ވިޔަފާރި

5.8 މިއީ ނަމްބަރެއް ނޫން: އާޝޯހުކޮށްލާ، އަޖައިބެއް!

ހުރަވަޅި ރިސޯޓުން: މުހައްމަދު އަފްރާހު
Jun 1, 2018
12

މަތިން ބަލާއިރު ތަފާތެއް ނެތެވެ. ހަމައެކަނި ފެންނަނީ ފާލަމެކެވެ. އަދި އިމާރާތެކެވެ. އެކަމަކު މިއީ ދުނިޔޭގެ ގިނަ ބަޔަކު އެންމެ ވަންނަން ބޭނުން ވާނެ އެއް ތަނަށްވާނެ އެވެ. އަހަރެން މި ފައިބަކި ދުނިޔޭގެ އެންމެ ބޮޑު މޫދު އަޑީގެ ރެސްޓޯރެންޓް "5.8" އަށެވެ. ޅ. ހުވަރަޅި ރިސޯޓުގައި ހަދާފައިވާ މި ރެސްޓޯރެންޓުގައި ތިބޭއިރު ފެންނަ މަންޒަރުތައް އާޝޯހުކޮށްލާހާ އަޖައިބުވެ އެވެ.

ވަރުގަދަ ބިއްލޫރިން ހަދާފައިވާ 5.8 އަށް ފައިބަން ޖެހެނީ ވަށް ސިޑިއަކުންނެވެ. މި ތަން ހަދާފައިވަނީ މޫދުގެ ވަކި ހިސާބަށް ފޭބޭ ވަރަކަށް ކަނޑުގެ ރީތި މަންޒަރުތައް ފެންނަން ފަށާ ގޮތަށެވެ. އެކަމަކު އޭރު އަދި މުޅިން ރެސްޓޯރެންޓުގެ ފުލަށް ނުފޭބޭނެ އެވެ. ވަށް ބުރަކަށް ހަދާފައިވާ ސިޑިން ވަކި ހިސާބަކަށް ފައިބާ ތަނުން ކަނޑުގެ ރާޅުތައް ފެންނަން ފަށާނެ އެވެ. އެ މަންޒަރު ދައްކަނީ ބިއްލޫރިން ހަދާފައިވާ ފަސް ފޫޓު "ދޮރަކުން" ނެވެ. އެ ތަނުން ފެނުގެ މަތި ފެންނަ ގޮތަށް ހަދާފައިވާ މި ގޮޅިން ދިޔަ ވަރަށް އަންނަ ބަދަލު ރީތިކޮށް ފެންނާނެ އެވެ. އިރު އަރާ މަންޒަރު ވަރަށް ރީތިކޮށް ފެންނާނެ އެވެ. އިރު ފެނުން ތޮޅެލާ އެންމެ ހިތް ގައިމު މަންޒަރު ފެންނާނީ މި ތަނުންވެ.

ފިނި، އެކަމަކު އެއާކޯން "ނެތް"

ހުރަވަޅި ރިސޯޓުގެ ކަނޑުގެ އުރަފަށުގައި މި ރެސްޓޯރެންޓް ހަދައި މި ތަނަށް" 5.8" ކިޔާފައިވަނީ ރެސްޓޯރެންޓް ފައްތާފައިވަނީ 5.8 މީޓަރު (19.0289 ފޫޓު) ފުނަށެވެ. ރެސްޓޯރެންޓުގެ ބަރު މިނުގައި 500 ޓަނު ހުރެ އެވެ. މިތަން ހަދާފައިވަނީ އަންޑަ ވޯޓާ ރެސްޓޯރެންޓްތަކާއި އެކުއޭރިއަމްތައް ތައްޔާރުކުރަން ދުނިޔޭގައި މަޝްހޫރު ނިއުޒިލޭންޑުގެ ކުންފުންޏަކުންނެވެ. ބޭރުގައި ތައްޔާރުކޮށްގެން ރެސްޓޯރެންޓު ގެނެސް މި ސަރަހައްދުގައި ބެހެއްޓީ އެވެ. މިތަން ފަރުމާކޮށްފައިވަނީ ރެސްޓޯރެންޓުގެ އަޑިއަށް ދެވޭ ވަރަކަށް ފިނިކަން އިހުސާސް ކުރެވޭ ގޮތަކަށެވެ. ފިނިކަން އިހުސާސް ކުރެވުނު ނަމަވެސް އެއާކޯންތައް ހުންނަނީ ފެންނާކަށް ނޫނެވެ.

ރެސްޓޯރެންޓަށް ކަރަންޓު ދެނީ ސޯލާ ޕެނަލްތަކެއްގެ އެހީގަ އެވެ. އެކަމަށްޓަކައި ރެސްޓޯރެންޓަށް ވަންނަން އަންނަ ފާލަމުގެ މަތީގައި 930 ކިލޯ ވޮޓްގެ ޕެނަލްތަކެއް އަޅާފައިވެ އެވެ. މިތަން ފިނި ކުރަން ބޭނުންކުރާ އެއާކޯންތައް ހަރުކޮށްފައި ހުންނަނީ ރެސްޓޯރެންޓުގެ އަރިމަތީގަ އެވެ. އަރި މަތީގައި އިށީނދެ ތިބެން ހާއްސަކޮށްފައި ހުންނަ ބެންޗުގައި އިންނައިރު މި އިހުސާސް ވަީ އެއާކޯންގެ ފިނި ކަމެވެ.

ހުރަވަޅީގައި ހުޅުވާފައިވާ މޫދު ކަނޑުއަޑީގެ ރެސްޓޯރެންޓުގެ މަތީގައި ރެހި އައިން

އެކި ވަގުތަށް އެކި މޫސުން

އާއްމުކޮށް ރާއްޖޭގައި އޮންނަނީ ދެ މޫސުމެވެ. އެކަމަކު 5.8 އަށް ކޮންމެ ދުވަހު ތިން ގަޑިއަށް "މޫސުން" ބަދަލުވާނެ އެވެ. މި ރެސްޓޯރެންޓަށް ފޭބި ގަޑިއަކީ މިގޮތުން އެންމެ ރީތި އެއް ވަގުތެވެ. ރެސްޓޯރެންޓަށް ވަންނަ މީހަކަށް ކަނޑު އަޑީގެ މަންޒަރުތައް ދައްކައިދޭން ރެސްޓޯރެންޓުގެ ކައިރި އަށް ކުޑަ ދޯންޏެއް ވަނީ ފައްތާލާފަ އެވެ. މި ދޯނީގެ ސަބަބުން މި ސަރަހައްދުގެ މަންޒަރުތައް އިތުރަށް ފުރިހަމަކޮށްދެ އެވެ. މި ތަނަށް އެންމެ ރީތި "މޫސުން" އަންނަ ގަޑިއަކީ އިރުއޮއްސޭ ވަގުތެވެ. އިރު އޮއްސެން ދާއިރު އިރުގެ ދޯދިތައް ރެސްޓޯރެންޓުގެ ތެރެ އަށް ލޮނުގަނޑުގެ "ކަފާލާފައި" ފާއްދާލާ ގަޑިއަކީ މުޅި މަންޒަރު ބަދަލުކޮށްލާ ވަގުތެވެ.

"ހަމަ އަޖައިބު ވާނެ ބައެއް ގަޑިތަކުގައި މިތަން. ހެނދުނު އަންނާނެ ބޮޑެތި ރެހި އައިން ހަދާފައި. އައިސް މަޑުކޮށްގެން ތިބޭނީ ރެސްޓޯރެންޓުގެ މަތީގައި،" ރެސްޓޯރެންޓުގެ ތެރޭގައި ހުރި ހުރަވަޅި ރިސޯޓުގެ މުވައްޒަފު 5.8 ސިފަކޮށް ދިނެވެ. މި ވެސް ވަގުތެވެ.

ރެސްޓޯރެންޓުގައި އެއްފަހަރާ 24 މީހުންނަށް ކާން ތިބިވޭނެ ޖާގަ އޮވެ އެވެ. މިތަން ހުންނަނީ ކަނޑުގެ އުރަފަށުގައި ކަމަށްވާތީ، މި ރެސްޓޯރެންޓުގެ ކައިރި އަށް ބޮޑެތި މަސްތައް ވެސް ޒިޔާރަތް ކުރެ އެވެ. އެންމެ ހާއްސަ އެއް މެހުމާނަކީ ކޮންމެ ދުވަހަކު އެއް ވަގުތެއްގައި މިތަން ބަލަން އަންނަ ވެލަ އެއް ކަމަށްވެ އެވެ. އަދި އަނދިރިވާ އިރަށް އަންނަ މިޔަރުތަކާއި ބޮޑެތި ރަތްމަސް އަދި މުޑަ ހަނދި ތަކަކީ ޓޫރިސްޓުން އާޝޯހު ކޮށްލާ އެއްޗިއްސެވެ.

ރާއްޖެ އަށް މަޝްހޫރުކަން

ފަސް އިންޗީގެ ވަރުގަދަ ބިއްލޫރިން ހަދާފައިވާ، މި ރެސްޓޯރެންޓުގައި ހެނދުނުގެ ސައެއް ތައްޔާރު ކޮށްދޭނީ ބޮލަކަށް ގާތްގަނޑަކަށް 500 ޑޮލަރަށެވެ. އަދި ރޭގަނޑު އަގު ބޮޑުވާނެ އެވެ. މީގެ އިތުރު މި ތަނަކީ ވެޑިންތައް ވެސް ބާއްވަން މަޝްހޫރު "ސްޕޮޓެ" ކެވެ. އެހެންވެ ބައެއް މުއްސަނދިން ރެސްޓޯރެންޓްއެއްކޮށް ބުކްކޮށްލަ އެވެ. މިހާރު މިތަނަކީ ރާއްޖެ އިޝްތިހާރުވާ އެއް ސަބަބެވެ. މިތަނުގެ ތެރޭގައި ހުންނައިރު ފެންނަ ގުދުރަތީ ރީތި މަންޒަރުތަކުން ބައެއް ޓޫރިސްޓުން ރޯ ކަމަށްވެ އެވެ. އެހާވެސް ރީތި މަންޒަރުތައް މިތަނުގައި ތިބޭއިރު ފެންނާނެ އެވެ. ރެސްޓޯރެންޓުގެ ތެރޭގައި ހުންނައިރު ބައެއް ފަހަރު، މި ބޮޑެތި މަސްތައް އަތުގައި ޖެހިދާނެހެން ވެސް ހީވާފަހަރުދެ އެވެ. ހަމަ ގައިމުވެސް 5.8 އަކީ ނަމްބަރެއް ނޫނެވެ. މިއީ އާޝޯހުކޮށްލާ އަޖައިބެކެވެ.