ވިޔަފާރި

މިދިޔަ އަހަރު އެސްޓީއޯއިން 1.2 ބިލިއަން ރުފިޔާގެ ލޯނު ނެގި

މިދިޔަ އަހަރު އެސްޓީއޯގެ ބައެއް އިންވެސްޓްމަންޓްތައް ކުރިއަށް ގެންދަން 1.2 ބިލިއަން ރުފިޔާގެ ލޯނު ނެގި ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.

އެސްޓީއޯ އިން ދަރުބާރުގޭގައި ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ މިދިޔަ އަހަރު ލޯނުގެ ބޮޑު ބަޔަކީ ފޮނަދޫގައި ތެޔޮ ރައްކާ ކުރާ އިތުރު ވަސީލަތްތައް ގާއިމްކުރަން އިޝޫ ކޮށްފައިވާ ބޮންޑުގެ ފައިސާ ކަމަށެވެ.

"އަޅުގަނޑުމެންގެ ލޯނުތަކުގެ އެވްރެޖު އިންޓްރެސްޓަކީ ގާތްގަނޑަކަށް 6.3 ޕަސެންޓް. މިއީ މި ސަރަހައްދުގައި ލިބޭނެ އެންމެ ކޮމްޕެޓިޓިވް އިންޓްރެސްޓް ރޭޓް. މީގެ މާނައަކީ އެސްޓީއޯއާމެދު ލެންޑިން އެޖެންސީތަކުގެ މެދުގައި އޮތް އިތުބާރާއި ޔަގީންކަން،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ވިއްކި މުދަލަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އެބަހުރި ކަމަށާއި އޭގެ ސަބަބުން ބައެއް މަސައްކަތްތަކަށް ދަތިތައް ކުރިމަތިވާ ކަމަށެވެ.

"އެސްޓީއޯ އަށް އަބަދުވެސް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް ރިސީވަބަލްސް އިތުރުވުން. މިދިޔަ އަހަރުވެސް ވަނީ 42 ޕަސެންޓްތަށް އިތުރުވެފައި. މިކަމުގެ ސަބަބުން އަޅުގަނޑުމެން ކުރަން ބޭނުންވާ ބައެއް ކަންތައް ކުރުމުގައި ދަތިތަކާ ދިމާވޭ. މީގައި އޮތް ޔަގީން ކަމަކީ އަޅުގަނޑުމެންގެ މައިގަނޑު ކަސްޓަމަރުންނަކީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށްވުން،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯއަށް މުޅި ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 269 މިލިއަން ރުފިޔާ ދަށްވެފަ އެވެ. މިއީ 62 ޕަސެންޓް ދަށްވުމެކެވެ. އެސްޓީއޯގެ މުޅި ގްރޫޕަށް 2017 ވަަނަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 160 މިލިއަން ރުފިޔާ އެވެ.