ކުޅިވަރު

ގައުމީ ޓީމުގެ މުބާރާތް ޑިސެމްބަރަށް ފަސްކޮށްފި

ބޭރުގެ ގައުމީ ޓީމުތަކަށް ދައުވަތު ދީގެން ރާއްޖޭގައި އޯގަސްޓް މަހު ބާއްވާ ގޮތަށް އިއުލާން ކުރި ގައުމީ ޓީމަށް ހާއްސަ މުބާރާތް ޑިސެމްބަރު މަހަށް ފަސް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެފްއޭއެމުން ބުނެފި އެވެ.

މި އަހަރުގެ ފުޓްބޯޅަ ކަލަންޑަރު ލޯންޗު ކުރުމަށް ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ޑެޕިޔުޓީ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފައި ވަނީ އޯގަސްޓްގައި ބާއްވާ މުބާރާތުން ސާފް ޗެމްޕިއަންޝިޕްގެ ކުރިން، ގައުމީ ޓީމު ވަރުގަދަ މެޗުތަކެއް ކުޅުމުގެ ގޮތުންވެސް ބާއްވާ މުބާރާތަކަށް އެ މުބާރާތް ވެގެންދާނެ ކަމަށެވެ.

ނަމަވެސް އަހަރު ފަހު ކޮޅު ބާއްވާ ގޮތަށް އެފްއޭއެމްގެ ވިސްނުން ބަދަލުވީ އޯގަސްޓް މަހު އިންޑޮނޭޝިއާގައި ބާއްވާ އޭޝިއަން ގޭމްސްއަށް ތައްޔާރު ވުމުގެ ގޮތުންނެވެ.

"[ގައުމީ ޓީމު] ކޯޗުގެ ޕްލޭންތައް އައުމުން އެ މުބާރާތް އޯގަސްޓްގައި ނުބާއްވާ ގޮތަށް ނިންމީ، އެއީ އޯގަސްޓްގައި އޭޝިއަން ގޭމްސްވެސް އޮތުމުން،" އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވި އެވެ. "މުބާރާތް ފަސް ކުރިނަމަވެސް އަދި ބާއްވާނެ ވަކި ދުވަސްވަރެއް ފައިނަލެއް ނުކުރަން އެކަމާ ބެހޭގޮތުން މަޝްވަރާތައް ކުރަމުން މިގެންދަނީ ބޮޑަށް ބެލެވެނީ ޑިސެމްބަރަށް ކަމަށް."

އިންޑިއާގައި ބާއްވާ ގައުމީ ޓީމުގެ މުބާރާތް މާދަމާ ފަށާނެ އެވެ. މިވަގުތު އިންޑިއާގެ ފުޓްބޯޅަ ސީޒަން ނިމިފައިވުމުން އިންޑިއާއަށް ސާފްޗެމްޕިއަންޝިޕުގެ ކުރިން މުބާރަތް ބޭއްވުމަށް އުނދަގުލެއް ނުވާނެ އެވެ.

އެފްއޭއެމްގެ އަހަރީ ކޮންގްރެސްގައި މިއަހަރަށް ފާސް ކުރި އެފްއޭއެމްގެ ބަޖެޓްގައި ވަނީ، ޕޮމިސްކަޕްގެ ނަމުގައި ބާއްވާ މުބާރާތަކަށް ފައިސާ ކަނޑައަޅާފަ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އޭރު ވިދާޅުވީ ބަޖެޓްގައި ޕޮމިސްކަޕްގެ ނަމުގައި މުބާރާތް ހިމަނާފައި ވީނަމަވެސް މުބާރަތުގެ ނަމެއް މުޅިން ފައިނަލު ނުކުރާ ކަމަށެވެ.

މި އަހަރަކީ ރާއްޖޭގެ ޖުމުހޫރިއްޔަތަށް 50 އަހަރު ފުރޭ އަހަރު ކަމަށް ވުމުން އެފްއޭއެމްގެ ވިސްނުން ހުރީ، ޖުމުހޫރީ 50 އަށް މުބާރާތުގެ ނަން ހާއްސަ ކުރުމަށެވެ.

ޕޮމިސް ކަޕަކީ ބޭރުގެ ކުަލަބުތަކަށް ދައުވަތު ދިގެން ރާއްޖޭގައި ކުރިން ބާއްވަމުން ދިޔަ ކުލަބު މުބާރާތެކެވެ. ދެހާސް ފަނަރަ ވަނަ އަހަރު އެފްއޭއެމުން އިއުލާން ކުރީ، ކޮންމެ ދެ އަހަރު އެއް އަހަރު ޕޮމިސްކަޕް ބާއްވާނެ ކަމަށެވެ.

ބޭރުގެ ގައުމީ ޓީމުތަކަށް ދައުވަތު ދީގެން ރާއްޖޭގައި އެންމެ ފަހުން ބޭއްވި މުބާރާތަކީ، ރާއްޖޭގެ ފުޓްބޯޅަ އަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބުލީ ފުޓްބޯޅަ މުބާރާތެވެ. ފައިނަލުގައި ރާއްޖެ ބަލިކޮށް އެ ފަހަރުގެ މުބާރާތް ކާމިޔާބު ކުރީ ޝްރީލަންކާ އެވެ.