ހަބަރު

ސައިފްގެ ފޯނު މައްސަލާގައި ތަޒްމީލާއި ޝައިޒަލްއަށް ދައުވާކޮށްފި

ފުލުހުންގެ ސާވިސް އިންސްޕެކްޓަރެއްގެ މަގާމުގައި ކުރިން ހުރި ސައިފް ހުސެއިންގެ ފޯނު ފޮރުވި ކަމަށް ބުނެ އޭނާ އަށާއި ހޯމް މިނިސްޓްރީގެ ކުރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުލް ސަމަދާއި ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝަޒައިލް ސިޔާމްގެ މައްޗަށް ދައުވާކޮށްފި އެވެ.

ތިން މީހުންގެ މައްޗަށް ވެސް ކޮށްފައިވަނީ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން މިއަދަށް ތާވަލުކުރި އެވެ. ނަމަވެސް އެ މައްސަލާގައި ވަކާލާތު ކުރައްވާ ދައުލަތުގެ ވަކީލުން އެހެން ޝަރީއަތެއްގައި އަވަތި ނެތި އުޅުއްވާތީ މިއަދުގެ އަޑުއެހުން ކެންސަލް ކުރީ އެވެ.

ސައިފްގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، ގާނޫނީ ވެރިކަން ވައްޓާލަން އުޅުނު މައްސަލާގައި އޭނާ ހައްޔަރުކޮށް އޭނާގެ ފޯނު ހޯދަން އުޅުމުގައި ފޯނު ފެނިފައިނުވާ ކަމަށެވެ. ތަހުގީގަށް ފޯނު ހޯދަން ފުލުހުން މަސައްކަތްކުރި ސައިފް އިތުރު ބަޔަކާއެކު ކެފޭއެއްގައި އިނުމަށްފަހު ފޯނު މޭޒުމަތީ ބާއްވާފައި ގޮސް ފުލުހުންނަށް ފޯނު ދީފައިނުވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

ދައުވާގައިވާ ތަޒްމީލް އާއި ޝަޒައިލްގެ މައްޗަށް ދައުވާކޮށްފައިވަނީ ސައިފް މޭޒުމަތީ ބާއްވާފައި ދިޔަ ފޯނު ނަގާ އެއާ ގުޅިފައިވާތީ އެވެ. އަދި، އެ ފޯނު ހޯދުމަށް ފުލުހުން ސުވާލު ކުރުމުން ފޯނު ނެތް ކަމަށް ބުނެފައިވާތީ އެވެ.

މިއަދުގެ އަޑުއެހުން ފެށުމަށް ސައިފާއި ޝައިޒަލް އަދި ތަޒްމީލް ވެސް ޝަރީއަތުގެ މަޖިލީހަށް ވެއްދި އެވެ. މައްސަލަ ކެންސަލްކުރީ އަޑުއެހުމަށް ނޫސްވެރިން ވެސް ވެއްދުމަށްފަހު އެވެ. ސައިފް މިހާރު ވެސް ހުރީ ކަރެކްޝަންގެ ބަންދުގަ އެވެ. އޭނާ ބަންދުކޮށްފައިވަނީ ޝަރީއަތް ނިމެންދެނެވެ.

ތަޒްމީލާއި ޝައިޒަލް ވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ތިއްބެވެ. ނަމަވެސް ހާލަތު ނިމުމާއެކު އެ ދެ މީހުން ވަނީ ބަންދުން ދޫކޮށްލާފަ އެވެ.