ހަބަރު

ޕްރައިމަރީ ބަލައެއް ނުގަންނަން، އެމްޑީޕީއާ މެދު ފިޔަވަޅު އަޅާނަން: އީސީ

May 31, 2018
29

އެމްޑީޕީއިން އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީއަކީ ޣައިރު ގާނޫނީ ސިޔާސީ ހަރަކާތެއް ކަމަށާއި އެކަމާ ގުޅިގެން އެ ޕާޓީއަށް ފިޔަވަޅުއަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

"އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ، އެމްޑީޕީ އިން އިއްޔެ ބޭއްވި ޕްރައިމަރީ އެ ކޮމިޝަނުން ބަލައި ނުގަންނަ ކަމަށެވެ. އަދި އެއީ ގާނޫނުތަކާއި ގަވާއިދުތަކާ މުޅިން ހިލާފަށް ބޭއްވި ޣައިރު ސިޔާސީ ހަރަކާތެއް ކަމަށް ކޮމިޝަނުން ދެކޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ޕާޓީއާ މެދު ކޮމިޝަނުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.

"އެމްޑީޕީއާ މެދު އަޅާނެ ފިޔަވަޅެއް އަންނަ އާދިއްތަ ދުވަހު އަޅުގަނޑުމެން ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާނަން،" އަކުރަމް ވިދާޅުވި އެވެ.

އެމްޑީޕީއިން އިއްޔެ ރިޔާސީ ޕްރައިމަރީ ބޭއްވީ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން ޕާޓީގެ ޕްރައިމަރީ ނުބޭއްވުމަށް އެ ކޮމިޝަނުން އެ ޕާޓީއަށް ތަކުރާރުކޮށް އަންގާފައި ވަނިކޮށެވެ. އަދި އެކަން އެގޮތަށް ކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް އީސީ އިން ވަނީ މީގެ ކުރިން އެ ޕާޓީއަށް ލިޔުމުން ވެސް އަންގައިފަ އެވެ.

އީސީއިން ބުނަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝަރުތުހަމަނުވާ އެއްވެސް ފަރާތެއް ބައިވެރިކޮށްގެން ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީ ނުބޭއްވޭނެ ކަމަށެވެ. އެހެން ނަމަވެސް، އެމްޑީޕީއިން ބުނަނީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަށް އިލެކްޝަންސް ކޮމިޝަނަށް ގޮތް ނުކިޔޭނެ ކަމަށެވެ. އެކަމާ ގުޅިގެން އީސީއިން އެދިގެން އޭޖީ ހުށަހެޅި މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަން އިއްޔެ ސިވިލް ކޯޓުން އަމުރެއް ނެރުނީ އެ އިންތިހާބު ކުރިއަށް ދަނިކޮށެވެ.

އެއާ އެކު ފުލުހުން އެކި ތަންތަނުގައި ހުރި ވޯޓްފޮށިތަކާއި ވޯޓްލުމުގައި ބޭނުން ކުރާ ކަރުދާސްތައް ގެންދިޔަ އެވެ. އެހެން ނަމަވެސް ، އެމްޑީޕީއިން ވަނީ އެކި ގޮތްގޮތަށް ވޯޓްލުން ކުރިއަށް ގެންގޮސްފަ އެވެ.

އެމްޑީޕީ އިން ބުނެފައި ވަނީ އެ ޕާޓީގެ 44،011 މެންބަރުން ޕްރައިމަރީގައި ވޯޓްލާފައިވާ ކަމަށެވެ. އޭގެ ތެރެއިން ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އާ އެކޭ ބުނެފައި ވަނީ 43،922 މެންބަރުން ކަމަށް އެ ޕާޓީ އިން ބުންޏެވެ. ނުފެންނަ ކަމަށް 14 ވޯޓްވަނީ ލައިފަ އެވެ. އަދި 75 ވޯޓް ވަނީ ބާތިލްވެފަ އެވެ.