ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުންތައް ފުލުފުލުގައި ކޮންމެ ރެއަކަށް ތާވަލުކުރަމުންދާތީ އެ ބޭފުޅުންގެ އެތައް ކަންބޮޑުވުމެއް ފާޅުކުރައްވައިފި އެވެ.
މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް މިދިޔަ ހަފުތާ ނިންމާލިއިރު ޝަރީއަތުގެ ދެ އަޑުއެހުމެއް ރޭ އަދި އޭގެ ކުރީ ރޭ ކުރިމިނަލް ކޯޓުގައި ބޭއްވި އެވެ. އަންގާރަ ދުވަހުގެ ރޭ ބޭއްވި އަޑުއެހުމުގައި ޝަރީއަތް ފެށުމަށް ބޭއްވި އަޑުއެހުމެކެވެ. ރޭ ބޭއްވި ހެކި ބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. ދެ އަޑުއެހުން ވެސް ވަރަށް ދިގުލައިގެން ދިޔައިރު ކޯޓު ނިންމުމަށްފަހު ތިން ބޭފުޅުންނަށް ވެސް ޖަލަށް ވަޑައިގެންނެވުނީ ވަރަށް ދަންވި ފަހުންނެވެ.
އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުން ރޭ ޝަރީއަތުގެ މަޖިލީހުގައި ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނު ރޭގެ އަޑުއެހުމަށް ވެސް ވަޑައިގެންނެވީ މަޖުބޫރުވެގެން އެ ނޫން ގޮތެއް ނެތީމަ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ހަށިކޮޅު އެކަމަށް ތައްޔާރު ނޫން ކަމަށެވެ.
"އަޅުގަނޑު ހާޒިރު ނުވެއްޖެނަމަ މިހާރު ދޭ ބައެއް އިނާޔަތްތައް ނުދޭނެ ކަމަށް ބުނި، އަޅުގަނޑަށް އެތަނުގައި މަޑުކުރެވެނީ ވެސް އެ އިނާޔަތްތައް އެގޮތަށް ލިބޭތީ، އެހެންވެ އެ އިނާޔަތްތައް ކަނޑާލަދާނެ ކަމުގެ ބިރަށް މަޖުބޫރު ވެގެން އައިސް މި ހުރި،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުންނާއި އުމުރުފުޅުން 80 އަށްވުރެ މަތިވެފައިވާތީ ކަނޑުގަދައިރު ކޮންމެ ރެއަކު ދަތުރުކުރުން ވަރަށް ދަތި ކަމަށެވެ. މާލެ ވަޑަައިގެން ކޯޓުގައި އެތައް އިރަކު އިށީނދެއިންނެވުމަށްފަހު އަނެއްކާވެސް އެނބުރި ކަނޑުގައި ދަތުރުކޮށް ވަޑައިގަންނަވަން އެމަނިކުފާނަށް ވަރަށް އުނދަގޫ ކަމަށެވެ.
"އަޅުގަނޑަކީ ގާޒީ އަދި މިތިބި ޕީޖީ ވަކީލުންހާ ޒުވާން މީހެއް ނޫން، އަޅުގަނޑަކީ ތި ބޭފުޅުން ބައްޕަ ނޫނީ މަންމަ ނޫނީ ކާފަ އުމުރުގެ މީހެއް، އެހެންވެ އަޅުގަނޑަށް ދިމާވާ ދަތިތައް ތިޔަބޭފުޅުންނަށް އިހުސާސް ނުކުރެވިދާނެ، އެކަމަކު ވަޒަން ކުރެވޭނެ ދެއްތޯ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނަށް ރޯދަ ހިފަން ވެސް އުނދަގޫ ކަމަށާއި ނަމަވެސް ހަށިގަނޑުގައި ހިތްވަރެއް ހުރުމުން ރޯދައަށް ވެސް ހުންނަވަނީ ކަމަށެވެ. އިންސާނިއްޔަތު ކަމެއް ހުރިނަމަ އެމަނިކުފާނަށް ލުއިފަސޭހަވާނެ ގޮތަށް އަޑުއެހުންތައް ތާވަލުކޮށްދިނުމަށް ވެސް އެދިވަޑައިގަތެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ވިދާޅުވީ، އެމަނިކުފާނު ރޭގެ ކުރީ ރޭ ހުންނެވީ ހާރު ވެސް ނުކައި ކަމަށެވެ. އެ ދުވަހު ވެސް އެއްކޮށް އުޅެން ޖެހުނީ ކޯޓުގަ ކަމަށާއި އަންގާރަ ދުވަހު ރޯދަ ވީއްލި ގޮތަށް ކާއެއްޗެއް ކެއީ އިއްޔެ ރޯދަ ވިއްލަމުން ކަމަށެވެ. އެމަނިކުފާނުގެ ހަޑިގަނޑާއި ފުރާނައަށް އަޑުއެހުންތައް ތާވަލުކުރާ ގޮތުން ގެއްލުންވަމުންދާ ކަމަށެވެ.
ދެ ބޭފުޅުން އެހެން ވިދާޅުވިއިރު ކުރީގެ އަޑުއެހުމެއްގައި އަލީ ހަމީދުގެ ވަކީލް ވެސް ވަނީ ކޮންމެ ރެއަކު އެ ބޭފުޅާއަށް އޮކްސިޖަން ގުޅަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ ރޭގަނޑު އެތައް އިރެއްވަންދެން ކޯޓުގައި އިންވަން ވަރަށް ދަތިވާ ކަމަށް ވިދާޅުވި އެވެ. މިހާރު އެ ތިން ބޭފުޅުންގެ ވަކީލުން ވެސް ވަނީ މައްސަލައިން ތަނާޒަލްވެފަ އެވެ. އެ ބޭފުޅުން މައްސަލާގައި އިތުރު ވަކީލެއް ހޯދަން ބޭނުންވާ ކަމަށް ވިދާޅުވި ނަމަވެސް އެކަމަށް އަޑުއެހުންތައް މެދުކަނޑައެއް ނުލައްވަ އެވެ. އަދި ފުލުފުލުގައި ދަނީ އަޑުއެހުންތައް ތާވަލުކުރަމުންނެވެ.
ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަތައް އަޑުއެއްސެވުމަށްފަހު ވެސް މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބު ވިދާޅުވީ، މިރޭ ވެސް މައްސަލާގެ އަޑުއެހުން އޮންނާނެ ކަމަށެވެ. މިރޭ އޮންނާނީ ދެން ހުރި ދައުލަތުގެ ހެކިންގެ ހެކި ބަސް ނެގުމެވެ. އެއީ ސިއްރު ހެއްކަކާއި ހަތަރު ފުލުހެއްގެ ހެކި ބަހެވެ.