް މައްސަލައެއްގައި އަދަބު ކަނޑަނޭޅޭނެ ކަމަށެވެ. އެއީ ހުއްދަ އަދި ސައްހަ ކަމެއް ވެެސް ނޫން ކަމަށެވެ.

އެއަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް އައިޝަތު ރީޝާ ވިދާޅުވީ، މި ހެކިވެރިޔާގެ ހެކި ބަސް މީގެކުރިން ނަގާފައިވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަން ސާބިތުކުރުމަށް ކަމަށާއި އެ މައްސަލާގައި ހެކީގެ ހެކި ބަހުން ސާބިތުކުރިން އެހެން ކަންތައްތަކެއް ކަމަށެވެ. ނަމަވެސް މި މައްސަލާގައި ސާބިތުކުރަން ބޭނުން ވަނީ އިތުރު ކަންތައްތަކެއް ކަމަށެވެ. ނަމަވެސް ހެކިވެރިޔާ ހެކި ބަސް ދެމުން ދެ މައްސަލާގައި ވެސް ދެއްކީ ހަމަ އެއް ވާހަކަތަކެކެވެ. ދެއްކީ އެއް ހާދިސާތަކެއްގެ ވާހަކައެވެ.

އެގޮތުން ދުވަހު ނޫސް، ހަވީރު މައްސަލަ އާއި ވިލާގެ މައްސަލަތަކާ ގުޅިގެން އަލީ ހަމީދު ގުޅުއްވާ ހެއްދެވި ކަމަށް ހެކިވެރިޔާ ބުނެފައިވެ އެވެ. އުއްތަމަ ފަނޑިޔާރުގެ ފޯނުން އުއްތަމަ ފަނޑިޔާރާ އެއްވެސް މުއާމަލާތެއް ނުކުރައްވާ ކަމަށާއި އަބަދުވެސް ގުޅުއްވަނީ އަލީ ހަމީދުގެ ފޯނުން ކަމަށް ވެސް ބުންޏެވެ.

ދެ ފަނޑިޔާރުން އެ ހެކީގެ ހެކި ބަހާ ގުޅިގެން އިއުތިރާޒް ފާހަގަކުރެއްވި ނަމަވެސް ގާޒީ ހަސަން ނަޖީބު ވަނީ އެ އިއުތިރާޒް ބަލައިނުގަތުމަށް ނިންމަވާފަ އެވެ.

މިރޭގެ ޝަރީއަތުގެ މެދު ތެރެއިން ދެ ފަނޑިޔާރުންގެ ވަކީލުން ވަނީ މައްސަލަ ދޫކުރައްވާ ނުކުމެވަޑައިގެންފަ އެވެ. އެ ބޭފުޅުން މައްސަލަ ދޫކޮށްލެވީ ފުރަތަމަ ސިއްރު ހެކިވެރިޔާއާ ދައުލަތުން ސުވާލުކޮށް ނިންމުމުންނެވެ. އޭރު ވެސް ރައީސް މައުމޫންގެ ވަކީލުން ހާޒިރުވެފައެއް ނުވެ އެވެ. މައުމޫންގެ ވަކީލުން ރޭ ވަނީ މައްސަލަ ދޫކޮށްލައްވާފަ އެވެ. އެހެން ވަކީލެއް ހޯދުމަށް މައުމޫން ބޭނުންފުޅުވި ނަމަވެސް އެކަން އަދި ހަމައެއް ނުޖެހެ އެވެ.

ވަކީލެއް ނެތި އަޑުއެހުން ކުރިއަށް ގެންދަން ދައުލަތުން ވެސް ބޭނުންނުވާ ކަމަށް ރީޝާ ވެސް ވިދާޅުވި އެވެ. ރީޝާ ވިދާޅުވީ، ހެކި ބަސް ނެގުމުގެ މަރުހަލާއަކީ އެންމެ މުހިންމު މަރުހަލާއަށްވާއިރު މައުމޫންގެ ވަކީލުންގެ ހައްގު ނެތި މައްސަލަ ކުރިއަށް ގެންދިޔުމަށް ދައުލަތުން ވެސް ބޭނުންނުވާ ކަމަށެވެ. މައުމޫނަށް އިތުރު ފުރުސަތު ދިނުމަށް އިއުތިރާޒް ނުކުރާ ކަމަށެވެ. ނަމަވެސް ގާޒީ ނިންމެވީ ވަކީލުން ނެތަސް ހެކި ބަސް ނެގުމައިގެން ކުރިއަށްދާށެވެ.

އެހާ ހިސާބުން އުއްތަމަ ފަނޑިޔާރު ވަނީ އެމަނިކުފާނުގެ ތިން ވަކީލުންނަށް މައްސަލަ ދޫކޮށްލެއްވުމަށް އަންގަވާފަ އެވެ. ވަކީލް ހިސާން ހުސެއިންނާއި މަސްތޫރު ހުސްނީ އާއި ނޫރުއްސަލާމް އަބޫބަކުރު މައްސަލައިން ތަނާޒަލްވީ އިންސާފު ހޯދައިދިނުމަށް އެ ބޭފުޅުންނަށް ކުރެއްވޭނެ ކަމެއް ދެން ނެތް ކަމަށް ވިދާޅުވި އެވެ. އެ ވަކީލުން ގާނޫނީ ކަންކަން ފާހަގަކުރެއްވި ނަމަވެސް އެއަށް ގާޒީ ރިޔާއަތް ކުރުމެއް ނެތި އަޑުއެހުންތައް ކުރިއަށް ގެންދަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ އެ ވަކީލުން މަޖިލީހުން ނުކުމެވަޑައިގަތެވެ.

އެ ވަކީލުންނަށްފަހު އަލީ ހަމީދުގެ ވަކީލުން ކަމަށްވާ ސަފާ ޝަރީފާއި އަލީ ޒާހިރާއި އަހުމަދު އަބްދުﷲ އަފީފު ވެސް މަޖިލީހުން ހަމަ އެ ސަބަބުތައް ވިދާޅުވުމަށްފަހު ނުކުމެވަޑައިގަތެވެ. އެ ވަކީލުން މައްސަލައިން ތަނާޒަލްވުމުން އެ ވަކީލުންނަށް ދެން މައްސަލައަށް އަލުން އައްޔަން ނުވެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ވަކީލުން ނުކުމެވަޑައިގަތް ފަހުން ވެސް އިތުރު ތިން ހެއްކެއްގެ ހެކި ބަސް ނެގި އެވެ. ތިން ބޭފުޅުންގެ ވެސް ވަކީލެއްގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ހެކިންނާ، ދެ ފަނޑިޔާރުން ވެސް ވަނީ ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފަ އެވެ. ނަމަވެސް މައުމޫންއާ ދެކޮޅަށް ދައުލަތުން ހުށަހެޅި އެއް ސިއްރު ހެކިވެރިޔާ މައުމޫން އެއްވެސް ސުވާލެއް ނުކުރައްވަ އެވެ. ތަކުރާރު އެދިވަޑައިގަންނަމުން ދިޔައީ ވަކީލެއް ހޯދުމަށް އިތުރު ފުރުސަތު ދެއްވުމަށެވެ.